11 ނޮވެމްބަރ 2018 - 06:46

މުނިފޫހިގެ ހުރިހާ އެއްޗެއް އެއް ތަނަކުން ބަލައިލެވޭ ގޮތަށް ހަދާފައިވާ މޯބައިލް އެޕް "ބައިސްކޯފު" ހޯމަ ދުވަހުގެ ރޭ ލޯންޗުކުރަން ނިންމައިފި އެވެ.
މިކަމަށް ދަރުބާރުގޭގައި ރެޑްކާޕެޓް އިވެންޓަކާ އެކު ކުލަގަދަ ހަފުލާއެއް ބާއްވަން އަންނަނީ ތައްޔާރުވަމުންނެވެ.
"ބައިސްކޯފު" ގެ ކްރިއޭޓިވް ޑައިރެކްޓަރު އަބްދުﷲ (ހާއްޕެ) ހާފިޒު ބުނީ އެޕް ލޯންޗް ކުރުމާ އެކު އެޕަލް އާއި ގޫގުލް ސްޓޯރުން އެ ޑައުންލޯޑް ކުރެވޭނެ ކަމަށެވެ.
"ބައިސްކޯފު" ޓީމުން ބުނާ ގޮތުގައި މޮބައިލް އެޕްވެގެން ދާނީ ރާއްޖޭގައި މިހާތަނަށް އުފައްދާފައި ހުރި މުނިފޫހިފިލުވުމުގެ ގިނަ އަދަދެއްގެ އުފެއްދުންތައް ފެންނާނެ އަދި އަޑުއިވޭނެ އެއްޗަކަށެވެ. އޭގެ ތެރޭގައި ފިލްމާއި ޑްރާމާތަކާއި ލަވަތަކާއި ޓީވީ ޝޯތަކާއި އަދި އެ ނޫން ވެސް އެކަހަލަ ކިތަންމެ އުފެއްދުމެކެވެ.
"ބައިސްކޯފު" ލޯންޗް ކުރާތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައިި، ރާއްޖޭގައި ހަދާފައިވާ ފުރަތަމަ ވެބް ސީރީޒް ވެސް މި އެޕުން ސްޓްރީމް ކުރަން ފަށާނެ އެވެ. އެއީ ފާތުމަތު ނަހުލާގެ "ހުވާ" އެވެ.
ނަހުލާ ހުރީ މިފަދަ ފްލެޓްފޯމަކުން އޭނާގެ އޯޑިއަންސާ ބައްދަލުކުރަން ތައްޔާރަށެވެ.
"ބައިސްކޯފު އެޕް ލޯންޗިން އިވެންޓަށް އަހަރެން އެންމެ ބޮޑަށް ލުކްފޯވާޑް ކުރާ ސަބަބަކީ ރާއްޖޭގެ މުޅި އެންޓަޓައިމަންޓް އިންޑަސްޓްރީ އެއްތަނަކަށް ޖަމާވެގެންދާނެތީ. އަދި ވަރަށް ކުލަގަދަކޮށް އެޕް ލޯންޗް ކުރާތީ،" ކާމިޔާބު ފިލްމުތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރު/ޕްރޮޑިއުސަރު ބުންޏެވެ.
ނަހުލާ ބުނަނީ "ބައިސްކޯފު" އެޕަކީ އިންގިލާބީ ބަދަލެއް ގެނުވާނެ އެއްޗެއް ކަމަށެވެ. އަދި މިއީ އިނގިލި ކުރިއަށް މުޅި މުނިފޫހި ދާއިރާ އައުން ކަމަށް އޭނާ ދެކެ އެވެ.
"އަހަރެން ބުނާނީ މިއީ ޑިޖިޓަލް ކޮންޓެންޓަށް ވެސް ދިވެހިން ވަރަށް ބޮޑަށް އަހުލުވެރި ކުރުވާނެ އެއްޗެކޭ. މުޅި ދުނިޔޭގައި ވެސް ޑިޖިޓަލް ފްލެޓްފޯމްގެ މަގުބޫލުކަން އަންނަނީ ބޮޑުވަމުން،" އޭނާ ބުންޏެވެ. އެހެންވީމާ އަހަރެމެން ދިވެހިން ވެސް ދުނިޔޭގެ އެހެން ތަންތަނަށް ދޫނުކުރާ ވަރުގެ އެޕަކާ އެކު އަހަރެމެންގެ ކޮންޓެންޓްތައް އެއް ތަނަކުން މުޅި ދުނިޔޭގައި ވެސް ބަލާލަން ލިބޭނެ ގޮތް ފަހިވުމަކީ ކުޑަކަމަކަށް ނުވާނެ."