07 ނޮވެމްބަރ 2018 - 13:46

އިސްލާމްއާބާދު (ނޮވެމްބަރު 7) - ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ޗައިނާ އަށް ކުރެއްވި ދަތުރުގެ ޓީވީ މަންޒަރެއްގެ ޑޭޓްލައިންގައި "ބެއިޖިން"ގެ ބަދަލުގައި "ބެގިން" (ސަލާންޖެހުން) ލިޔުމުން، ޕާކިސްތާން ޓެލެވިޒަން ކޯޕަރޭޝަން (ޕީޓީވީ) ގެ މެނޭޖިން ޑިރެކްޓަރު އަރުޝަދު ޚާން މަގާމުން ދުރުކޮށްފި އެވެ.
ޓީވީ ޗެނަލްގެ ކަނަށް ބެގިން އަރުވާފައި ވަނީ ބެއިޖިންގައި އިމްރާން ޚާން ތަގުރީރު ދެމުން ދިޔަ މަންޒަރުތައް ލައިވް ކުރަމުން ދިޔަ އިރު އެވެ. ޓައިޕިން ކުށެއްގެ ގޮތުގައި ބެލެވުނު "ބެގިން" ޓީވީ ސްކްރީނުން 20 ސިކުންތު ވަންދެން ފެންނަން ހުއްޓެވެ. އެކަމަކު ޕާކިސްތާާނުގެ ރަސްމީ ޓީވީން ހެދުނު މި ގޯހަށް އެ ޗެނަލުން ވަނީ މައާފަށް އެދިފަ އެވެ. އަދި އެކަމަށް ޒިންމާވާ މީހުންނަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެ ޓީވީ ޗެނަލުން ބުނެފައިވެ އެވެ.
މި މަހު 2-5 އަށް އިމްރާން ޚާން ބެއިޖިން އަށް ވަޑައިގެންނެވީ ޗައިނާގެ ދައުވަތަކަށެވެ. އެ ދަތުރުގައި ވަނީ ދެ ގައުމުގެ މެދުގައި 15 އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި އެ ދަތުރުގައި ވަނީ ޗައިނާ އިން އެތައް ބިލިއަން ޑޮލަރެއްގެ އެހީ ހޯދައިފަ އެވެ.
އިމްރާން ޚާންގެ ދަތުރާ ދިމާކޮށް ޓީވީ ކެޕްޝަނަށް "ބެގިން" އެރުވުމުން ސޯޝަލް މީޑިއާގައި އެތައް ބަޔަކު ދަނީ ޖޯކް ޖަހަމުންނެވެ.