15 އޯގަސްޓް 2016 - 06:53

ފިލްމީ ދާއިރާގައި މިހާރު އެންމެ ގަދައަށް ވާހަކަ ދެކެވޭ ފިލްމަކީ ޑައިރެކްޓަރު/ޕްރޮޑިއުސަރު ފާތުމަތު ނަހުލާ ގެނެސްދޭ ފުރަތަމަ ބިރުވެރި ފިލްމް 4426 (ފޯފޯޓޫސިކްސް) އެވެ. ފިލްމުގެ ކާސްޓުންނަށް ބަލާ އިރު މިއީ މަޝްހޫރު ތަޖުރިބާކާރު ތަރިންގެ އިތުރުން ވިދަމުން އަންނަ ޒުވާން ތަރިން ވެސް ފެނިގެން ދާނެ ފިލްމެކެވެ.

"4426" ގެ ކާސްޓަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެއް ބަތަލާ އަކީ ޝީލާ ނަޖީބެވެ. އެކަމަކު މިއީ އޭނާ ބިރުވެރި ފިލްމެއްގައި މަސައްކަތްކުރާ ފުރަތަމަ ފަހަރެއް ނޫނެވެ. އަދި މިއީ ނަހުލާ އެކު ޝީލާ ކުރާ ފުރަތަމަ ތަޖުރިބާއެއް ވެސް ނޫނެވެ.

އެކަމަކު ޝީލާ ބުނީ "4426" އަކީ ނަހުލާއާ އެކު ކުރެވޭ މުޅިން އާ، ތަފާތު ތަޖުރިބާއެއް ކަމަށެވެ. ހާއްސަކޮށް މިއީ އޭނާ ގެނެސްދޭ ފުރަތަމަ ބިރުވެރި ފިލްމަށްވާތީ، ފިލްމު ވަކިން ހާއްސަ ކަމަށް ޝީލާ ބުންޏެވެ.

"އަހަރެން ބުނާނީ ނަހޫ ވަރަށް ކެތްތެރިވެގެން ވަރަށް ގިނަ ވަގުތު ދީގެން ކޮށްފައި އޮތް ބުރަ އަދި އާދަޔާހިލާފު މަސައްކަަތެކޭ ފޯފޯޓޫސިކްސްއަކީ،" ނަހުލާގެ "ޒުލޭހާ" އާއި "ޔޫސުފް" ގައި ވެސް މުހިއްމު ރޯލެއް ކުޅުނު ބަތަލާ ބުންޏެވެ.

މީގެ ކުރިން އެތައް ފިލްމަކާއި ޑްރާމާއެއް ކުޅެފައިވާ ޝީލާ ބުނީ "4426" އަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް އެންމެ ބުރަކޮށް މަސައްކަތް ކުރި އަދި އެންމެ ގިނަ ވަގުތު ދިން ފިލްމު ކަމަށެވެ.
ފިލްމަކީ ބިރުވެރި ފިލްމެކެވެ. ޝޫޓްކޮށްފައިފައި ވަނީ އެކަމަށް ހާއްސަ ހަތަރު ބުރީގެ ފަޅު އަދި "ނާމާން" އިމާރާތެއްގަ އެވެ. އެތަނުގެ ހަގީގަތެއް މިއަދާ ހަމައަށް ތަރިންނަކަށް ވެސް ނޭނގެ އެެވެ. ފިލްމުގައި ޝީލާ ފެނިގެން ދާނީ ރޫބީ ކިޔާ ކެރެކްޓާއަކުންނެވެ. އެއީ އޭނާ އަށް ހާއްސަކޮށް އުފެއްދި ކެރެކްޓާއެކެވެ.
މުޅި ފިލްމަށް ބަލާއިރު ވެސް އޭނާގެ ކެރެކްޓާ ވަރަށް "އާދައިގެ" ވާނެ އެވެ. ރީތި ކޮސްޓިއުމްތަކެއް ނުފެންނާނެ އެވެ. ގިނައިން ފެންނާނީ އެއް ކޮސްޓިއުމެއްގަ އެވެ. އެހެން ގޮތަކަށް ބުނާ ނަމަ ފިލްމުން ޝީލާ ފެނިގެން ދާނީ ވަރަށް ނެޗްރަލްކޮށެވެ.
"އަސްލު ބުނަންޏާ ވަރަށް ހަޑިކޮށް ފެންނާނީ. މީގައި ބޮޑަށް ފެނިގެން ދާނީ ވެސް ނެޗްރަލް މޭކަޕް،" އޭނާ ބުންޏެވެ. "ދެން އެއް ކޮސްޓިއުމެއް މުޅިން ކަހަލަ ގޮތަކަށް ފެންނާނީ."
"4426" ގެ ޓީޒާ އަށް ބަލާލާ އިރު ޝީލާ ފެނިގެން ދަނީ ވަރަށް ބިރުން އުޅެނިކޮށެވެ. ޓީޒާ ފެށެނީ ވެސް އަދި ނިމެނީ ވެސް ޝީލާގެ މަންޒަރުތަކުންނެވެ.
ޝީލާ ބުނީ އޭނާ އަކީ އާންމު ދިރިއުޅުމުގައި ވެސް ވަރަށް ބިރު ގަންނަ މީހެއް ކަމަށެވެ. "4426" ކަހަލަ ފިލްމެއްގައި މަސައްކަތް ކުރަން ޖެހުމަކީ އެ ބިރުވެރިކަން ސްކްރީނަށް ގެންނަން ލިބުނު އިތުރު ފުރުސަތަކަށް ވެސް ވި އެވެ.
"ޝީލާއަކީ އަސްލުކޮށް ވެސް ބިރު ގަންނަ މީހަކަށްވާތީ، ޝޫޓިން ފެށިތާ ކުރީކޮޅު ކްރޫގެ ބައެއް މީހުންނަށް ޝީލާ އާ ހެދި އުނދަގޫތަކެއް ވެސްވި. ބައެއް ސީންތަައް ނެގުމުގައި އެބަހުރި ހަމަ އަސްލުކޮށް ރޮވިފައި ބިރުން ގޮސް،" "ޒަލްޒަލާ އެނބުރި އައުން" ފަދަ ބިރުވެރި ފިލްމްތައް ކުޅެފައިވާ ޝީލާ ބުންޏެވެ. "ދެން ނަހޫ އަބަދު ވެސް ކައިރީގައި ހުރޭ. ޝީލާ އަށް ވާނުވާ ނަހޫ ބަލާ. ނަހޫގެ ސަޕޯޓް ވަރަށް ބޮޑު. އެންމެ ބިރު ގަތް އެއް ކަމަކީ މި ފިލްމް ޝޫޓް ކުރި ބޮޑު ސެޓްގެ ހަގީގަތް ނޭނގޭތީ. އަބަދު ވެސް އިހުސާސް ކުރެވެނީ ކައިރީގައި އެއްޗެއް އުޅޭހެން."
"4426" އަކީ ނަހުލާއާ އެކު އަހުމަދު ޝިނާން ޑައިރެކްޝަންގައި ބައިވެރިވާ ފިލްމެކެވެ. ޝީލާ ބުނި ގޮތުގައި އެއް ފިލްމެއްގައި ދެ ޑައިރެކްޓަރުންނާ އެކު މަސައްކަތްކޮށްލަން ފުރުސަތު ލިބުމަކީ ވެސް ތަޖުރިބާއެއް ކަމަށެވެ.
"ޝިނާނަކީ ވަރަށް ޔަންގް ކުއްޖަކަށް ވިޔަސް އޭނަކީ ވަރަށް ޓެލެންޓެޑް، މަސައްކަތަށް ވަރަށް ޑެޑިކޭޓެޑް ޒުވާނެއް. އެހާ ރަނގަޅަށް ކިޔައިދޭ. އަނެއްކޮޅުން މީގެ ސިނަމަޓޮގްރަފީ ވެސް ހަދަނީ ޝިނާން ކަމަށްވާތީ ވަރަށް ރަނގަޅަށް ސީންތައް ކިޔައިދީގެން ޝޫޓްކޮށްފައި ހުންނާނީ،" ޝީލާ ބުންޏެވެ. "ދެން އަނެއްކާ ނަހޫ އާއި ޝިނާނާ ދެ މީހުން ބޭނުންވާ ގޮތަށް މަންޒަރުތައް ނަގާފައި ނޫނީ ދޫކޮށްލައިފައެއް ނުހުންނާނެ. އެވަރަށް އެކްޓަރުން ވެސް ހުންނާނެ ޓައިމް ދީފައި."
ޝީލާ ބުނީ "4426" އަކީ ނަހުލާގެ ބިޔަ ބޮޑު، ޕްރޮޖެކްޓެއްގެ އިތުރުން ނަހުލާގެ ކުރީގެ ފިލްމުތަކާ މުޅިން ތަފާތު ފިލްމެއް ކަމަށެެވެ. އެހެންވެ މި ފިލްމުން ފުރުސަތު ލިބުމުން ވަރަށް އުފާވި ކަމަށް ބުންޏެވެ.
"އަހަރެން ކުޅޭ ރޫބީގެ ރޯލް ނަހޫ ލިޔެފައި ވެސް އޮތީ އަހަންނަށް ހާއްސަކޮށްގެން ކަމަށް ނަހޫ ބުނީ. އެހެންވެ އެވަރަށް އިތުބާރުކޮށްފައި މިވަރުގެ ޕްރޮޖެކްޓަކުން ފުރުސަތު ލިބުނީމަ ވަރަށް އުފާވި،" އޭނާ ބުންޏެވެ. "ޔަގީނުން ވެސް ކެރެކްޓާ އަށް އަހަރެން މެކްސިމަމް ދީފައި ހުންނާނެ. މީގައި އުޅޭ ކޮންމެ އެކްޓަރަކު ވެސް އެ މީހުންގެ އެންމެ ބެސްޓް ދީފައި ހުންނާނީ."
ޝީލާ ބުނީ "4426" އަކީ ދިވެހި އޯޑިއަންސަށް ފައްކާ ބިރުވެރި ދިވެހި ފިލްމެއް ބަލާލެވުމުގެ އިހުސާސް ކުރެވޭނެ ފިލްމެއް ކަމަށެވެ. ފިލްމުގެ ވާހަކަ އާއި ތަރިންގެ އެކްޓިން އިން އެކަން ވަރަށް ރަނގަޅަށް ދައްކުވައި ދޭނެ ކަމަށް ބުންޏެވެ.
"ހަމަ ޔަގީނުން ވެސް ނޭވާ ހިފަހައްޓާލަން ޖެހޭ ކަހަލަ އެތައް ކަމެއް ފިލްމުގައި ހުންނާނެ،" 4426 އަކީ ކޯޗެއްތޯ އަހާ ސުވާލު އަދިވެސް ސަޕްރައިޒެއްގެ ގޮތުގައި ބާއްވަން ބޭނުންވާތީ ޝީލާ ބުންޏެވެ. "އަނެއްކޮޅުން ޔޫއްޕެމެން ކަހަލަ ތަޖުރިބާކާރު އެކްޓަރުންނާއި އައްޒަމެން ކަހަލަ އާ ތަރިން ފިލްމުން ފެނިގެން ދިއުމަކީ ވެސް ބެލުންތެރިންނަށް ފިލްމް ވަރަށް ކަމުދާނެ ސަބަބަކަށް ވާނީ."
ޝީލާ ބުނީ "4426" އަކީ އޭނާގެ 23 ވަނަ ފިލްމް ކަމަށެވެ. އަދި މި ފިލްމަކީ ކެރިއަރުގައި މިހާތަނަށް އެންމެ ޓީމް ވޯކް ރަނގަޅު ޕްރޮޖެކްޓް ކަމަށް ބުންޏެވެ.
"މިހާތަނަށް ޝީލާ އަށް މަސައްކަތް ކުރެވުނު އެންމެ ޓީމްވޯކް ރަނގަޅު ފިލްމް މިއީ. އެންމެން ވެސް ވަރަށް ސަޕޯޓިވް. ދެން ޔޫއްޕެ ކަހަލަ އެކްޓަރެއް މީގެ ކާސްޓުންގެ ތެރޭގައި ހިމެނުމަކީ ވެސް ޝީލާ އަށް އަސްލު ލިބުނު ވަރަށް ބޮޑު ފަސޭހައަކަށްވީ،"
ޝީލާ ބުނީ "4426" އޮކްޓޯބަރުގައި ސިނަމާ އަށް އަންނަ އިރު މިއީ އެންމެން ވެސް ބަލާލަން ވަރަށް ރަނގަޅު ފިލްމަކަށް ވާނެ ކަމަށެވެ.
"ވަރަށް މުހިއްމު މެސެޖެއް ގައިމުވެސް ފިލްމުން ލިބިގެން ދާނެ،" އޭނާ ބުންޏެވެ.