ދެ އަހަރު ތެރޭ ނަޑާލް ފަސް ވަަނަ އޮޕަރޭޝަން ކުރަނީ
ދެ އަހަރު ތެރޭ ނަޑާލް ފަސް ވަަނަ އޮޕަރޭޝަން ކުރަނީ

ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާ ގުޅިގެން މި ސީޒަނުގައި ދެން ނުކުޅޭނެކަން އިއުލާންކޮށްފައިވާ ސްޕެއިނުގެ ޓެނިސް ކުޅުންތެރިޔާ ރަފައެލް ނަޑާލް ދެ އަހަރު ތެރޭ ފަސް ވަނަ އޮޕަރޭޝަނެއް ކުރަން ތައްޔާރުވެއްޖެ އެވެ.

މި އަހަރު ފެށުނުއިރު ރޭންކިންގެ އެއް ވަނައިގައި އޮތް އުމުރުން 32 އަހަރުގެ ނަޑާލް އަހަރުގެ ކުރީކޮޅުގައި ރަނގަޅު ކުޅުމެއް ދެއްކި ނަމަވެސް ފަހަކަށް އައިސް އަނިޔާއާ ހެދި ހުރީ ކުޅުމާ ދުރުގަ އެވެ. މިދިިޔަ ހޯމަ ދުވަހު އާންމުކުރި ޓެނިސްގެ ފަހުގެ ރޭންކިންގައި ނަޑާލަށް ވަނީ އެއް ވަނަ ގެއްލިފަ އެވެ. އެއް ވަނަ އަށް އެރީ ސާބިއާގެ ނޮވަކް ޖޮކޮވިޗް އެވެ.

ނަޑާލް ވަނީ މިދިޔަ ދެ އަހަރު ތެރޭ މީގެ ކުރިން ހަތަރު އޮޕަރޭޝަނެއް ކޮށްފަ އެވެ. މި ފަހަރުގެ ސީޒަން ނިންމާ މުބާރާތް އޭޓީޕީ ފައިނަލްސްގައި ބައިވެރިނުވާން ނަޑާލް ނިންމީ ފައިގެ ކުޑަހުޅުގެ އޮޕަރޭޝަނެއް ކުރަން ޖެހިގެންނެވެ. މީގެ ކުރިން ވެސް އޭނާ ވަނީ ފައިގެ ދެ އޮޕަރޭޝަނެއް އަދި އަތުގެ ދެ އޮޕަރޭޝަނެއް ކޮށްފަ އެވެ.

"އަހަރެންގެ ސީޒަން ނިމިއްޖެ. މިއީ އަހަންނަށް ތަފާތު ތަޖުރިބާތަކެއް ކުރެވުނު އަހަރެއް. އަހަންނަށް ކުޅެވުނު އިރު މިއީ ވަރަށް ރަނގަޅު އަހަރެއް. ލިބުނު އަނިޔާތަކަށް ބަލާއިރު ވަރަށް ގޯސް އަހަރެއް،" ނަޑާލް ވަނީ ރެކޯޑް 11 ވަނަ ފަހަރަށް ފްރެންޗް އޯޕަން ކާމިޔާބުކޮށް ވިމްބަލްޑަން އާއި ޔޫއެސް އޯޕަންގެ ސެމީ ފައިނަލުގައި ކުޅެފަ އެވެ.

ނަޑާލްގެ ކަނާތު ކުޑަހުޅަށް އަނިޔާވީ މިދިޔަ ސެޕްޓެމްބަރު މަހު ކުޅުނު ޔޫއެސް އޯޕަން ސެމީ ފައިނަލުގައި ހުއާން މާޓިން ޑެލްޕޮޓްރޯއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އޭގެ ފަހުން އޭނާ ވާދަވެރި މެޗެއްގައި ނުކުޅެ އެވެ. ފާއިތުވި ހަފްތާގައި ނިމުނު ޕެރިސް މާސްޓާސްގައި ނަޑާލް ނުކުޅުނީ ބަނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުންނެވެ.

"އަހަރެން ހުރިހާ އޮޕަރޭޝަނެއް ކޮށްގެން އެނބުރި ކުޅުމަށް މި އަންނަނީ ކުރިއަށްދާން ބޭނުންވާތީ. ވަރަށް ބޭނުންވި ސީޒަނުގެ ފަހު މުބާރާތުގައި ކުޅެން. އެކަމަކު އެ ހުވަފެން އެ ދިޔައީ. އަހަރެން އަނިޔާގައި ހުރެ ވެސް ކުޅެފިން. އެކަމަކު ދެން ބޭނުންވީ ފިޓްވެގެން އަންނަން،" އަންނަ އަހަރު އެނބުރި އަންނާނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދެމުން ނަޑާލް ބުންޏެވެ.