ގެރިބަކަރި ހުއިހެއްޕުން ކަނޑުމައްޗަށް
ގެރިބަކަރި ހުއިހެއްޕުން ކަނޑުމައްޗަށް

ދުނިޔޭގެ އާބާދީ ބާރު ސްޕީޑުގައި އިތުރުވަނީ އެވެ. ކުރިއަށް އޮތް ތިރީހަކަށް އަހަރުތެރޭ ދުނިޔޭގެ އާބާދީއަށް ދެ ބިލިއަން އިތުރުވާނެ އެވެ. މިހާރު ދުނިޔޭގައި ތިބި ހަތް ބިލިއަނަށް ވުރެ ގިނަ މީހުންނަށް އެކަށީގެންވާ މިންވަރަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް މި ވަނީ ނުކުޅެދިފައެވެ. އެހެންވެ ދަނޑުވެރިކަމުގެ އާ އީޖާދުތައް ކުރަން އެބަ ޖެހެ އެވެ.

ނެދަލަންޑްސްގެ ކުންފުންޏަކުން މިހާރު ވިސްނާފައިވަނީ އައްސޭރިފަށުގެ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންނަށް އަމާޒުކޮށް އެ ގައުމުގެ ކަނޑު ބަނދަރެއްގައި ދަނޑެއް ހަދާށެވެ.

ނެދަލަންޑްސް އަކީ ބިމުގެ ނިސްބަތުން އާބާދީ އެންމެ ބޮޑު އެއް ގައުމެވެ. ނަމަވެސް ޒަމާނުއްސުރެ ކަނޑުގެ ވަސީލަތްތަކާއި އެއްގަމުން ލިބެން ހުރި ވަސީލަތްތަކުގެ އެހީގައި އެގައުމުން އަންނަނީ ކާބޯތަކެތި އުފެއްދުމުގެ މަސައްކަތް ކާމިޔާބުކަމާއެކީ ކުރަމުންނެވެ. މި މަސައްކަތް އިތުރަށް ތަރައްގީކުރަން އާ މަސައްކަތެއް ފަށާފައި މި ވަނީ އެ ގައުމުގެ ކުންފުންޏެއް ކަމަށްވާ ބެލާޑަން އިންނެވެ. އެއީ ދަނޑުވެރިކަމާއި މެރިޓައިމް އިންޖިއަނިއަރިންގެ ބޭނުންކޮށްގެން ރަނގަޅު ފެންވަރުގެ ދަނޑުވެރިކަމަކަށް މަގުފަހިކުރުމަށެވެ. މިކަން ކުރާނީ ނެދަލަންޑްސްގެ ރޮޓަޑާމްގެ ބަނދަރުމަތީ ސަހަރެއްގައެވެ.

ބެލާޑަންގެ ވިސްނުން މިވަގުތު އޮތީ ހަމައެކަނީ ގެރިބަކަރި ގެންގުޅުމުގެ މަސައްކަތް މި މަސްނޫއީ ދަނޑުގައި ކުރުމަށެވެ. ނަމަވެސް ކުރިމަގުގައި އެހެނިހެން ބާވަތުގެ ޖަނަވާރާއި އެކި ބާވަތްބާވަތުގެ ގޮވާން ހެއްދުމުގެ ވިސްނުން ވެސް ގެންގުޅެއެވެ. މިއީ މުޅިން އަލަން ކުރަން ފަށާ ކަމަކަށްވާތީ މިކަމުގެ ސަބަބުން ތިމާވެށްޓަށް ކޮށްފާނެ އަސަރަކާމެދު އަދި ވަކި އެއްޗެއް އެކުންފުނިން ހާމައެއް ނުކުރެއެވެ.

ބެލާޑަން ކުންފުނިން މިހާރު ވަނީ ކަނދުފައްޗެއްގެ ސިފައަށް ހަދާ މި ދަނޑުގެ ވަރަށް ގިނަ މަސައްކަތްތައް ނިންމާފައެވެ. ނެދަލަންޑްސްގެ އައްސޭރިފަށަކީ ތޫފާންތަކާ ދުރު ހިސާބަކަށްވާތީ ކަނޑުގަދަވުމުގެ ފުރުސަތު ވަރަށް ކުޑައެވެ. ނަމަވެސް މި ކަނދުފަތީގެ ދަނޑު، ފަރުމާކޮށްފައިވަނީ އެއްގޮތަކަށްވެސް އޮޔަށް ނުގުޑާނެހާ ވަރުގަދަކޮށެވެ. ކަނދުފަތި ފަރުމާކޮށްފައިވަނީ ތިން ފަށަލައަކަށެވެ. އެންމެ ފުލުގައި ވަނީ ކޮންކްރީޓެވެ. މެދު ބަޔަކީ ދަނޑުގެ މަސައްކަތްތައް ހިނގާ ބަޔެވެ. ގެރިތައް ތިބޭނީ އެންމެ މަތީ ފަށަލައިގައެވެ.

ގެރިއަކީ ބޮޑެތި ބިޔަ ޖަނަވާރުތަކަކަށްވާތީ އެފަދަ ތަކެތި، ކަނދުފައްޗެއްގައި ގެންގުޅުމާމެދު، ޖަނަވާރުގެ ހާލަތު ވަޒަންކުރާ ޑޮކްޓަރުންގެ އެއްވެސް އުޒުރުވެރިކަމެއްނެތްކަމަށް ބެލާޑަން އިން ބުންޏެވެ. ކަނދުފަތީގެ އެންމެ މަތީގައި ގެރިތައް ތިބޭނީ ރަބަރު ޒާތުގެ ދެމޭ ތާރެއްގެ މަތީގައެވެ. މިއީ ގެރިތަކުގެ ކަށިތަކަށާއި ހުޅުތަކަށް ފަސޭހަކޮށްދޭ އެއްޗެކެވެ. މި ތާރުތަކުގެ ތެރޭގައި ހުންނަ ހޮޅިތަކަށް ގެރީގެ ނަޖިސް ބޭރުކުރާ ގޮތަށް ވަނީ ހަމަޖައްސާފައެވެ. މި ތަކެތި ވަކިކޮށްގެން ގަސްކާނާގެ ގޮތުގައި އަވަށްޓެރިންނަށް ވިއްކާނެ އެވެ. އަދި ގެރިތަކަށް ހިތްގައިމު މާހައުލެއް ބިނާކޮށްދިނުމަށްޓަކައި މި ތަކެތި އެކި ގޮތްގޮތަށް ބަދަލުކޮށްގެން ބޭނުންކުރަމުންގެންދާނެއެވެ.

ކަނދުފަތިމަތީގެ ދަނޑުގައި މައިގަނޑު ގިނަ މަސައްކަތްތައް ކުރާނީ ރޮބޮޓުންގެ އެހީގައެވެ. ގެރީގެ ނަޖިސް ސާފުކުރުމާއި، ކިރު ފެލުމުގެ މަސައްކަތްކުރާނީ ރޮބޮޓު ބޭނުންކޮށްގެންނެވެ. ނަމަވެސް ދަނޑުގެ މަސައްކަތްތައް ބެލެހެއްޓުމުގައި އިންސާނުން ވެސް އުޅޭނެ އެވެ.

ކަނދުފައްޗެއްގައި ދަނޑުވެރިކަން ކުރާއިރު ނުކުމެދާނެ ހުރިހާ މައްސަލަތަކަކަށް ހޭލާ ތިބެގެން ނެދަލަންޑްސްގެ ކުންފުނިން ފަށާ މި މަސައްކަތުގެ ނަތީޖާ އަންނަ އަހަރު ފެންނަން ފަށާނެކަމަށް އުއްމީދުކުރެވެއެވެ. ބެލާޑަން ކުންފުނިން ބުނާ ގޮތުގައި މޫސް ރައިން އިސެލްގެ ނަމުގައި ފަށާ މި ދަނޑުގައި ފުރަތަމަ ގެންގުޅެން ފަށާނީ 40 ގެރިއެވެ. މިއަހަރު ނިމުމުގެ ކުރިން އެ ދަނޑުގައި ގެރިތައް ދިރިއުޅެން ފަށާނެއެވެ.