މެރަތަންގެ ތެރެއިން ކައިވެންޏަށް އެހުމުން ފާޑުކިޔަނީ
މެރަތަންގެ ތެރެއިން ކައިވެންޏަށް އެހުމުން ފާޑުކިޔަނީ

އެެމެރިކާގެ ޒުވާން ފިރިހެނަކު އޭނާގެ ލޯބިވެރިޔާ އަށް "ހާލަތާ ނުގުޅޭ ވަގުތެއްގައި" ޕްރޮޕޯޒް ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

މިކަމެއް ހިނގާފައި ވަނީ އެމެރިކާގެ ނިއު ޔޯކް ސިޓީގައި އާދީއްތަ ދުވަހު އޮތް މެރެތަންއެއްގެ ތެރެއިންނެވެ.

ގިނަ ބައެއްގެ ސަމާލު ކަމަށް ފިރިހެން މީހާގެ ޕްރޮޕޯސަލް އައިސް މީޑިއާތަކުގެ ސުރުހީތަކަށް ވެސް އެ ވާހަކަ އެރީ، މެރަތަންގައި އަލަށް ވާދަކުރި ލޯބިވެރިޔާ ކެއިޓްލީން ކަރަން، އޭނާ ރައްޓެހިވެހެން އުޅޭ ޑެނިސް ގެލްވިން މަގުގެ އެއް ފަރާތުގައި ހުއްޓައި ފެނިގެން "ހެލޯ" އޭ ބުނެލަން ދަނޑިވަޅެއް ހޯދި ވަގުތު، މެރެތަންގެ މެދުތެރެއިން ހުއްޓުވައި ކައިވެންޏަށް އެހުމުންނެވެ.

އަދި ހަމަ އެ ދަނޑިވަޅުގައި ކެއިޓްލީންގެ އިނގިލީގައި ޑެނިސް އަނގޮޓީ އެޅުވި އެވެ. ދެން ކެއިޓްލީން އުފަލުން ރޮވިފައި ލޯބިވެރިޔާގެ ގައިގައި ބައްދައިލާ މަންޒަރު ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯއިން ފެނެ އެވެ.

ނަމަވެސް ގިނަ ބަޔަކަށް މިކަން އެހާ ގަޔާވާ ކަމަކަށް ނުވީ ކެއިޓްލީން ހާސިލު ކުރަން އުޅުނު ލަނޑުދަނޑި އަށް ޑެނިސްގެ ސަބަބުން ކޮންމެވެސް ވަރެއްގެ ހީނަރު ކަމެއް އައުމުންނެވެ. އެކަމަކު އޭނާ ވަނީ 16 ކިލޯމީޓަރުގެ ދުވުން ފުރިހަމަކޮށް ކަރުގައި މެޑެލް އެޅުމުގެ ފުރުސަތު ވެސް ހޯދައިފަ އެވެ.

ޑެނިސް އަށް ފާޑުކީ ބައެއް މީހުން ބުނީ "ކެތްނުލަވައިގެން އުޅުނަސް މިއީ ބޮޑުވަރު" ކަމަށެވެ. އަދި އެއް ބަޔަކު ބުނީ "އެއީ އަންހެނެއްގެ ކާމިޔާބީ އަށް ހުރަސް އެޅުން" ކަމަށާއި ޑެނިއަސްއަކީ "އަމިއްލަ އެދުމުން ފޯވެފައި ހުރި މީހެއް" ކަމަށެވެ.

"ޑެނިސްގެ ބޭނުމަކީ މީހުންގެ ސަމާލުކަން ހޯދުން ކަމަށްވާ ނަމަ އޭނާ އެ ކުރީ އެހާ ފިރިހެންވަންތަ ކަމެއް ވެސް ނޫން،" ޓްވިޓާގައި މީހަކު ބުންޏެވެ.

އެހެން މީހަކު އަދި ބުނީ ފިނިޝިން ލައިނާ ހަމައަށް ކެއިޓްލީ އަށް ދެވެންދެން ވެސް ޑެނިސް އަށް ކެތް ނުވުމުން ލަދުވެތި ކަމަށެވެ. ނަމަވެސް އެއް ބަޔަކު ބުނީ ކެއިޓްލީން އަށް އެއް ދުވަހެއްގައި ކަރުގައި މެޑަލް އަޅުވާލައި، އިނގިލީގައި އަނގޮޓި އަޅުވަން ލިބުމަކީ ވެސް އާދައިގެ ކަމެއް ނޫން ކަމަށެވެ.