ޝާޑު: ސިފައިންގެ ރޫހު ހިފަހައްޓާ ކުޅަދާނަ ސެޓަރު
ޝާޑު: ސިފައިންގެ ރޫހު ހިފަހައްޓާ ކުޅަދާނަ ސެޓަރު

މީގެ އަށެއްކަ އަހަރު ކުރިން މަޝްހޫރު ވޮލީބޯޅަ ކޯޗު އިބްރާހިމް ރަޝީދު (ސަތޯ) ދިން ހިތްވަރަކީ ދިވެހި ސިފައިންގެ ކްލަބްގެ ސެޓަރު ހުސެއިން ޝާހިދު (ޝާޑު) އަށް މި ކުޅިވަރުގައި ކުރިއަށްދާން ހުޅުވިގެންދިޔަ ދޮރެވެ. ސަތޯ ދިން ހިތްވަރާއި އިރުޝާދުގެ ބޭނުންހިފައި ޝާޑު ދިޔައީ ފަސް ބެލުމެއްނެތި ކުރިއަށެވެ. ކުޑައިރުން ފެށިގެން ކުޅެމުން އައި ވޮލީބޯޅައިގެ ސީނިއާ ފެންވަރުގައި އޭރު އޭނާ ވާދަކުރަން ކިރިޔާ ފެށީ އެވެ.

ޝާޑު: ސިފައިންގެ ރޫހު ހިފަހައްޓާ ކުޅަދާނަ ސެޓަރު
ޝާޑު: ސިފައިންގެ ރޫހު ހިފަހައްޓާ ކުޅަދާނަ ސެޓަރު

"ހަނދާން އެބަހުރި އޭރު ސެޓަރަކަށް ހުރި ނާސިރުއާ ވާހަކަ ދައްކައިގެން ޝާޑު އަށް ފުރުސަތު ދޭން ވެގެން ސަތޯ ކޯޗު ކުރި މަސައްކަތް. އެ ދިން ހިތްވަރު އަބަދުވެސް ހަނދާން ހުރޭ." 2010 ވަނަ އަހަރު ސަތޯގެ އިރުޝާދުގެ ދަށުން މޮޅު ވޮލީ ކުޅުންތެރިއަކަށް ވުމަށް ޝާޑު ދަތުރު ފެށިގޮތް ކިޔައިދިނެވެ.

ޝާޑު: ސިފައިންގެ ރޫހު ހިފަހައްޓާ ކުޅަދާނަ ސެޓަރު
ޝާޑު: ސިފައިންގެ ރޫހު ހިފަހައްޓާ ކުޅަދާނަ ސެޓަރު

ޝާޑު ކުޅެން ފެށިއިރު ސިފައިންގެ ޓީމުގައި ކާމިޔާބީގެ ފަަހަތުގައި އޭރު ހުރި ސެޓަރަކީ ގައުމީ ޓީމުގެ ކެޕްޓަން އިޝާން މުހައްމަދު (ބަޓިސް) އެވެ. ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމުގެ ޝަރަފް ސިފައިން ހޯދިއިރު ވެސް ސެޓަރެއްގެ ރޯލުގައި ހުރީ ބަޓިސް އެވެ. އެކަމަކު އޭރު ވެސް ލިބޭ ފުރުސަތުތަކުގެ ބޭނުންހިފައި ޝާޑު ހުރީ ފުރުސަތަކަށް ބަލަބަލަ އެވެ.

"ބަޓިސް ހުރިއިރު ވެސް ސަތޯ ކޯޗު ބުނާނެ. ގައުމީ ޓީމުގެ ސެޓަރު ބެންޗުގައި ބައިންދާފައި ޝާޑު ވެސް ވާނެއޭ ކުޅެލަން. ސަތޯ ކޯޗަކީ ވަރަށް ވިނިން ސްޕިރިޓް ހައި ކޯޗެއް. އޭނަ ބޭނުމެން ނުވާނެ އެއްވެސް މީހަކު ހިތްވަރު އެލިފައި ހުންނަން. އަބަދުވެސް ހިތްވަރުދޭނެ،" ޝާޑު އޭރުގެ ހަނދާންތައް އާ ކުރި އެވެ.

ޝާޑުގެ ވިދުން އެންމެ ފުރަތަމަ ގަދަވާން ފެށީ ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންނާ އެކު 2011 ވަނަ އަހަރު ނުކުތް އެސްޓީއޯ ޓީމާ ދެކޮޅަށް އެ ފަހަރު އެސޯސިއޭޝަން ކަޕްގައި ދެއްކި މޮޅު ކުޅުމުންނެވެ.

"އަދިވެސް ހަނދާން ހުރޭ އެ މުބާރާތް. އެއީ ވަރަކަށް މޮޅަށް ކުޅެވުނު މުބާރާތެއް." ހއ. އިހަވަންދޫ އަށް އުފަން އުމުރުން 28 އަހަރުގެ ޝާޑު ބުންޏެވެ.

ސިފައިން 2013 ވަނަ އަހަރުގެ އެސޯސިއޭޝަން ކަޕް ތަށި މިލްކުކުރިއިރު ޝާޑު ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ހިސާބުން އެއްވެސް މުބާރާތަކަށް ސިފައިންގެ ޓީމަށް ސެޓަރެއް ބޭނުންނުވެ އެވެ. އެއީ ޝާޑުއާ މެދު ޓީމުގެ ކުޅުންތެރިންނަށް އުފެދުނު އިތުބާރެއްގެ ބޮޑު ކަމުންނެވެ.

"ގިނަ ޓީމުތަކުން ސިފައިން ދެކެ ޖެހިލުންވާ ސަބަބަކީ ޓީމު ވޯކް ވަރުގަދަވެފައި މި ޓީމަށް މާ ބޮޑު ބަދަލެއް ނާންނާތީ. އަސްލު އެއް ޓީމެއް މި އޮންނަނީ. މީގެ ތެރެއަށް މި އިތުރުވަނީ މަދު ކުޅުންތެރިންތަކެއް ކޮންމެ އަހަރަކު ވެސް. އަބަދުވެސް ޗެމްޕިއަންކަން ނޫނީ ރަނަރަޕް ލިބި ލިބި މި ހުންނަނީ،" ޝާޑު ބުންޏެވެ.

ސަތޯއާ އެކު ކެރިއަރު ފެށި ނަމަވެސް ފަހުން ޝާޑު ވަނީ ވޮލީގައި ކާމިޔާބު ކޯޗުންނާ އެކު މަސައްކަތް ކޮށްފަ އެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ކޯޗުކަން ވެސް ކުރި މުހައްމަދު ޝަރަފް އާއި މިހާރުގެ ކޯޗު މުހައްމަަދު ސާޖިދު (ކާއްޓޭ) ވެސް ހިމެނެ އެވެ. މިހާރުގެ ކޯޗު މުމްތާޒް އަލީ (މުންތޭ)އާ އެކު ސިފައިން ދަތުރު ފެށީ މީގެ ދެ އަހަރު ކުރިންނެވެ.

"ކޯޗިން ސްކިލްއާ އެއްޗެއްސަށް ބަލާއިރު ސަތޯ ކޯޗު އޯކޭ. ޝަރަފް ކޯޗު އާއި މުންތޭ ކޯޗު ވެސް ވަރަށް ރަނގަޅު. ވަރަށް ރަނގަޅަށް ހަމަޖެހިލާފައި ބުނެދޭ، ކޯޗިންގެ ތަޖުރިބާ މުންތޭ ކޯޗުގެ ނެތަސް ވަރަށް ރަނގަޅަށް އޭނަ ޓީމު ހިންގާ. މި ޓީމުގެ ރޫހު އޭނާ އަށް ވަރަށް ރަނގަޅަށް އެނގޭ." މިހާތަނަށް މަސައްކަތްކުރި ކޯޗުންނާ ބެހޭގޮތުން ޝާޑު ބުންޏެވެ.

ވޮލީ ޓީމެއްގައި ސެޓަރެއްގެ މުހިއްމުކަން އެނގޭނީ ވަރަށް ރަނގަޅަށް ބަލާ ބަޔަކަށް ކަން ޔަގީނެވެ. ކޯޓު މަތީގައި އެންމެ ބޮޑު ޒިންމާއެއް އޮންނަނީ ވެސް ސެޓަރަށެވެ.

"އަސްލު ވޮލީ ޓީމެއްގައި އަނެއްހެން ބުނާނަމަ ކެޔޮޅަކީ ސެޓަރު. އެކަމަކު ކުޅި ބަލަން އަންނަ އެންމެނަށް މި ފެންނަނީ ޖަހާލާ ޝޮޓް. އަސްލު ސެޓަރު ނަގާ ރަނގަޅު ޑިސިޝަނަކުން ރަނގަޅު ޝޮޓް ވެސް މި ޖެހެނީ،" ސެޓަރެއްގެ މުހިއްމުކަން ޝާޑުގެ ނަޒަރުގައި ކިޔައިދިނެވެ.

އެކި ފަހަރު މަތިން ޓީމު ލިސްޓުގައި ހިމެނުނު ނަމަވެސް ގައުމީ ޓީމުގައި އަދި ޝާޑު އަށް ފުރުސަތެއް ނުލިބެ އެވެ. ގައުމީ ޓީމަށް ނަގާނެ ކަމުގެ އުއްމީދުގައި ހުރުމަށް ވުރެ އޭނާގެ އަޒުމަކީ ކުޅެވޭ އެންމެ ރަނގަޅަކަށް ކުޅުމެވެ.

"ވަރަށް ގިނަ މީހުން އަހާ ޝާޑު ކައިރީގައި ކީއްވެހޭ ގައުމީ ޓީމަށް ނުނަގަނީ. އެ ވާހަކަ ދެއްކުމެއް ނެތް ކަންނޭނގެ އަސްލު ކޯޗުން ސެލެކްޓްކުރަނީ. ރާއްޖޭން ބޭރު ލެވެލްގައި ކުޅޭކަށް އިސްކޮޅުން ކުރުވީމަ ފުރުސަތު ނުލިބިދާނެ. އެކަމަކު ފުރުސަތަކީ ދީފިއްޔާ ވެސް ލިބޭ އެއްޗެއް،" އުއްމީދުގައި ހުރެ ޝާޑު ބުންޏެވެ.

މުބާރާތުގައި ވަނަ ހޮވުމަކީ އެ މުބާރާތް އިންތިޒާމްކުރާ ފަރާތްތަކަށް އޮންނަ ކަމެކެވެ. މިހާތަނަށް ޝާޑު އަށް އެންމެ މޮޅު ސެޓަރުގެ މަގާމު ޝާޑު އަށް ލިބުނީ އެންމެ ފަހަރަކު އެވެ. އެއީ މި ފަހަަރުގެ އެސޯސިއޭޝަން ކަޕްގަ އެވެ. މިހާތަނަށް އައިއިރު ޝާޑު އަށް އެންމެ ބޮޑު ހިތްވަރަކީ ޓީމާއި ސަޕޯޓަރުންގެ ފަރާތުން ލިބުނު އެއްބާރުލުމެވެ. "މިހާރު އެވޯޑްސް" އިން ހޮވި އެސޯސިއޭޝަން ކަޕްގެ ގަދަ ފަސް ކުޅުންތެރިންގެ ތެރޭގައި ވެސް ޝާޑު ހިމެނެ އެވެ.

"ސަޕޯޓަރުންގެ ފަރާތުން ލިބޭ ހިތްވަރު ހުރިހާ ވެސް އެއްޗަކީ. ލިބޭ މަގާމުތަކެއް ނޫން. މަގާމު ލިބެން ޖެހޭ ފަހަރު ވެސް އާދޭ ވަރަށް ގިނަ ބަޔަކު އެހެން ބުނަން ވެސް ބުނޭ. މި އަހަރަކީ ވަރަށް އުފާވި އަހަރެއް. އިިދިކޮޅުގައި ވަރުގަދަ ޓީމެއް އޮއްވައި މޮޅުވެވުނީމަ. އެސޯސިއޭޝަން ކަޕް ކާމިޔާބީ ވަރަށް ފުރިހަމަ. ވަރަށް ގިނަ ބަޔަކު ތައުރީފް ވެސް ކުރި،" ޝާޑު ބުންޏެވެ. "ހާއްސަކޮށް ފާހަގަކޮށްލަން ސިފައިން ޓީމުގެ މުއަންމަރުގެ ނަން. އޭނަ އަކީ ވަރަށް އެހީތެރިވާ މީހެއް."

ރާއްޖޭގެ ވޮލީ ކުޅުންތެރިންނަށް ކުޅޭނެ ރަނގަޅު ވަސީލަތްތަކެއް ނެތުމުގެ ޝަކުވާ ގިނަ އެވެ. ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓު ލިބޭ މުއްދަތަށް ފައްތައިގެން ކުޅެން ޖެހޭތީ ކުޅުންތެރިންނަށް މުބާރާތް ދަނީ ވަރަށް ބާރުބޮޑުކޮށެވެ. އަދި އެސޯސިއޭޝަނުން މި އަހަރުގެ މުބާރާތް ކުއްލިއަކަށް ބޭއްވުމުން އޭގެ އުނދަގޫ ޓީމުތަކަށް ކުރިމަތިވި އެވެ. ރަނގަޅަށް ޕްރެކްޓިސް ކޮށްލައިގެން މުބާރާތަށް ނުކުމެވުނު އެއްވެސް ޓީމެއް ނެތެވެ.

ޝާޑު ބުނީ ޓީމުތަކަށް ކުޅެން އަންނަ ކުޅުންތެރިންގެ ތެރެއިން ޒުވާން ކުޅުންތެރިން އެންމެ އިސްކަންދޭންވީ ބޮޑު ޓީމެއްގެ ބެންޗުގައި އިނުމަށް ވުރެން ކުޅެވޭ ޓީމަކަށް ބަދަލުވުމަށް ކަމަށެވެ.

"ޖޫނިއާ ލެވެލްގެ ކުޅުންތެރިން ހާއްސަކޮށް އެބަޖެހޭ ވަރުގަދަ ޓީމުތަކުގެ ބެންޗުގައި އިންނަން ދިއުމުގެ ވިސްނުން ދޫކޮށްލަން. އަރަމުން އަންނަ ކުޅުންތެރިން ވިސްނަންވީ ކުޅުން ދެއްކޭ ކުޅެވޭ ޓީމަކަށްދާން. އޭރަށް އެކްސްޕީރިއަންސް ބިލްޑްވަމުން އަންނާނީ،" ޝާޑު ބުންޏެވެ

ބޮޑު އަނިޔާއެއް ވެގެން ދިގު މުއްދަތަކަށް މިހާތަނަށް ކުޅުމާ ދުރަށްދާން ޖެހިފައި ނެތުމަކީ ޝާޑު މި ކަމުން ކުރިއަށްދާން ހިތްވަރުއެލުވާނުލައި ސާބިތުކަންމަތީ ހުރިކަން ދައްކައިދޭ އެއް ހެއްކެވެ. ސިފައިންގެ ޓީމުގެ ސެޓަރުގެ ޒިންމާ އޭނާ ނަގަނީ މުޅި ޓީމުގެ އެއްބާރުލުން އެހާ ވެސް ފުރިހަމަވުމުންނެވެ.

"ޑިސިޕްލިން ނުލާ ކުޅިވަރެއް ނުކުޅެވޭނެ. މީހުން ބުނާނެ ކުޅިވަރު ކުޅެއޭ ޑިސިޕްލިން ނެތިވެސް. އެކަމަކު އަސްލު ރަނގަޅު ޑިިސިޕްލިން އެއްގެ ތެރެއިން ދިޔައީމަ ކަންނޭނގެ ރަނގަޅު ކާމިޔާބެއް މި ލިބެނީ އެހެންނޫނީ ކާމިޔާބީގެ އަސްލު ބޭނުމެއް ނެތް،" އިންޓަވިއު ނިންމާލަމުން ފަހު ބަހެއްގެ ގޮތުގައި ޝާޑު ދޫކޮށްލި މެސެޖަކީ މި އެވެ.