މަނީ ރަތުނަމްގެ ފިލްމެއް ކުޅުމަކީ ހާވަޑް ޔުނިވަސިޓީ އަށް ދިއުން ކަހަލަ ކަމެއް: ދަލްގޫރު
މަނީ ރަތުނަމްގެ ފިލްމެއް ކުޅުމަކީ ހާވަޑް ޔުނިވަސިޓީ އަށް ދިއުން ކަހަލަ ކަމެއް: ދަލްގޫރު

އިންޑިއާގެ ކުޅަދާނަ ޑައިރެކްޓަރު މަނީ ރަތުނަމްގެ ފިލްމެއްގައި މަސައްކަތްކޮށްލަން ލިބުމަކީ ކިޔަވަން އެމެރިކާ ހަވަޑް ޔުނިވަސިޓީ އަށް ދިއުން ކަހަލަ ކަމެއް ކަމަށް ސައުތުގެ މަޝްހޫރު އެކްޓަރު ދަލްގޫރު ސަލްމާން ބުނެފި އެވެ.

މި އަހަރު ރިލީޒް ކުރި އިރުފާން ހާންގެ "ކާރުވާން" އިން ބޮލީވުޑަށް ވެސް ތައާރަފުވި 32 އަހަރުގެ އެކްޓަރު ބުނީ ރަތުނަމްގެ ފިލްމެއްގައި މަސައްކަތްކޮށްލުމަކީ އޭނާ ފިލްމީ ދާއިރާ އަށް ނުކުތް ފަހުން އެންމެ ބޮޑަށް ދެކެވުނު އެއް ހުވަފެން ކަމަށެވެ.

ދަލްގޫރު ވަނީ ރަތުނަމްގެ 2015 ގެ ލޯބީގެ ފިލްމު "އޯ ކާދަލް ކަންމަނީ" ގެ ބަތަލުގެ ރޯލް ކުޅެފަ އެވެ. މި ފިލްމުގެ ހިންދީ ރިމޭކިން އެއް 2016 ގައި "އޯކޭ ޖާނޫ" ގެ ނަމުގައި ޝްރަދާ ކަޕޫރާއި އަދިތިޔާ ރޯއި ކަޕޫރާ އެކު ވެސް ގެނެސްދީފައިވެ އެވެ.

"ރަތުނަމްއާ އެކު މަސައްކަތް ކުރުމަކީ ވަރަށް ގިނަ އެއްޗެހި ދަސްވާ ކަމެއް. ފިލްމު މޭކިންއަކީ ކޯޗެއްކަން އޭނާއާ އެކު މަސައްކަތްކޮށްލާ ކޮންމެ އެކްޓަރަކަށް ތަޖުރިބާކޮށްލެވޭނެ. އަހަރެން ނުބުނާނަން ރަތުނަމް ސާއާ އެކު ކުރެވެނީ މަސައްކަތަކޭ. އަހަރެން އެ ތަޖުރިބާ ސިފަ ކުރާނީ ދުނިޔޭގެ އެންމެ ވަރުގަދަ އެއް ޔުނިވަސިޓީ ކަމަށްވާ ހާވަޑަށް ކިޔަވަން ދިއުން ކަހަލަ ކަމެއްގެ ގޮތުގައި." މަޝްހޫރު ފިލްމު ކްރިޓިކް ރަޖީވް މަސަންދުގެ ޕޮޑްކާސްޓް ޝޯ "ޓޭކް 2" ގައި ދަލްގޫރު ބުންޏެވެ.

ސޯނަމް ކަޕޫރާ އެކު "ޒޯޔާ ފެކްޓާ" ގެ ބަތަލުގެ ރޯލު ވެސް ކުޅޭ އެކްޓަރު ބުނި ގޮތުގައި އޭނާ ވަރަށް ތުއްތު އިރުއްސުރެ ރަތުނަމްގެ ފިލްމުތަކުގެ ސެޓްތަކަށް ގޮސް ހަދަ އެވެ. އެއީ އޭނާގެ ބައްޕަ އަދި މަޝްހޫރު އެކްޓަރު މަމޫޓީއާ އެކުގަ އެވެ.

"އޭރުއްސުރެ ވެސް ހިތުގައި އޮވޭ އެކްޓިންގެ ތެރެއަށް ނުކުމެއްޖެ ނަމަ ރަތުނަމްގެ ސާގެ ފިލްމެއްގައި މަސައްކަތްކޮށްލާނަމޭ." ދަލްގޫރު ބުންޏެވެ. "އެ ހުވަފެނުގައި ހުއްޓައި އޯ ކާދަލް ކުޅެން ލިބުނީ. އެ ތަޖުރިބާއަކީ ދުވަހަކު ވެސް ހަނދާން ނެތޭނެ ކަމެއް ނޫން."

ސައުތުގެ އެންމެ ބިޒީ އަދި އެންމެ ކާމިޔާބު އެކްޓަރުންގެ ތެރޭގައި ގުނައިލެވޭ ދަލްގޫރުގެ ދެވަނަ ހިންދީ ފިލްމު "ޒޯޔާ ފެކްޓާ" ސިނަމާތަކަށް ގެންނަން ނިންމާފައި ވަނީ އެޕްރީލް، 5، 2019 ގަ އެވެ.

އާންމުކޮށް ތަމަޅަ ފިލްމުތައް ގެނެސްދޭ ރަތުނަމްއަކީ ވަރަށް ރީތި އަދި ކާމިޔާބު ހިންދީ ފިލްމުތަކެއް ވެސް ގެނެސް ދީފައިވާ ޑައިރެކްޓަރެކެވެ. އޭގެ ތެރޭގައި ރޯޖާ (1992)، ބޮމްބޭ (1995)، ދިލް ސޭ (1998) އަދި ރާވަން (2010) ހިމެނެ އެވެ.