ކެއާ ސޮސައިޓީއަށް 20 އަހަރު: ގޮންޖެހުންތަކާ އެކު ވެސް ކުރިއަށް
ކެއާ ސޮސައިޓީއަށް 20 އަހަރު: ގޮންޖެހުންތަކާ އެކު ވެސް ކުރިއަށް

ޑިވެލޮޕްމަންޓް ފިޒިއޮތެރަޕިސްޓެއްގެ އެހީގައި އައިމަން ،23، އަށް އަމިއްލަ އަށް ކޮޅަށް ހުރެވުނެވެ. އަމިއްލައަށް ބައެއް ތަކެތި ނަގައި، ބަހައްޓާ ހެދުނެވެ. ސެރެބަލް ޕަލްސީގެ ސަބަބުން ދިމާވާ އުނދަގޫތަކުން މުޅިން ސަލާމަތް ނުވެވުނު ނަމަވެސް ކުޑަކުޑަ މިނިވަންކަމެއް އޭނާ އަށް ލިބުނެވެ.

އެކަމަކު އައިމަންގެ (އަސްލު ނަމެއް ނޫން) މި އުފާވެރިކަން އެހާ ގިނަ ދުވަހަކަށް ދެމިގެންނެއް ނުދިޔަ އެވެ. އެހެންކަމުން މިހާރު އޭނާއަށް މޭޒުމަތީގައި އޮންނަ ސަމްސަލެއް ނަގަން ޖެހެނީ އެހެން މީހެއްގެ އެހީގަ އެވެ. ސަބަބަކީ އޭނާއަށް ދެމުން ގެންދިޔަ ތެރަޕީ ހުއްޓާލަން ޖެހުމެވެ. ކެއާ ސޮސައިޓީން ކުރިއަށް ގެންދިޔަ އެ ހިދުމަތް، ފަންޑު ނެތުމުގެ ސަބަބުން، ހުއްޓާލަން މަޖުބޫރުވީ އެވެ.

"އަޅުގަނޑުމެން ދެމުން އަންނަ ހުރިހާ ހިދުމަތެއް ވެސް ޑިޕެންޑުވެފައި މި އޮންނަނީ ފަންޑަށް. ކެއާ ސޮސައިޓީ ހިންގަން މަހަކު 150،000ރ. ހޯދަން ޖެހޭ. ކޮންމެ މަހަކު ވެސް އެކަން ވަނީ ގޮންޖެހުމަކަށް،" ކެއާ ސޮސައިޓީގެ އެގްޒަކްޓިވް ޑިރެކްޓަރު ނައުޝާން މުހައިމިން ވިދާޅުވި އެވެ.

ކެއާ ސޮސައިޓީ ހިންގަމުން އަންނަތާ އިއްޔެއަށް 20 އަހަރު ވީ އެވެ. އެކަމަކު ދާއިމީ ގޮތެއްގައި ފަންޑު ލިބޭނެ ނިޒާމެއް ނެތެވެ. އެކި ދާއިރާތަކުން ހިދުމަތް ދޭ އެންޖީއޯސްތައް ކުރިއާ އަޅާބަލާއިރު އިތުރުވިޔަސް ކޮންމެ ބަޔަކު ވެސް ފަންޑު ހޯދަން ދާން ޖެހެނީ އެއް ބައެއްގެ ކައިރިއަށެވެ. ލިބޭ ފަންޑުކޮޅު މާލޭގެ ބޮޑު ކުއްޔަށް ހަރަދު ކުރަން ޖެހުމަކީ ވެސް ގެއްލުމެކެވެ. އަދި ތެރަޕިސްޓުން ރާއްޖޭގައި މަދުވުމާއި އެހެން ރަށްރަށަށް ހިދުމަތް ފުޅާނުކުރެވުމަކީ ވެސް އުނިކަމެކެވެ.

"އަޅުގަނޑުމެން ދެމުން އަންނަ ހިދުމަތްތަކަށް، މިސާލަކަށް ކެއާ އިން ހިންގާ ސްކޫލް ކެއާ ޑިވެލޮޕްމަންޓް ސެންޓަރަށް ޑިމާންޑް އޮވޭ. އެކަމަކު ފަންޑުގެ ދަތިކަން ހުރުމުން އެ ހިދުމަތް ދޭނެ ޕްރޮފެޝަނަލުން ހަޔާ ކުރުން ދަތި ކަމަކަށް ވެފައި މި އޮތީ. އަޅުގަނޑުމެންގެ މުވައްޒަފުންނަށް ޓްރެއިނިން ދިނުން ވެސް ދަތިވެފައި އޮންނަނީ،" ކެއާގެ އެގްޒެކެޓިވް ބޯޑު މެންބަރު އައިމިނަތު ސަލީމް ވިދާޅުވި އެވެ.

ބައެއް އެހެން އެންޖީއޯތަކާ ހިލާފަށް ކެއާ ސޮސައިޓީއަކީ ހުރިހާ ބާވަތެއްގެ ނުކުޅެދުންތެރިކަމަކަށް ވެސް އެހީތެރިކަން ފޯރުކޮށްދޭ ޖަމިއްޔާއެކެވެ. ހުރިހާ އުމުރެއްގެ މީހުންނަށް ވެސް އެތަނުން ހިދުމަތްދެ އެވެ. އެކަމަކު ފަންޑު ނެތުމުގެ ސަބަބުން މިހާރު ހިދުމަތް ދެވެނީ ހަމައެކަނި މާލެ ނުވަތަ މާލެ ކައިރި ރަށްރަށުގެ މީހުންނަށެވެ.

ކެއާ ސޮސައިޓީއަށް ލިބޭ ފަންޑުގެ ބޮޑު ބައެއް ކުއްޔަށް ހޭދަކުރެ އެވެ. އައިމިނަތާއި ނައުޝާން ވިދާޅުވާ ގޮތުން ކުލި ދައްކަން ނުޖެހޭ ނަމަ ހިދުމަތްތައް ފުޅާކޮށް، މިހާރަށް ވުރެ ރަނގަޅު ވެސް ކުރެވޭނެ އެވެ. އަދި ގިނަ ބަޔަކަށް ހިދުމަތްތައް ފުޅާކުރުމުގެ ފުރުސަތު ވެސް އޮންނާނެ އެވެ.

"ކުއްޔަށް މިހާރު އަޅުގަނޑުމެން ދައްކަމުން އަންނަ ފައިސާ އެހެން ޕްރޮގްރާމްތަކަށް ހަރަދު ކުރެވޭނެ ބިމެއް އޮންނަ ނަމަ. އަޅުގަނޑުމެންގެ ސްކޫލަށް ވެސް އިތުރު މީހުން ވެއްދޭނެ. އެކަމަކު މިހާރު، ކޮންމެ މަހަކު ވެސް ވިސްނަން ޖެހޭ ބޮޑު ކަމަކަށް ވެފައި އޮންނަނީ ކުލި،" ނައުޝާން ވިދާޅުވި އެވެ.

ސަރުކާރުން ވަނީ ބައެއް އެހެން އެންޖީއޯތަކަށް ބިން ދީފަ އެވެ. އެގޮތުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި އެމަނިކުފާނުގެ އަނބިކަނބަލުން އުފެއްދެވި އޯޓިޒަމް އެސޯސިއޭޝަން އޮފް މޯލްޑިވްސް އަށް ހުޅުމާލެއިން ބިމެއް ލިބުނެވެ. އަދި ޒެނީޝާ ޝަހީދު ޒަކީ އިސްވެ ހުންނަވައި ހެއްދެވި އާކަށް، ޖެންޑާ މިނިސްޓަރަކަށް އޭނާ ވަޑައިގަތުމަށް ފަހު، އިމާރާތެއް ލިބުނެވެ.

ކެއާ ސޮސައިޓީ އަށް ބިމެއް ދޭން ވެސް ސަރުކާރުތަކުން އެތައް ފަހަރު ވައުދުވި އެވެ. އެކަމަކު އެ ޖަމިއްޔާއަށް ވުރެ މާ ފަހުން އުފެއްދި ބައެއް އެންޖީއޯތަކަށް ބިން ނުވަތަ އިމާރާތް ލިބުނު އިރު ކެއާ ސޮސައިޓީގެ އެ އުއްމީދު ހާސިލެއް ނުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދައުރުގައި އެމަނިކުފާނު ވަނީ ކެއާ ސޮސައިޓީަށް ބިމެއް ދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފަ އެވެ. މީގެ ފަސް އަހަރު ކުރިން 2013 ގެ ރިޔާސީ ކެމްޕެއިން ދުވަސްވަރު ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވެސް އެގޮތަށް ވައުދުވެވަޑައިގަތެވެ.

"ހުރިހާ ބޭފުޅުން ވެސް ވަރަށް ޕޮޒިޓިވްކޮށް އަޅުގަނޑުމެންނާ ވާހަކަ ދައްކާފައި ވަނީ،" އައިމިނަތު ވިދާޅުވި އެވެ.

އެކަމަކު މިހާރު ވެސް "ވަރަށް ލިމިޓެޑް ސްޕޭސްގައި އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ. ކެއާއަށް 20 އަހަރު ވީ އިރު ވެސް ޖާގައިގެ ދަތިކަން އެއީ އެންމެ ބޮޑު އެއް ގޮންޖެހުން."

އައިމަން ފަދަ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އޮކިއުޕޭޝަނަލް ތެރަޕީ ނުވަތަ ޑިވެލޮޕްމަންޓް ތެރަޕީ ލިބުން ވަރަށް މުހިންމެވެ. ބައެއް ކުދިންނަށާއި މީހުންނަށް ފުނާ އަޅަން ނުވަތަ ހެދުން ބަދަލު ކުރުން ފަދަ ކުޑަކުޑަ ކަމެއް ވެސް ކުރެވެނީ ތެރަޕީ ދީގެންނެވެ.

"މިފަދަ ތެރަޕީތައް ނުލިބުމުން އެމީހުންގެ ދިރިއުޅުމަށް އެކަމުގެ ސަބަބުން އަސަރުކުރޭ،" ކެއާ ސޮސައިޓީގެ އެސިސްޓެންޓް ޑައިރެކްޓަރު އައިޝަތު ސުފާނާ ވިދާޅުވި އެވެ.