11 ނޮވެމްބަރ 2018 - 09:21

މެނިލާ، ފިލިޕީންސް (ނޮވެމްބަރު 9) - މީގެ ފަނަރަ ވަރަކަށް އަހަރު ކުރިއާ ހިލާފަށް މިހާރު އޭޝިއާ އަކީ ފުޓްބޯޅައިގެ ހިތްގައިމު މަންޒިލެއް ކަމަށް ދާދި ފަހުން ފިލިޕީންސް ޓީމާ ހަވާލުވި އިންގްލެންޑްގެ ކުރީގެ ކޯޗު ސްވިޑެންގެ ސްވެން ގޯރަން އެރިކްސަން ބުނެފި އެވެ.
ހަ މަސް ދުވަހުގެ އެއްބަސްވުމެއްގެ ދަށުން އެރިކްސަން ފިލިޕީންސް ޓީމާ މިދިޔަ މަހު 27 ވަނަ ދުވަހު ހަވާލުވީ މި މަހުގެ އާފް ސުޒުކީ ކަޕާއި އަންނަ ޖެނުއަރީ މަހުގެ އޭޝިއަަން ކަޕާ އަމާޒުކޮށެވެ. އެރިކްސަން ބުނީ ފިލިޕީންސާ ހަވާލުވީ ތަފާތު ތަޖުރިބާއެއް ކުރުމުގެ ގޮތުން ކަމަށެވެ.
"މި ހުށަހެޅުން ލިބުނީމަ އަހަރެން ހިތަށް އެރީ ކީއްވެހޭ މި ކަން ނުކުރަންވީ. އަހަރެން އަބަދުވެސް މި ތަޖުރިބާކުރަން ބޭނުންވި. ފުޓްބޯޅަ ބަދަލުވެއްޖެ. މީގެ ފަނަރަ އަހަރު ކުރިން އެއްވެސް މީހެއް ހިއެއް ނުކުރާނެ އޭޝިއާ ފުޓްބޯޅަ މިހާ ހިތްގައިމު ފުޓްބޯޅައިގެ މަންޒިލަކަށްވާނެ ކަމެއް. މަޝްހޫރު ކުޅުންތެރިން ވެސް މި ދިމާލަށް މިސްރާބު ޖަހާ އެއް ސަބަބަކީ އެއީ،" އެރިކްސަން ބުންޏެވެ.
އަޒްކާލްގެ ނަމުން މަޝްހޫރުވެފައިވާ ފިލިޕީންސްގެ ކޯޗަކަށް ކުރިން މަސައްކަތްކުރީ އިނގިރޭސި ތަޖުރިބާކާރު ކޯޗު ޓެރީ ބުޝާ އެވެ. ޓީމާ ހަވާލުވިތާ 50 ދުވަސް ވެސް ނުވަނީސް އޭނާ ވަނީ މަސައްކަތްކުރާނެ މާހައުލެއް ނެތް ކަމަށް ބުނެ މަގާމުން އިސްތިއުފާ ދީފަ އެވެ.
އެރިކްސަން ބުނީ ބުޝާ މަގާމުން ދިޔަ ސަބަބެއް އޮޅުންފިލުމުގެ މާ ބޮޑު ޝައުގުވެރިކަން ނެތް ކަމަށާއި އޭނާ ފިލިޕީންސާ އެކު ހެދި އެއްބަސްވުމަށް ފުރިހަމަ އަށް އިހުތިރާމްކުރާނެ ކަމަށެވެ.
"އެހާ ކުރު މުއްދަތެއްގެ ތެރޭގައި އޭނާ ދިޔަ ސަބަބެއް އަހަންނަށް ނޭނގެ. ޔަގީނުން ވެސް އެނގޭ ކަމަކީ އަހަރެން މި ޓީމުގައި އެއްބަސްވި މުއްދަތަށް ހުންނާނަން. މި ޓީމަށް ކާމިޔާބު ހޯދައިދޭން ކުރެވުނު ހުރިހާ މަސައްކަތެއް ކުރާނަން،" އެރިކްސަން ބުންޏެވެ.
އިންގްލެންޑާއި މެކްސިކޯ އަދި އައިވަރީ ކޯސްޓަށް މީގެ ކުރިން ކޯޗުކޮށްދިން އެރިކްސަން މިދިޔަ ހަތަރު ވަރަކަށް އަހަރު މަސައްކަތްކުރީ ޗައިނާގެ ސުޕަ ލީގުގަ އެވެ. މިދިޔަ އަހަރު ޖޫން މަހު ޗައިނާގެ ޝެންޒެންގެ ކޯޗުކަމުން ވަކިކުރި ފަހުން އެރިކްސަން ހުރީ ޓީމަކާ ހަވާލުނުވެ އެވެ.
އާސިއާންގެ ޓީމުތައް ވާދަކުރާ އާފް ސުޒުކީ ކަޕްގައި ފިލިޕީންސް އޮތީ ތައިލެންޑް، އިންޑޮނޭސިއާ، ސިންގަޕޫރު އަދި ޓިމޯ ލެސްޓާއާ އެކު ގްރޫޕް ބީގަ އެވެ. ޔޫއޭއީގައި އަންނަ ޖެނުއަރީ މަހު ފަށާ އޭޝިއަން ކަޕްގައި ފިލިޕީންސް ލައްވާލީ ދެކުނު ކޮރެއާ އާއި ޗައިނާ އަދި ކިރްގިސްތާނާ އެއް ގްރޫޕެއްގަ އެވެ.