07 ނޮވެމްބަރ 2018 - 14:12

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އުމްރާގެ އަޅުކަން އަދާކުރެއްވުމަށްޓަކައި މިއަދު ސައޫދީ އަރަބިއްޔާ އަށް ފުރާވަޑައިގެންފި އެވެ.

އިބޫގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު ކޯލިޝަންގެ ބައެއް މެމްބަރުން ވެސް ވަޑައިގަތެވެ.
އިބޫ، އުމްރާގެ އަޅުކަމަށް ފުރާވަޑައިގަތީ ސައޫދީ ސަރުކާރުން ފޮނުވައިދިން ޕްރައިވެޓް ޖެޓެއްގަ އެވެ.
މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ބޮޑު އަޣުލަބިއްޔަތަކުން ކާމިޔާބު ކުރެއްވި އިދިކޮޅު ކެންޑިޑޭޓު އިބޫ ސައޫދީ އަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅުގައި އެ ގައުމުގެ ބައެއް އޮފިޝަލުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް އެމަނިކުފާނުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ވިދާޅުވެފައި ވެ އެވެ.
އުމްރާގެ އަޅުކަމަށް ފަހު އިބޫ ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު އެވެ.
ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން އިބޫ މީގެ ކުރިން ވަނީ ސިންގަޕޫރަށާއި ސްރީ ލަންކާއަށް ވަޑައިގެންފަ އެވެ.