ޗުއްޓީ ދަތުރުގައި ދަރިން ބަލާނެ މީހަކު ހޯދަން އިއުލާންކޮށްފި
ޗުއްޓީ ދަތުރުގައި ދަރިން ބަލާނެ މީހަކު ހޯދަން އިއުލާންކޮށްފި

އިނގިރޭސިވިލާތުގެ އަންހެނަކު ކުރިއަށް އޮތް ކްރިސްމަސް ޗުއްޓީ އަށް ބަހާމާސް އަށް ދާން ނިންމާފައިވާތީ އެ ދަތުރުގައި ބައިވެރިވެ، އޭނާގެ ދަރިން ބަލާނެ މީހަކު ހޯދަން އިއުލާން ކުރުމުން ގިނަ ބައެއްގެ ސަމާލުކަން ހުއްޓިއްޖެ އެވެ.

ޑެއިލީމެއިލުން ބުނި ގޮތުގައި ލަންޑަންގެ ބޭންކެއްގެ އެކްޒެކެޓިވެއްގެ ވަޒީފާ އަދާކުރަމުން އަންނަ "އެސް ޖެނާ" ގެ ދެ ކުދިން ބަލައިދޭނެ މީހަކު ހޯދަން އިއުލާން ކުރީ އިނގިރޭސި ބޭބީސިޓިން އެޕް ބަބްލްގަ އެވެ. އޭނާ ބުނި ގޮތުގައި "ކުއްޔަށް ނެނީ" އަކު ހޯދަން ނިންމީ ދަރިން ބަލައިދޭ ނެނީ އަށް އެ މީހުންގެ ބަހާމާސް ދަތުރުގައި ބައިވެރިވެވެން ނެތުމުންނެވެ.

އެހެންވެ ނެނީއާ އެކު ހޯދަން އިޝްތިހާރު ޖެހުމާ އެކު 200 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ވަނީ އެޕްލައިކޮށްފަ އެވެ. ޗުއްޓީ ދަތުރު ފަށާ ތާރީހަކީ މި މަހުގެ 20 ވަނަ ދުވަހެވެ. އަދި އެޕްލައި ކުރުމުގެ ފުރުސަތު އަދިވެސް އޮތީ ހުޅުވާލައިފަ އެވެ.

"އެސް ޖެނާ" ގެ އިއުލާނުގައިވާ ގޮތުން ދެ ހަފުތާގެ މުއްދަތަށް ދަރިން ބަލަން ދަތުރުގައި ބައިވެރިވާ މީހާ އަށް ފައިވް ސްޓާ ފެންވަރުގެ ހިދުމަތްތައް ލިބޭނެ އެވެ. އޭގެ ތެރޭގައި ޕްރައިވެޓް ވިލާއަކާއި ހޮޓް-ޓަބް އަދި ސްޕާ ފަދަ ހިދުމަތްތައް ލިބޭނެ އެވެ. މީގެ އިތުރުން ރަނގަޅު މުސާރައެއް ވެސް ލިބޭނެ އެވެ. އަމިއްލަ އަށް އެއްވެސް ހަރަދެއް ކުރާކަށް ނުޖެހޭނެ އެވެ.

ދަތުރުގެ ތެރޭގައި މައިގަނޑު ގޮތަކަށް ކުރަން ޖެހޭނެ ކަމަކީ ދެ އަންހެން ދަރިންނަށް ކާން ދިނުމާއި ފެންވަރުވައި ރީތި ކުރުމާއި 4 އަހަރާއި 2 އަހަރު ދެ ކުދިންގެ ކަންކަން ވީހާ ވެސް ގާތުން ބެލުމެވެ. އެކަމަކު މި މަސައްކަތުގެ ތެރެއިން ވެސް ހުސް ވަގުތު އެ މީހަކަށް ދެވޭނެ އެވެ.

ބަބްލްގައި ޖެހި އިއުލާނަށް އެތައް ބައެއްގެ ސަމާލުކަން ހުއްޓުމުން އޭގެ އެއް ބާނީ އަދި ތިން ކުދިންގެ ބައްޕަ އެރީ ލާސްޓް ބުނީ އޭނާ ވެސް އެޕްލައި ކުރަން އުޅުނު ކަމަށެވެ.

"އެކަމަކު އަހަރެމެންގެ ކްރިސްމަސް ޗުއްޓީ ހަރާބުވެދާނެ ކަމަށް ބުނެ އަންހެނުން އެކަން ހުއްޓުވީ،" އޭނާ ބުންޏެވެ. "މިއީ މިހާތަނަށް އަހަރެމެންގެ އެޕްގެ އިޝްތިހާރަކަށް މިހާ ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ފުރަތަމަ ފަހަރު."