އާމިރު ހާންގެ ތައުރީފު ކެޓްރީނާ ކެއިފަށް
އާމިރު ހާންގެ ތައުރީފު ކެޓްރީނާ ކެއިފަށް

ކެޓްރީނާ ކައިފަކީ ސްޓޭޖަކަށް އަރައި ނަށައިލަން ޖެހިއްޖެ ނަމަ، އެންމެ ފޯރި ނަގާނެ އެއް ބަތަލާ އެވެ. ބެލުންތެރިންގެ ތަރުހީބު ވަރަށް ބޮޑެވެ.

އޭނާގެ ފިލްމެއް ނަމަ ވަރަށް ފުރިހަމަ ނެށުންތަކެއް ފެންނާނެ ކަމަށް ބެލުންތެރިން އަބަދު ވެސް އުންމީދު ކުރާނެ އެވެ. ހުކުރު ދުވަހު ރިލީޒް ކުރާ ފިލްމު "ތަގްސް އޮފް ހިންދުސްތާން" ގައި ވެސް ކެޓްރީނާގެ ވަރަށް ވެސް ފުރިހަމަ ނެށުންތަކެއް ފެނިގެން ދާނެ ލަވަތަކެއް ހިމެނޭނެ އެވެ.

އެ ލަވަތަކުގެ ޓީޒާކޮޅުތައް ވެސް މިހާރު ވާނީ ފެނިފަ އެވެ. އަދި ކެޓްރީނާ އެ ލަވަތަކަށް ކުރި މަސައްކަތް ވެސް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވެ އެވެ.

"ތަގްސް އޮފް ހިންދުސްތާން" ގެ އެކްޓަރު އާމިރު ހާން ވަނީ ކެޓްރީނާ އަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކައިފަ އެވެ. އޭނާ ބުނި ގޮތުގައި ކެޓްރީނާއަކީ ނެށުމުގައި އަރާހުރި ބަތަލާއެކެވެ. އަދި އެކަމާ ހައިރާންވެ އަންތަރީވާ ކަމަށް އާމިރު ބުންޏެވެ.

"އޭނަ އައިސްގެން އުޅެނީ އެހެން ޕްލެނެޓަކުން. އަހަރެން ހަމަ އަންތަރީސްވެ ކެޓްރީނާގެ ހަރަކާތައް ފެނިފައި،" 2013 ގައި ރިލީޒް ކުރި "ދޫމް 3" ގައި ވެސް ކެޓްރީނާއާ އެކު މަސައްކަތް ކުރި އާމިރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެ ފިލްމަކީ މިހާތަނަށް އޭނާ އަށް އެންމެ އުނދަގޫ އަދި އެންމެ ބޮޑު މަސައްކަތެއް ކުރަން ޖެހުނު ލަވަތައް ހުރި އެއް ފިލްމެވެ.

"އެކަމަކު އެއަށް ދޫނުކުރާ ވަރުގެ ލަވަތަކެއް ތަގްސްގައި ހިމެނެނީ. ރިހާސަލްތަކުގެ ތެރޭގައި ވެސް ކެޓްރީނާ އެކޮށްލާ ހިތްވަރު ފެނިފައި އަހަރެން ހުންނަނީ ބުނާނެ އެއްޗެއް ނޭނގިފައި. ވަކިން ހާއްސަކޮށް ތަގްސްގެ ލަވަތަކުގައި އެބަހުރި ނަގައިގަންނަން ވަރަށް އުނދަގޫ ސްޓެޕްތަކެއް ހުރި ލަވަތަކެއް،" އާމިރު ބުންޏެވެ. "އެކަމަކު ކެޓްރީނާ ހަމަ ފެންފޮދެއް ބޯލާހާ ފަސޭހައިން ކޮރިއޯގަރާފަރު ހަމަ ދަސްކޮށްދޭ ގޮތަށް ސްޓެޕްތަކަށް ޕާފެކްޓްކޮށްލާ. ހަގީގަތުގައި އޭނައަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ ބަތަލާއެއް. އެއީ ކަންނޭނގެ މީގެ ސިއްރަކީ."

ބޮކްސް އޮފީހުގައި އަނެއްކާ އާ ވެސް ރެކޯޑްތަކެއް ހަދާނެ ކަމަށް ބެލެވޭ "ތަގްސް އޮފް ހިންދުސްތާން" އަކީ ވިޖޭ (ވިކްޓާ) ކްރިޝްނާ އަޗަރިއާ ޑައިރެކްޓްކޮށްފައިވާ އެކްޝަން/އެޑެވެންޗާ ފިލްމެކެވެ.

މީގެ ކާސްޓުންނަކީ އާމިރާއި ކެޓްރީނާގެ އިތުރުން އަމީތާބް ބައްޗަން އާއި ފާތިމާ ސަނާ ޝެއިހެވެ.