ފިންލެންޑްގެ މަގުތަކަށް ޚާއްސަ އޮޓޮމެޓިކް ބަހެއް
ފިންލެންޑްގެ މަގުތަކަށް ޚާއްސަ އޮޓޮމެޓިކް ބަހެއް

އިންސާނީ ވަސީލަތްތައް މަދުން ބޭނުންވާ، ޚަރަދު ކުޑަ ވެހިކަލް ހޯދަން ކުރާ މަސައްކަތުގައި ޖަޕާންގެ ކުންފުންޏެއްކަމަށްވާ މޫޖީ އާއި އޮޓޮމެޓިކް އުޅަނދުފަހަރު އުފައްދާ ކުންފުންޏެއްކަމަށްވާ ސެންސިބްލް 4 އިން، ފިންލެންޑުގެ މަގުތަކުގައި ދުއްވާނެ ރީތި ބަހެއް ފަރުމާކޮށްފި އެވެ.

މޫޖީއަކީ ރީތި ފަރުމާތަކެއް ބާޒާރަށް ނެރުމުގައި ނަން މަޝްހޫރު ކުންފުންޏެކެވެ. އާންމުންނަށް ބޭނުންކުރަން ފަސޭހަ ފެންވަރަށް އުފެއްދި، ގާޗާގެ ނަމުން ނަންދީފައިވާ މި ބަސް ޝަޓްލް ފަރުމާކޮށްފައިވަނީ ބަނަހެއްގެ ބައްޓަމަށެވެ. ބޮޑެތި ކުޑަދޮރުތަކާ، ކަން ވަށްކޮށްފައިވާ ބޭރުތޮށްޓަކާއެކުއެވެ. އާންމުކޮށް މިފަދަ އޮޓޮމެޓިކް ބަސް ދުއްވަނީ ތަންކޮޅެއް ހިތްފަސޭހަ ފިނި މަޑު މާހައުލުތަކުގައެވެ. ފިންލެންޑަކީ ބޯވާރެ އާއި ގަދަ ދުންފިންޏާއި ގަނޑުފެނުގެ ވާރޭ އާންމު ތަނެކެވެ. ގާޗާ ފަރުމާކޮށްފައިވަނީ މި ހުރިހާ ކަމަކަށް ހުޝިޔާރު ބަހެއްގެ ގޮތުގައެވެ.

މި ބަހުގައި 10 މީހުންނަށް އިށީނދެގެން ދަތުރުކުރެވޭނެއެވެ. އަދި ހަ މީހުންނަށް ކޮޅަށް ތިބެވެއެވެ. ގަޑިއަކު 25މޭލުގެ ބާރުމިނުގައި މި ބަހަށް ދަތުރުކުރެވެއެވެ. މިއީ ޗަކަ ބިމުގައި ވެސް ދުއްވޭނެހެން ފަރުމާކޮށްފައިވާ ހަތަރު ފުރޮޅުލީ އުޅަނދެކެވެ. އެއްފަހަރުގެ ޗާޖުން، ހުއްޓުމެއް ނެތި 60 މޭލަށް ދުއްވޭނެ އެވެ.

މޫޖީއާއި ސެންސިބްލް 4 އިން ގުޅިގެން ކުރި މި މަސައްކަތުގައި މޫޖީގެ މައިގަނޑު ދައުރަކީ ބަހުގެ ފަރުމާއެވެ. ސެންސިބްލް 4ގެ މަސައްކަތަކަށްވީ އިންސާނީ އެހީއަކާ ނުލައި އެކަނި ދަތުރުކުރުމަށް ބޭނުންވާނެ ޓެކްނޮލޮޖީން މި އުޅަނދު ފައްކާކުރުމެވެ. މި ބަސް ޓެސްޓްކުރަން ދުއްވީ އާކްޓިކްގެ ގަދަ ފިނީގައެވެ.

އެންމެ ފުރަތަމަ ގާޗާ ބަސް އާންމުންނަށް ދައްކާލާނީ އަންނަ އަހަރުގެ މާޗު މަހުގަ އެވެ. އޭގެ ފަހުން ފިންލެންޑްގެ ތިން ސަހަރެއްގައި ގާޗާ ބަސް އާންމުކޮށް މަގުތަކުގައި މީހުން އުފުލަން ފަށާނެއެވެ. ސެންސިބްލް 4 އާއި މޫޖީއިން އުއްމީދުކުރަނީ 2020 އަންނަންވާއިރަށް ފިންލަންޑްގެ ހުރިހާ ސަހަރެއްގައި ވެސް ގާޗާ މަރުކާގެ ބަސްތައް، އާންމު ދަތުރުފަތުރުގެ ނިޒާމްގެ ތެރޭގައި މީހުން ބޭނުންކުރާނެކަމަށެވެ.