18 އޯގަސްޓް 2016 - 06:43

(11 އޮގަސްޓް ދުވަހުގެ ނޫހާ ގުޅޭ)

މި ހިސާބުން، މި ދެންނެވުނު ވާހަކަތަކުގެ އަލީގައި އަލްފާތިޙާ ސޫރަތުގެ ފަސް ވަނަ އާޔަތުގައިވާ 'إياك نعبد' (އަޅަމެން އަޅުކަން ކުރަނީ ހަމައެކަނި އިބަރަސްކަލާނގެ ކިބަފުޅަށެވެ.) މި އިބާރާތުގެ މާނައިގެ މައްޗަށް ނަޒަރު ހިންގާލަމާ ތޯ އެވެ. ކުރިން ވެސް ނަންގަނެވުނުހެން އަޅުކަން ކުރުމުގެ މާނަ ގުޅެނީ ބޯލަނބައި ކިޔަމަންގަތުމާއި ތަޢުޡީމު އަދާކުރުމާ އެވެ. މާތް ﷲގެ ކިބަފުޅަށް އަޅުކަން ކުރެވެނީ، އެކަލާނގެ ރަސްކަންފުޅުގެ ހައިބަތާއި މަތިވެރިކަން ހިތަށް ގެނެސް، އަޅުވެރިޔާގެ ނަފްސު އެކަލާނގެ ކިބަފުޅަށް ތަސްލީމު ކޮށް ދީލާލައި ކިޔަމަންތެރި ކުރުވައިގެންނެވެ. މި ތަސްލީމު ކުރުމާއި ކިޔަމަންތެރިކަން އަދާކުރެވެނީ، އިސްލާމް ދީނުގެ އަޅުކަމުގެ އެންމެ މުހިއްމު އެއްރުކުން ކަމުގައިވާ ނަމާދުގެ މަގުސަދު އަންގައިދޭ ފަދައިން، ކުށް ފާފަތަކަށް އަރައިގަތުމުން ދުރުހެލިވެ، ހެޔޮ އަމަލު ކުރެވިގެންނެވެ.

ދެން، 'نستعين' ("އަޅަމެން ވާގިއެދެމެވެ") މި ލަފުޒުގެ މައްޗަށް ބަލައިލަމާތޯ އެވެ. 'نستعين' މި ލަފުޒުގެ ނެގިފައިވަނީ استعانة މި މަސްދަރުންނެވެ. މާނައަކީ 'ވާގިވެރިކަން'، ނުވަތަ 'އެހީތެރިކަން'، ހޯދުން މި އެވެ. وإياك نستعين "އަޅަމެން ވާގި އެދެނީ ހަމައެކަނި އިބަރަސްކަލާނގެ ހަޟްރަތުންނެވެ." މި އާޔަތުގެ މާނައަކީ ކަމެއް ކުރުމަށް ނުވަތަ ކަމެއް ހާސިލުވެ ދިޔުމަށް، މުއުމިނާ ބޭނުންވާ އެހީތެރިކަން، އާދެ، ހިތްވަރާއި ބާރު، ލިބުން އޭނާ އެދެނީ، ހަމައެކަނި މާތްﷲގެ ހަޟްރަތުން ކަމެވެ. އެންމެ ފުރަތަމަ، އެކަލާނގެއަށް އަޅުކަންކޮށް ކިޔަމަންތެރިކަން އަދާ ކުރުމުގަ އެވެ. އަދި، އެއަށް ފަހު، މުއުމިނާގެ ދުނިޔަވީ ކަންތައްތައް ފުރިހަމަކޮށް، އޭނާ ކަނޑައަޅާ އޭނާގެ ލަނޑުދަނޑިތަކާ ހަމައަށް، ވާސިލު ވުމުގަ އެވެ.
އިންސާނާ ކަމެއް ހާސިލުކުރުމަށްޓަކައި ތަފާތު މަރުހަލާތަކެއް ކަޑައްތު ކުރަންޖެހެ އެވެ. އެންމެ ފުރަތަމަ އެކަން ކުރަން ގަސްދުކޮށް، އެކަން ކުރުމުގެ ވަރުގަދަ އަޒުމެއް ހިތުގައި ކަނޑައަޅާލަން ޖެހެ އެވެ. ތަހައްދީތަކާއި ގޮންޖެހުންތައް، ދަތިތަކާއި ހުރަސްތައް ކުރިމަތި ވިޔަސް، އޭނާ ބޭނުންވާ ކަމެއް ކޮށް ނިމެންދެން އެކަން ކުރުމުގެ އެދުން ފަނޑުނުވެ ހުންނާނޭ ފަދަ، ނުގުޑާ ވަރުގަދަ އަޒުމެކެވެ. އެ އަށް ފަހު، އެކަން ހަގީގަތަކަށް ހަދާލުމަށްޓަކައި ކުރަން ޖެހޭކަންތައްތައް ކުރުމުގެ މަރުހަލާ އެވެ. އާދެ، ކުރަން ގަސްދު ކުރާ ކަމަކާ ހަމަޔަށް ވާސިލު ކޮށްދޭ އަސްބާބުތަކުގައި ހިފުމުގެ މަރުހަލާ އެވެ. އަދި އެކަން ކުރުމުގެ މަގުމަތީގައި ކުރިމަތިވާ ހުރަސްތައް ގިރާކުރުމާއި ދިމާވާ ދަތިތައް ނެތިކޮށް ލުމުގެ މަރުހަލާ ވެސް މެ އެވެ. މިހުރިހާ މަރުހަލާތަކެއްގައި ވެސް އޭނާ، ހިތްވަރާއި ބާރު، ވާގިވެރިކަމާއި އެހީތެރިކަން، ބޭނުންވެ އެވެ.
މިސާލަކަށް ކިޔަވާކުއްޖަކު އިމްތިހާނުގައި ރަނގަޅު ނަތީޖާއެއް ހޯދަން އެދޭ ނަމަ، އެންމެ ފުރަތަމަ މިކަމަށް ނިޔަތްގަނެ އަޒުމު ކަނޑައަޅަން ޖެހެ އެވެ. އެއަށް ފަހު އޭނާގެ ލަނޑުދަނޑިޔާ ހަމަޔަށް ގެންގޮސްދޭނޭ އަސްބާބުތަކުގައި ހިފަން ޖެހެ އެވެ. އާދެ، އޭނާގެ ފިލާވަޅުތައް ކިޔައި ފަހުމްކޮށް ދަސްކުރަން ޖެހެ އެވެ. ނޭނގޭ އެއްޗެއް އޮތް ނަމަ އެކަން ފާހަގަކޮށް އެ އެއްޗެއް އޮޅުންފިލުވަންޖެ އެވެ. އާދެ، ކުރު ގޮތަކަށް ދަންނަވަނީނަމަ، ދުރާލައި ވަރަށް ރަނގަޅަށް އިމްތިހާނަށް ތައްޔާރުވާން ޖެހެއެވެ.
މި ކަމުގައި ގިނަ ވަގުތުތަކެއް ހޭދަ ކުރަން ވެސް ޖެހި ދެ އެވެ. އަދި ބައެއް ފަހަރު ނިދިން މަހްރޫމުވެ ހިތްހަމަ ޖެއްސުމުގެ ކުޅިވަރުތަކާއި މަޖާކުރުމާއި އަރާމު ކުރުމާ ވެސް ވަގުތީ ގޮތުން ދުރަށް ދާން ޖެހި ދެ އެވެ. މިފަދަ ވަގުތުތަކުގައި އޭނާގެ އަމިއްލަ ނަފްސު އިމްތިހާނު ކޮށްލެވެ އެވެ. ތިމާގެ އަޒުމުގެ ހުރި ނަމަ ހުރި ސާބިތުކަމަކާއި އަދި ތިމާގެ ހިތްވަރުގެ ފަންވަރު ވެސް އެނގި އަމިއްލަ ނަފްސު ދަސް ވެ އެވެ. ބައެއް ފަހަރު އަމިއްލަ އަޒުމު ބަލިކަށިވެ ހީނަރުވާ ގޮތް ވެ އެވެ. އަދި ހިތްވަރު އެލި، ނަފްސަށް ކަންނެތް ކަމާއި ލޮޑުކަން ވެރިވެދެ އެވެ. އަދި ބޭނުންވާ ލަނޑުދަނޑިއާ ހަމަޔަށް ދާން ކުރަން ޖެހޭ މަސައްކަތް ކުރުން ހުއްޓޭގޮތް ވެ އެވެ.
މިފަދަ ވަގުތުތަކުގައި އިތުރު ހިތްވަރާއި ބާރު އަމިއްލަ ނަފްސުގައި އުފައްދާލަން ޖެހެ އެވެ. އަދި ހަމަ އެހެންމެ، ބޭނުންވާ ކަންތައް ހާސިލު ކުރުމަށް ހުރަސްއަޅާ، ތިމާގެ އަމިއްލަ ބާރުން ބޭރުގައިވާ، ކަންތައްތައް ވެސް ހުރެ އެވެ. އިމްތިހާނުގެ ދުވަސްވަރު ބަލިވުންފަދަ ކަންކަމެވެ. ނޫންނަމަ ގާތްތިމާގެ މީހަކު ވަކިވެދިޔުން ފަދަ ހިތާމަވެރި ކަމަކާ ކުރިމަތިލާން ޖެހުމެވެ. އެކަމުގެ ސަބަބުން މުޅި ނަފްސު ލޮޅުން އަރުވާލައި، ފިލާވަޅުތައް ދަސްކޮށް އިމްތިހާނަށް ތައްޔާރުވުމުގެ ތަރުކީޒު ގެއްލި ދާ ގޮތް ވެ އެވެ.
"އަޅަމެން ވާގި އެދެނީ ހަމައެކަނި އިބަރަސްކަލާނގެ ހަޟްރަތުންނެވެ." މި އާޔަތުން ދޭހަ ކޮށްދެނީ މުއުމިނާ އޭނާ ކަމެއް ކުރަން ގަސްދު ކުރާ އިރު އޭނާ އަށް އެކަން ކުރުމުގެ މަގު ފަހި ކޮށްދެއްވުމަށް އެދުމާއި އަދި ކާމިޔާބު ގޮތެއްގައި އެކަމާ ހަމަ އަށް ވާސިލުކޮށް ދެއްވުމަށް ވާގިވެރިވެ، އެހީތެރިވެދެއްވުމަށް އަދައި ދަންނަވަނީ ހަމައެކަނި މާތްﷲގެ ހަޟްރަތުގައި ކަމެވެ. އެންމެ ފުރަތަމަ އޭނާ ކަނޑައަޅާލި އަޒުމުގެ މަތީ ނުގުޑާ ދެމިހުރުމަށްޓަކައި ބޭނުންވާ ވާގިވެރިކަމާއި އެހީތެރިކަމެވެ.
އެއަށްފަހު، އެކަމަށް މަގު ފަހި ކޮށްދޭ އަސްބާބުތައް މެދުވެރިކޮށް ދެއްވުމުގެ ވާގިވެރިކަމާއި އެހީތެރިކަމެވެ. އަދި، ކުރިމަތިވެދާނެ ދަތިތަކާއި ހުރަސްތައް، ތިމާގެ އަމިއްލަ ނަފްސުގައި، އެ ކަންކަން ނެތި ކޮށްލެވޭނެ އެކަށޭނަކަން ހުރިނަމަ، އެފަދަ ދަތިތަކާއި ހުރަސްތަކާ ކުރިމަތިލައި، އެ ކަންކަން ނެތިކޮށްލުމުގެ ހިތްވަރާއި ބާރު އަމިއްލަ ނަފްސުގައި އުފައްދާލުމުގެ ވާގިވެރިކަމާއި އެހީތެރިކަމެވެ. އެފަދަ ހުރަސްތައް ކުރިމަތިވެ، އެކަމުގެ ސަބަބުން ތިމާގެ އަޒުމު ބަލިކަށިވެ، ހިތްވަރު އެލޭ ވަގުތުތަކުގައި، ތިމާގެ އަޒުމު އަލުން އާކޮށް، އިތުރު ހިތްވަރު ތިމާގެ ނަފްސުގައި އުފައްދާ ލުމުގެ ވާގިވެރިކަމާއި އެހީތެރިކަމެވެ.
އަދި ތިމާގެ އަމިއްލަ ބާރުން ބޭރުގައިވާ ދަތިތަކާއި ހުރަސްތައް މެދުވެރި ނުކުރެއްވުމަށް އެދި ދަންނަވައި، މި ގޮތުން ވެސް ވާގިވެރިވުމާއި އެހީތެރިވުމެވެ. އާދެ، މުއުމިނާ މިފަދަ ހުރިހާ ކަމެއްގައި ވެސް ވާތްގާއި އެހީތެރިކަމަށް އެދި ދަންނަވަނީ ހަމަ އެކަނި މާތްﷲގެ ހަޟްރަތުގަ އެވެ.
އަލްފާތިޙާ ސޫރަތުން މިހާތަނަށް ބަލައިލެވުނީ އެސޫރަތުގެ ފުރަތަމަ ބައިގައި ހިމެނޭ ފަސް އާޔަތުގެ މައްޗަށެވެ. އެއްވަނަ އާޔަތުން ފެށިގެން ފަސްވަނަ އާޔަތުގެ ނިޔަލަށެވެ. މި ހިސާބުން އަލްޙަމްދު ސޫރަތުގެ ފުރަތަމަ ބައިގެ، އާދެ، އެއް ވަނަ އާޔަތުން ފެށިގެން ފަސް ވަނަ އާޔަތުގެ، ތަފްސީރުގެ ވާހަކަ ނިމުނީ އެވެ. އިސްވެ ދިޔަ ހަލަގާ ތަކުގައި ނަންގަނެވި ދިޔަ ފަދައިން، މިފަސް އާޔަތުގައި ބަޔާން ކުރެވިފައިވަނީ މާތްﷲއަށް ޙަމްދުކޮށް، އެކަލާނގެއަށް ހައްގު އަދަބާއި އިހުތިރާމު އަދާކުރުމުގެ ވާހަކަ އެވެ. އެއަށްފަހު، އެކަލާނގެ އާއި މުއުމިނާއާއި އޮންނަ ގުޅުމުގެ ވާހަކަ އެވެ.
ދެން ބަލައިލެވޭތޯ މަސައްކަތް ކުރާނީ އަލްޙަމްދު ސޫރަތުގެ ދެ ވަނަ ބަޔަށެވެ. އެ ސޫރަތުގެ ފަހު ދެ އާޔަތުގެ މައްޗަށެވެ. އެ ސޫރަތުގެ މައިގަނޑު މައުޟޫއު، މައްޗަށެވެ. އާދެ، މާތްﷲގެ ޙަޟްރަތުގައި ތެދުމަގު ހޯދުމަށް އެދި ދެންނެވޭ ދުޢާގެ މައްޗަށެވެ.
މި ދެ އާޔަތުގައި ބަޔާންކުރެވިފައިވަނީ، އަލް ފާތިޙާ ސޫރަތުގެ މައިގަނޑު މައުޟޫއުގެ ވާހަކަ އެވެ. 'ތެދުމަގު' ދެއްކެވުމަށް އެދި، މާތްﷲގެ ހަޟުރަތުގައި، މުއުމިނާ ދަންނަވާ، ދުއާގެ ވާހަކަ އެވެ. އާދެ، ހަ ވަނަ އާޔަތުގައިވާ اهْدِنَا الصِّرَاطَ الْمُسْتَقِيمَ "އަޅަމެނަށް ތެދުމަގު ދައްކަވާނދޭވެ!" މި ދުއާގެ ވާހަކަ އެވެ. މި އާޔަތާ ވިދިގެން އޮތް ހަތް ވަނަ އާޔަތުގައި އައިސްފައިވަނީ މި ތެދުމަގު ސިފަ ކޮށްދޭ ސިފަކޮށް ދިނުމެކެވެ.
އެގޮތުން ފުރަތަމަ ބުނެވިފައިވަނީ މި ތެދު މަގަކީ صِرَاطَ الَّذِينَ أَنْعَمْتَ عَلَيْهِمْ 'އިބަ ރަސްކަލާނގެ އެބައިމީހުންގެ މައްޗަށް ނިޢުމަތް ލެއްވި މީހުންގެ މަގު'ކަމެވެ. މި އަށް ފަހު، ދެން، އެ މަގު ސިފަކޮށްދީ ބުނެދީފައި ވަނީ އެއީ غَيْرِ الْمَغْضُوبِ عَلَيْهِمْ وَلَا الضَّالِّينَ 'އެ މީހުންގެ މައްޗަށް އިބަ ރަސްކަލާނގެ ކޯފާ ހައްގުވީ މީހުންނާއި އަދި މަގު އޮޅި ދިޔަ މީހުންގެ މަގު ވެސް ނޫން' ކަމެވެ.
މި ދެ އާޔަތް ފަހުމް ކޮށް ދެނެގަތުމަށްޓަކައި މި ދެ އާޔަތުގައި ވާރިދުވެފައިވާ މުހިއްމު ތިން އިބާރަތެއްގެ މައްޗަށް ބަލައިލަން ޖެހެ އެވެ. އެންމެ ފުރަތަމަ 'ތެދުމަގަކީ' ކޮބައިކަމުގެ މައްޗަށެވެ. އެ އަށް ފަހު، 'އެ މީހުންގެ މައްޗަށް މާތްﷲގެ ކޯފާ ހައްގުވި މީހުން'ނަކީ ކޮބައިކަމާއި އަދި 'މަގު އޮޅިދިޔަ މީހުން'ނަކީ ކޮބައިކަމުގެ މައްޗަށެވެ.
'ތެދުމަގު' ދެއްކެވުމަށް މާތްﷲގެ ހަޟްރަތުގައި، މުއުމިނާ ދަންނަވާ ދެންނެވުމަކީ އޭނާގެ ހަޔާތް، ހެޔޮ ގޮތުގައި ވޭތުކޮށްލާނޭ ގޮތުގެ މަގު ބަޔާން ކޮށް ދެއްވުމަށް އެދި ދަންނަވާ ދެންނެވުމެކެވެ. އެ މަގުގައި އޭނާގެ ހަޔާތް ވޭތުކޮށްލުމުން، ދުނިޔޭގައްޔާއި އަދި އާޚިރަތުގައި ވެސް ބާއްޖަވެރިކަން އޭނާ އަށް ލިބޭނޭ މަގު އޭނާ އަށް ބަޔާން ކޮށް ދެއްވުމަށް އެދި ދަންނަވާ ދެންނެވުމެކެވެ.
މިމަގަކީ ކޮބައިކަން ވިސްނައި ގަތުމަށްޓަކައި އިންސާނާގެ ދުނިޔަވީ ވުޖޫދުގެ، އެބަހީ، އޭނާ ދުނިޔޭގައި ދިރިހުންނަ ހުރުމުގެ ތަބީއަތާ މެދު ވިސްނާލާން ޖެހެ އެވެ. ދުނިޔޭގައި، އިންސާނާ ދިރި ހުންނަ ހުރުން، މައިގަނޑު ދެ ބަޔަކަށް ބަހާލެވި ދާނެ އެވެ. ފުރަތަމަ ބަޔަކީ، ވަކި ފަރުދެއްގެ ހައިސިއްޔަތުން، އޭނާ ދުނިޔޭގައި ދިރިހުންނަ ހުރުމެވެ.
އާދެ، އޭނާގެ އަމިއްލަ ޝަޚްސީ، ނުވަތަ ޒާތީ، ހަޔާތާ ގުޅޭ ބަޔެވެ. ދެ ވަނަ ބަޔަކީ، މުޖުތަމައެއްގައި ހިމެނޭ މީހެއްގެ ގޮތުގައި އޭނާ ދިރިއުޅެން ޖެހޭ ދިރިއުޅުމެވެ. އާންމު މީސްތަކުންގެ ތެރޭގައި، މުޖުތަމައުގެ ފަރުދުންނާ ގުޅި، އެ މީހުންނާ މުއާމަލާތްކޮށް، އުޅެންޖެހޭ އުޅުމެވެ. 'ތެދުމަގު' ދެއްކެވުމަށް މާތްﷲގެ ހަޟްރަތުގައި ދެންނެވޭ ދެންނެވުމަކީ މުއުމިނާ، އޭނާގެ ހަޔާތުގެ ފަރުދީ ބަޔާއި އަދި އޭނާގެ ހަޔާތުގެ މުޖުތަމައީ ބައި ވެސް، ހެޔޮ ގޮތުގައި، ވޭތުކޮށްލާނީ ކިހިނެއްކަން ބަޔާންކޮށް ދެއްވުމަށް، އެކަލާނގެ ޙަޟުރަތުގައި އެދި ދެންނެވޭ ދެންނެވުމެކެވެ.
ކީރިތި ޤުރްއާނުގެ ދެން ބާކީއޮތް 113 ސޫރަތުގައި ބަޔާންކޮށް ހުށަހަޅާލެވިފައިވަނީ މުއުމިނާގެ ހަޔާތުގެ މި ދެ ބައި ހެޔޮ ގޮތުގައި ވޭތު ކޮށްލާނޭ ގޮތުގެ ތަފްސީލީ ވާހަކަތަކެވެ. މި ބަޔާންކޮށްދިނުން، އަލްބަޤަރާ ސޫރަތާއި އަދި އެހެން ސޫރަތްތަކުގެ މާނަ ފަހުމްކޮށް ދެނެގަތުމުގެ މަސައްކަތް ކުރަމުން، ކުރިއަށް ދިޔަހެން، އިރާދަކުރެއްވިއްޔާ، އެނގި ސާފުވަމުން ދާނެ އެވެ. (ނުނިމޭ)
އެޑިޓަރުގެ ނޯޓް: ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމަކީ، މަދީނާގެ އިސްލާމިކް ޔުނިވަސިޓީން ފުރަތަމަ ޑިގްރީ ހާސިލްކުރައްވައި، އޮސްޓްރޭލިޔާގެ ލެޓްރޯބް އެންޑް މެލްބަން ޔުނވަސިޓީން މާސްޓާޒް އާއި ޕީއެޗްޑީ ނަންގަވާފައިވާ ބޭފުޅެކެވެ. މިހާރު އޭނާ ގެންދަވަނީ އޮސްޓްރޭލިޔަން އިންޓަނޭޝަނަލް އެކަޑަމީ އޮފް އެޑިޔުކޭޝަންގައި އަރަބި ބަހާއި މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚް ކިޔަވައިދެއްވަމުންނެވެ. މީގެ ފަހުން ކޮންމެ ބުރާސްފަތި ދުވަހަކު ޑރ. ޢަބްދުލްޣަފޫރުގެ ކޮލަމް "ކޯދު" ކިޔުންތެރިންނާ ބައްދަލުކުރާނެ އެވެ.