ޕާކިސްތާނާއި ޗައިނާއާ ދެމެދު ލަގްޒަރީ ބަހުގެ ޚިދުމަތް ފަށައިފި
ޕާކިސްތާނާއި ޗައިނާއާ ދެމެދު ލަގްޒަރީ ބަހުގެ ޚިދުމަތް ފަށައިފި

ލާހޯރު (ނޮވެމްބަރު 11) - ޕާކިސްތާނުގެ ލާހޯރާއި ޗައިނާގެ ޒިންޖިއާން ޕްރޮވިންސްގެ ކަޝްގާރްއާ ދެމެދު ލަގްޒަރީ ބަހުގެ ޚިދުމަތް ދޭން ފަށައިފި އެވެ.

ޕާކިސްތާން ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ޝުޖާ އެކްސްޕްރެސް ގުޅިގެން ބަހުގެ ޚިދުމަތް ފެށީ ދެ ގައުމަށް ވެސް ދަތުރުކުރަން ބޭނުންވާ ޓޫރިސްޓުންނަށް އެހީތެރިވެދިނުމުގެ ގޮތުންނެވެ.

ލާހޯރު-ކަޝްގަރު ބަހުގެ ޚިދުމަތް ހަފުތާއަކު ހަތަރު ދުވަހު ދޭނެ އެވެ. ބަސް ދަތުރު ކުރާނީ ހޮނިހިރު، އާދިއްތަ، ހޯމަ އަދި އަންގާރަ ދުވަހު އެވެ. ކަޝްގަރު-ލާހޯރުގެ ބަހުގެ ޚިދުމަތް އޮންނާނީ އަންގާރަ، ބުދަ، ބުރާސްފަތި އަދި ހުކުރު ދުވަހު އެވެ. ޗައިނާ އާއި ޕާކިސްތާނާ ދެމެދު ކުރާ ބަސް ދަތުރަށް 36 ގަޑިއިރު ހޭދަވެ އެވެ. ދަތުރުގައި ފަސް ތަނެއްގައި ބަސް މަޑުކުރެ އެވެ. ބަހުން ދަތުރު ކުރާ މީހުން ސައްހަ ވިސާ އާއި އައިޑީ ކާޑް ބޭނުންވެ އެވެ.

ބަސް ދަތުރުގެ އެއްކޮޅު ޓިކެޓުގެ އަގަކީ 13،000 ޕާކިސްތާން ރުޕީސް އެވެ. ދެކޮޅު ޓިކެޓުގެ އަގަކީ 23،000 ރުޕީސް ކަމަށް ރޭޑިއޯ ޕާކިސްތާނުން ބުނެ އެވެ.