އެމެރިކާގެ ރަށްވެހިކަން ލިބުނީ އުމުރުން 106 އަހަރުގައި
އެމެރިކާގެ ރަށްވެހިކަން ލިބުނީ އުމުރުން 106 އަހަރުގައި

ވާޖީނިއާ (ނޮވެމްބަރު 11) - މީގެ 16 އަހަރު ކުރިން މާރިއާ ވަލެސް ޑި ބޮނިއްލާ، އެލް ސަލްވަޑޯ އިން އެމެރިކާ އަށް ބަދަލުވި އިރު އޭނާގެ އުމުރަކީ 90 އަހަރެވެ. އެކަމަކު އޭނާގެ އެއް އުއްމީދެއް އޮތެވެ. އެމެރިކާގެ ރައްވެއްސަކަށްވުމެވެ.

އެމެރިކާގެ ރަށްވެހިކަން ލިބުނީ އުމުރުން 106 އަހަރުގައި
އެމެރިކާގެ ރަށްވެހިކަން ލިބުނީ އުމުރުން 106 އަހަރުގައި

އޭނާ ބޭނުންވީ އަލަށް ރަށްވެހިކަން ލިބުނު ގައުމުގައި ވޯޓު ދޭށެވެ. އެލް ސަލްވަޑޯގައި ބޮނިއްލާ ދުވަހަކު ވެސް ވޯޓުލައިފައި ނުވާތީ އެވެ. ފުރަތަމަ އެލް ސަލްވަޑޯގައި އަންހެނުންނަށް ވޯޓުލުމުގެ ހުއްދަ ލިބިފައި ނެތުމެވެ. ދެން ފަހުން ވޯޓުލާން ދާން ޖެހޭ ހިސާބު ދުރުވުމުން ބޮނިއްލާ އަށް ވޯޓުލާން ދަތިވުމެވެ. އެލް ސަލްވަޑޯގައި އަންހެނުންނަށް ވޯޓުލުމުގެ ހައްގު ލިބުނީ 1939 ވަނަ އަހަރު އެވެ. އޭރު ބޮނިއްލާގެ އުމުރަކީ 27 އަހަރެވެ. އެކަމަކު ވޯޓުލާން ދާން ޖެހޭ ހިސާބު ދުރުވުމުން ވޯޓުލާން އޭނާ ދުވަހަކު ވެސް ނުދެ އެވެ.

ބޮނިއްލާ އަށް ވޯޓު ލެވިދާނެ ކަމުގެ އުއްމީދު ހާސިލްވި އިރު އޭނާގެ އުމުރަކީ 106 އަހަރެވެ. އޭނާ އަށް އެމެރިކާގެ ރަށްވެހިކަން ލިިބުނީ މިޑް-ޓާމް އިލެކްޝަން ބޭއްވި ދުވަސް ކަމަށްވާ މިދިޔަ އަންގާރަ ދުވަހު އެވެ. މީގެ ފަހުން އޭނާ އަށް އެމެރިކާގައި ދެން ވޯޓު ލެވޭނެ އެވެ. ބޮނިއްލާ ވަނީ ވާޖީނިއާގައި ވޯޓުލެވޭ މީހެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްފަ އެވެ.

ބޮނިއްލާ އަކީ އެމެރިކާގެ ރަށްވެހިކަން ލިބުނު އެންމެ ދުވަސްވީ މީހާއެއް ނޫނެވެ. މީގެ 20 އަހަރު ކުރިން ވަނީ 117 އަހަރުގެ ތުރުކީ މީހަކަށް ވެސް އެމެރިކާގެ ރަށްވެހިކަން ދީފަ އެވެ.

ބޮނިއްލާ އުފަންވެފައި ވަނީ މާޗް 22، 1912 ގަ އެވެ. އޭނާ އަށް 18 ދަރިން ލިބިފައިވާ ކަމަށްވެ އެވެ. ދުނިޔޭގައި ތިބީ އަށް ކުދިންނެވެ. އެންމެ ހަގު ދަރިފުޅުގެ އުމުރަކީ 55 އަހަރެވެ. ދޮށީ ދަރިފުޅުގެ އުމުރަކީ 75 އަހަރެވެ.

ބޮނިއްލާ އެމެރިކާ އަށް ހިޖުރަކުރީ 2002 ވަނަ އަހަރު އެވެ. އޭރު އޭނާގެ ގިނަ ދަރިން ދިރިއުޅެމުން ދިޔައީ އެމެރިކާގަ އެވެ.