11 ނޮވެމްބަރ 2018 - 06:41

މި އަހަރު އެންމެ ހިނގި ލަފުޒަކީ "ސިންގަލް-ޔޫޒް" ކަމަށް އިނގިރޭސިވިލާތުގެ ކޮލިންސް ޑިކްޝަނަރީން ބުނެފި އެވެ.
އެ ބަސް އާންމުކޮށް ބޭނުން ކުރެވެނީ ތިމާވެއްޓާ ގުޅުން ހުރި މައްސަލަތަކާ ބެހޭ ގޮތުން ދެކެވޭ ވާހަކަތަކުގަ އެވެ. ހާއްސަކޮށް، މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ކުރެވޭ ބަހުސްތަކުގަ އެވެ. އެ ދާއިރާއާ ގުޅުވައިގެން "ސިންގަލް-ޔޫޒް" ނިސްބަތް ކުރެވެނީ އެއް ފަހަރު ބޭނުންކޮށްލުމަށް ފަހު، އުކާލައި، ތިމާވެއްޓަށް ގެއްލުން ހުރި ޕްލާސްޓިކަށެވެ.
ކޮލިންސްގެ ތަޖުރިބާކާރުން ބުނާ ގޮތުގައި "ސިންގަލް-ޔޫޒް" މި ލަފުޒު އާންމުވިތާ އަހަރުތަކެއް ފަހުން، އެ ލަފުޒު އެންމެ އާންމުކޮށް ބޭނުން ކުރެވެނީ މިހާރު އެވެ. ވަކިން ހާއްސަކޮށް މި އަހަރު އެ ލަފުޒު ވަރަށް ގިނަ އަދަދަކަށް ބޭނުން ކުރެވިފައިވާ ކަމަށް ބުންޏެވެ.
އެގޮތުން 2013 އާ އަޅާކިޔާ ނަމަ މި އަހަރު "ސިންގަލް-ޔޫޒް" ލަފުޒު ބޭނުން ކުރި އަދަދު ހަތަރު ގުނަ އިތުރު ކުރުމަށް ކޮލިންސް ޑިކްޝަނަރީގެ ތަރުޖަމާން ބުންޏެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ކުރެވޭ ބަހުސްތައް މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑަށް ފުޅާވެގެން ގޮސްފައިވާ އިރު، "ސިންގަލް-ޔޫޒް" މި ލަފުޒަށް އަދިވެސް މީހުން ހޭލުންތެރި ކުރުވަން ޖެހޭ ކަމަށް ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވެ އެވެ.
އެގޮތުން އެއް ފަހަރު ބޭނުންކޮށްފައި ޕްލާސްޓިކުގެ ބާވަތްތައް މޫދާއި ކަނޑަށް އުކައިލުމާ ދެކޮޅަށް ކުރަން ޖެހޭ މަސައްކަތްތައް އަދިވެސް ވަރަށް ގިނަ އެވެ.
އަހަރުގެ ލަފުޒުގެ މަގާމު "ސިންގަލް-ޔޫޒް" އަށް ލިބުނު އިރު، ދެން އެންމެ ގިނައިން ބޭނުންކޮށްފައިވާ ލަފުޒުތަކުގެ ތެރޭގައި "ވެޖަން"، "ވައިޓްވޮޝް" އަދި "ގެމަން" ހިމެނެ އެވެ.
ލިސްޓްގައި ދެން ހިމެނޭ ލަޒުފުތަކުގެ ތެރޭގައި ނެށުމުގެ ހަރަކާތްތަކެއް ސިފަކޮށްދޭ "ފްލޮސް" އާއި ޖޮގިން ކުރަމުން ކުނިބުނި ހޮވުމަށް އިޝާރާތް ކުރާ "ޕްލޮގިން" އާއި މި އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތެރެއިން ތައާރަފުވެގެން ދިޔަ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)، ޖިންސީ ފުރައްސާރަތަކާ ދެކޮޅަށް ހިންގާ ކެމްޕޭން "މީޓޫ" އާއި "ބެކްޝޮޕް" އަދި "ގޭސްލައިޓް" ފަދަ ލަފުޒުތައް ހިމެނެ އެވެ.