ސުޝްމިތާ ސެން އަންނަ އަހަރު ކައިވެނިކުރަނީ
ސުޝްމިތާ ސެން އަންނަ އަހަރު ކައިވެނިކުރަނީ

ކުރީގެ މިސް ޔުނިވާސް އަދި ބޮލީވުޑްގެ ބަތަލާ ސުޝްމިތާ ސެން އަންނަ އަހަރު ކައިވެނިކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ސުޝްމިތާ، 42، މިހާރު ރައްޓެހިވެގެން އުޅެނީ ރޮހްމާން ޝޯލް، 27، ކިޔާ މޮޑެލްއަކާ އެވެ. އެ ދެ މީހުންގެ ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ ދެ މަހެއްހާ ދުވަސްވެފައިވާ އިރު، ބައްދަލުވީ ފެޝަން ޝޯއަކުން ކަމަށްވެ އެވެ.

ރޮހްމާންއާ ރައްޓެހިވެގެން އުޅޭކަން ސުޝްމިތާ ރަސްމީކޮށް ކަށަވަރުކޮށް ނުދިން ނަމަވެސް މި ފަހުން އޭނާދާ ކޮންމެ ތަނަކަށް ދަނީ ރޮހުމާންއާ އެކުގައިކަން ފާހަގަކޮށްލެވެ. އެގޮތުން ބޮލީވުޑްގެ މަޝްހޫރު ބައެއްގެ ތަރިންގެ މި ފަހަރު ދިވާލީ ޕާޓީގައި ސުޝްމިތާ އާއި ރަހުމާން ބައިވެރިވީ އެކީގަ އެވެ.

ވަކިން ހާއްސަކޮށް ޝިލްޕާ ޝެޓީގެ ދިވާލީ ޕާޓީގެ ތެރެއިން ދެ މީހުން ވަނީ ކެމެރާތަކަށް ހުއްޓި ފޮޓޯ ނެގުމުގެ ފުރުސަތު ވެސް ދީފަ އެވެ.

އަނެއްކޮޅުން ސުޝްމިތާގެ އިންސްޓަގްރާމްގައި ވެސް ރަހުމާނާ އެކު ނަގާފައިވާ ބައެއް ފޮޓޯތައް ހިއްސާކޮށްފައިވެ އެވެ. އޭގެ ތެރޭގައި އޭނާ އެޑަޕްޓްކޮށްގެން އުޅޭ ދެ އަންހެން ދަރިންނާ އެކު ނަގާފައިވާ ފޮޓޯއެއްގައި ސުޝްމިތާ ފެންނަނީ ރަހުމާންގެ އުނގުތެރޭގައި އިންދަ އެވެ. އަދި ދާދި ފަހުން ބައެއް ރައްޓެހިންނާ އެކި ދެ މީހުން ތާޖް މަހަލް އަށް ވެސް ޒިޔާރަތްކޮށް އެތަނުގެ ބޭރުގައި ނަގާފައިވާ ފޮޓޯތަކެއް ވެސް ހިއްސާކޮށްފައިވެ އެވެ.

މީގެ ކުރިން 12 ވަރަކަށް މީހުންނާ ލޯބީގެ ގުޅުން ބޭއްވި ސުޝްމިތާ ކައިވެންޏަށް ތައްޔާރުވަމުން އަންނަ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރަން ފަށާފައިވާ އިރު، ޑީއެންއޭ އިން ބުނީ ކައިވެނި ކުރާނީ އަންނަ އަހަރުގެ ފިނި މޫސުމުގައި ކަމަށެވެ.

"ރަހުމާން ވަނީ ސުޝްމިތާ އަށް މިހާރު ރަސްމީކޮށް ޕްރޮޕޯޒް ވެސްކޮށްފައި. އެހެންވެ ކައިވެނި އޮތީ ހަމަ ޔަގީނުން ވެސް އަންނަ އަހަރަށް ޕްލޭންކޮށްފައި،" ސުޝްމިތާއާ ގާތް މީހަކާ ހަވާލާދީ އެ ނޫހުން ބުންޏެވެ.

ފިލްމު "ދަސްތަކް" އިން 1996 ގައި ބޮލީވުޑަށް ނުކުތް ބަތަލާ އެންމެ ފަހުން ކުޅުނު ފިލްމަކީ 2015 ގެ ބެންގާލީ ފިލްމު "ނިރުބާކް" އެވެ. "މޭ ހޫ ނާ" ފަދަ ހިންދީ ފިލްމުތައް ކުޅުނު ސުޝްމިތާގެ އެންމެ ފަހުގެ ހިންދީ ފިލްމަކީ 2010 ގެ "ނޯ ޕްރޮބްލެމް" އެވެ.