07 ނޮވެމްބަރ 2018 - 14:16

ކަސްޓަމްސް އަށް ރިޕޯޓްނުކޮށް އިންޑިއާގެ ބަޔަކު ރާއްޖެއިން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ކަސްޓަމްސްއިން މިދިޔަ އާދިއްތަ ދުވަހު އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން ބުނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ 6:30 ކަންހާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސިންގަޕޫރަށް ފުރަން އުޅުނު އިންޑިއާގެ ތިން މީހުންގެ އަތުން ތަފާތު ގައުމުތަކުގެ ގިނަ އަދަދެއްގެ ބޭރު ފައިސާ ފެނިފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކިހާ އަދަދެއްގެ އަދި ކޮން ގައުމުތަކެއްގެ ފައިސާ ކަމެއް ކަސްޓަމްސްއިން ނުބުނެ އެވެ.
"މިހާރު" އަށް އެނގިފައިވާ ގޮތުގައި ކަސްޓަމްސްއިން އަތުލި ފައިސާގެ ޖުމުލަ އަދަދު ހަތަރު ލައްކަ ޑޮލަރަށް ވުރެ އިތުރެވެ.
އެ ފައިސާތަކާއި އެކަން ކުރި މީހުން ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ. ފުލުހުންގެ ފަރާތުން އެކަމާ ގުޅޭ ތަފްސީލެއް ނުލިބެ އެވެ.
ރާއްޖޭގެ ގަވައިދުތައް ބުނާގޮތުން ނަގުދު ފައިސާގެ ގޮތުގައި ރާއްޖޭން ބޭރަށް ދާއިރު ގެންދެވޭނީ ގިނަ ވެގެން 30،000 އެމެރިކާ ޑޮލަރެވެ. އިތުރަށް ގެންދާނަމަ ކަސްޓަމްސްގެ ހުއްދަތައް ނަގަން ޖެހެ އެވެ.
ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީން ގައުމުތަކަށް ފޮނުވާ ފައިސާއިން ފީއެއް ނަގާތީ ގަވައިދާ ހިލާފަށް ފައިސާ ގެންދަން އުޅޭ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.