11 ނޮވެމްބަރ 2018 - 09:23

ބަޔާން މިއުނިކްގެ ކޯޗަކަށް ހުރެ ޕެޕް ގާޑިއޯލާ މެންޗެސްޓާ ސިޓީއާ އެކު ސިއްރު ބައްދަލުވުންތަކެއް ބާއްވައި އެ ޓީމާ އެކު އެއްބަސްވުމެއްގައި ސޮއިކުރިކަމަށް މީޑިއާ އިން ތުހުމަތުކޮށްފި އެވެ.
ފުޓްބޯޅަ ލީކްސްގެ ނަމުގައި ޖަރުމަނުގެ މީޑިއާ ޑިއާ ސްޕީގަލް އިން ދާދި ފަހުން އާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނީ ސިޓީން ގާޑިއޯލާ ކޯޗަކަށް ގެނައި އެއްބަސްވުން މީޑިއާ އަށް އާންމުކުރީ ކޮންޓްރެކްޓެއްގައި އޭނާ ސޮއިކުރިތާ ހަތަރު މަސް ދުވަސް ފަހުން ކަމަށެވެ.
ސިޓީން ގާޑިއޯލާ ކޯޗަކަށް ގެންނަކަން އިއުލާންކުރީ 2016 ވަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ. އެކަމަކު ޑިއާ ސްޕީގަލް އަށް ލިބިފައިވާ ލިޔެކިޔުންތަކަށް ބަލާއިރު ސިޓީގެ ޑިރެކްޓަރު ޓިކްސީ ބެއިރިސްޓެއިން އާއި ގާޑިއޯލާ ވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ބާސެލޯނާގައި ބައްދަލުކޮށް މަޝްވަރާތައް ބާއްވައިފަ އެވެ. އަދި ގާޑިއޯލާ ސިޓި އަށް އަންނަން އެއްބަސްވުމުގައި ސޮއިކުރީ 2015 ވަނަ އަހަރު އޮކްޓޫބަރު 10 ވަނަ ދުވަހު ކަމަށެވެ. އެއީ ބަޔާނުގައި ހުރި ފަހު ސީޒަން ފެށުނުތާ ތިން މަސް ވެސް ފުރިހަމަ ނުވަނީހެވެ.
ލީކުވި ލިޔެކިޔުންތަކަށް ބަލާއިރު ސިޓީގެ ކޯޗަކަށް ގާޑިއޯލާ ހަމަޖެއްސީ ފުރަތަމަ ސީޒަނުގައި މުސާރައިގެ ގޮތުގައި 13.5 މިލިއަން ޕައުންޑަށެވެ. އަދި ދެ ވަނަ ސީޒަނުގައި އެ މުސާރަ 16.17 މިިލިއަން ޕައުންޑަށް ބޮޑުވާ ގޮތަށެވެ. ގާޑިއޯލާގެ ފުރަތަމަ ސީޒަނުގައި ސިޓީ ހުސްއަތާ ނިންމާލި ނަމަވެސް ދެ ވަނަ ސީޒަނުގައި ގިނަ ރެކޯޑްތަކަކާ އެކު ވަނީ ޕްރިމިއާ ލީގު ކާމިޔާބުކޮށްފަ އެވެ. އަދި ލީގު ކަޕްގެ ތަށި ވެސް އުފުލާލި އެވެ.
ޑިއާ ސްޕީގަލް އިން ވަނީ ސިޓީ އާއި ޕީއެސްޖީން ފައިނޭންޝިއަލް ޕެއާޕްލޭ (އެފްއެފްޕީ)ގެ ގަވާއިދާ ހިލާފަށް ހަރަދުކުރާ ގޮތްތަކުގެ ތަފްސީލް ހާމަވާ ލިޔެކިޔުންތަކެއް ވެސް އާންމުކޮށްފަ އެވެ. އޭގައިވާ ގޮތުން ސިޓީ އާއި ޕީއެސްޖީން އެފްއެފްޕީ އަށް މަކަރު ހަދަނީ ތަފާތު ގިނަ ސްޕޮންސަރުންތަކެއް ކްލަބްތެރެއަށް އުސޫލުން ބޭރުން ވައްދައިގެންނެވެ.
މި ތުހުމަތުތަކާ ގުޅޭގޮތުން ގާޑިއޯލާ ވަނީ ސިޓީ އެންމެ ފަހުން ކުޅުނު ޗެމްޕިއަންސް ލީގުގެ މެޗުގެ ކުރިން ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނީ ސިޓީގެ ކާމިޔާބީއާ ހަމައެކަނި ގުޅުން ހުރީ ފައިސާއެއް ނޫން ކަމަށެވެ.
"ވިޔަފާރި އަކީ އެހެން ކަމެއް. އަހަންނަކީ މި ޓީމުގެ ކޯޗު. މި ޓީމު ދަނޑުމަތީގައި ކުރާ ކަންތައްތަކާ ޒިންމާނަގަނީ އަހަރެން. ޔަގީންކަމާ އެކު އަހަރެން ބުނާނަން މި ޓީމުގެ ކާމިޔާބީގެ ފަހަތުގައި އޮތީ ހަމައެކަނި ފައިސާއެއް ނޫން. އަހަންނަށް ޔަގީން މި ޓީމުން އުސޫލުން ބޭރުން އެއްވެސް ކަމެއް ނުކުރާކަން. ސިޓީ ދަނީ ގަވާއިދަށް ހުރުމަތްތެރިކޮށް ހިތަމުން،" ގާޑިއޯލާ ބުންޏެވެ.
ސިޓީގެ ސްޕޯކްސްޕާސަން ސިމޯން ހެގީ ދާދި ފަހުން ވިދާޅުވީ އެ ކްލަބާ ގުޅުންހުރި ތަފާތު ލިޔެކިޔުންތައް އާންމުކުރަނީ އެ ޓީމުގެ އަގުވައްޓާލުމުގެ ރޭވުމެއްގެ ދަށުން ކަމަށެވެ.