އިންޑިއާގެ އެކްޓިވިސްޓަކު ފައި މަގުގައި ދިއްލީން ޖެނީވާ އަށް
އިންޑިއާގެ އެކްޓިވިސްޓަކު ފައި މަގުގައި ދިއްލީން ޖެނީވާ އަށް

ޖެނީވާ (ނޮވެމްބަރު 11) - "މާޗް ފޯ ޖަސްޓިސް އެންޑް ޕީސް"ގެ ނަމުގައި އިންޑިއާގެ ނިއު ދިއްލީން ސްވިޒަލެންޑުގެ ޖެނީވާ އަށް ފައި މަގުގައި ދިއުމަށް އިންޑިއާގެ އެކްޓިވިސްޓަކު ނިންމައިފި އެވެ.

ރާޖަގޯޕާލް ޕީވީ ނަމަކަށް ކިޔާ އެކްޓިވިސްޓް ބުނީ ގާތްގަނޑަކަށް 9،500 ކިލޯ މީޓަރުގެ ދަތުރު އޭނާ ފަށާނީ އަންނަ އަހަރުގެ އޮކްޓޯބަރު މަހު 2 ވަނަ ދުވަހު ނިއު ދިއްލީން ކަމަށެވެ. އަދި ސްވިޒަލެންޑުގެ ސިޓީ އަށް އޭނާ އަށް ފޯރާނެ ކަމަށް ލަފާކޮށްފައި ވަނީ ސެޕްޓެމްބަރު 25، 2020 ގަ އެވެ.

ދަތުރު ފަށަން ހަމަޖެއްސީ މަހާތަމާ ގާނދީގެ 150 ވަނަ އުފަން ދުވަހާ ދިމާކޮށެވެ. އުމުރުން 70 އަހަރުގެ އިންޖިނޭރެއް ކަމަށްވާ ރާޖަގޯޕާލް ބުނީ އޭނާގެ ދަތުރުގެ ބޭނުމަކީ ބިމެއް ނެތް މީހުންގެ ހައްގުތައް ސަމާލު ކަމަށް ގެނައުން ކަމަށެވެ. ދަތުރު ކުރަން ނިންމާފައި ވަނީ އިންޑިއާ، ޕާކިސްތާން، އީރާން އަދި ތުރުކީން ސްވިޒަލެންޑަށެވެ.

"ފަގީރުންގެ އަތުން ފެނާއި ބިމާއި ޖަންގަލިތައް އަތުލައިފި ނަމަ މުޖްތަމައުގައި އުފެދިގެން ދާނީ ހަމަނުޖެހުން،" ގާނދީ ޕީސް ފައުންޑޭޝަންގެ ނައިބް ރައީސްކަން ކުރާ ރާޖަގޯޕާލް ބުންޏެވެ.

ރާޖަގޯޕާލް ބުނީ އޭނާގެ ދަތުރުގައި ވަރަށް ގިނަ ގޮންޖެހުންތައް ދިމާވާނެ ކަމަށެވެ. އޭގެ ތެރޭގައި ފައި މަގުގައި ދަތުރުކުރާ އިރު ބައެއް ގައުމުތަކުން ވިސާ ހޯދުން ހިމެނެ އެވެ. އެހެންވެއްޖެ ނަމަ ބޮމްބޯ އިން ގްރީސް އަށް ކަނޑު ބޯޓެއްގައި ގޮސް އޭގެ ފަހުން ފައި މަގުގައި ދަތުރު ކުރިއަށް ގެންދާނީ ކަމަށް ބުންޏެވެ.

ރާޖަގޯޕާލް ބުނީ އަންނަ އަހަރުގެ އޮކްޓޯބަރާ ހަމައަށް އެކި ގައުމުތަކަށް ދަތުރުކޮށް އޭނާގެ ހިނގާލުމަށް ސަޕޯޓް ހޯދާނެ ކަމަށެވެ. އަދި އެ ދަތުރުގައި އެތައް ބަޔަކު ބައިވެރިވާނެ ކަމަށް އުއްމީދު ކުރާ ކަމަށް ވެސް ބުންޏެވެ.