ރާނާ ދަގުބަތީ ދެން ބޭނުމީ ސުޕަހީރޯ ކެރެކްޓާއެއް ކުޅެލަން
ރާނާ ދަގުބަތީ ދެން ބޭނުމީ ސުޕަހީރޯ ކެރެކްޓާއެއް ކުޅެލަން

މިހާރު އެންމެ ބޮޑަށް ބޭނުން ވަނީ އިންޑިއާގެ ރަހަގަނޑު އެކުލެވޭ ސުޕަހީރޯ ކެރެކްޓާއެއް ކުޅެލަން ކަމަށް "ބާހްބަލީ" ގެ ފިލްމުތަކުގައި ބައްލާދޭވް ކިޔާ ވަރަށް ހަރުކަށި އަދި ނުލަފާ ވަރުގަދަ ވިލަންއެއްގެ ރޯލް ކުޅެފައިވާ އެކްޓަރު ރާނާ ދަގޫބަތީ ބުނެފި އެވެ.

ބޮލީވުޑްގެ ކޮމެޑީ ފިލްމު "ހައުސްފުލް 4" ގެ ކާސްޓްގެ ތެރޭގައި ވެސް ހިމެނޭ 33 އަހަރުގެ ރާނާ ބުނީ ބައްލާދޭވްއަކީ ވެސް ސުޕަހީރޯއަކަށް ދޫނުކުރާ ވަރުގެ ރޯލެއް ކަމަށެވެ.

"އަހަރެން ގަބޫލުކުރަނީ އެ ރޯލަކީ ހަމަ ސުޕަހީރޯއަކަށް ދޫނުކުރާ ވަރުގެ ރޯލެއް ކަމަށް. އެކަމަކު އަހަރެން ވަރަށް ބޭނުން ވަރަށް އިންޑިއާވަންތަ ސުޕަހީރޯއެއްގެ ރޯލް ފިލްމެއްގައި ކުޅެލަން،" ސައުތު ފިލްމު އިންޑަސްޓްރީގައި މަޝްހޫރު އެކްޓަރު ބުންޏެވެ.

އޭނާ ބުނި ގޮތުގައި އެކަހަލަ ރޯލަކަށް އިންތިޒާރު ކުރެވެ އެވެ. އަދި ކޮންމެވެސް ދުވަހަކުން ގިނަ ބަޔަކު ގަބޫލުކުރާ ވަރުގެ ސުޕަހީރޯ ކެރެކްޓާއެއް ކުޅެލަން ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ބުންޏެވެ.

"އެންމެ މުހިއްމު ކަމަކަށް ވާން ޖެހޭނެ އެ ކެރެކްޓާއަކީ އިންޑިއާ ރަމްޒުކޮށްދޭ ކަހަލަ، އިންޑިއާ މީހުންގެ ވިސްނުންތަކާ ގުޅޭ ކަހަލަ ކެރެކްޓާއަކަށް ވާން،" ރާނާ ބުންޏެވެ. "މިސާލަކަށް ނަގާ ނަމަ ސްޓާ ވޯސް އިން އެމެރިކާ އަށް ލިއްބައި ދިން ކަހަލަ ފަހުރެއް ބާހްބަލީން އިންޑިއާ ވަނީ ހޯދައި ދީފައި. އެހެންވީމާ މިއީ އަހަރެމެންގެ ލިޔުންތެރިން ވެސް ތަފާތު އެކި ކަހަލަ މޮޅެތި އެއްޗެހި ލިޔަން އިސްކަން ދޭންވީ ވަގުތު. ހުޅަނގާ ވާދަކުރަން ބަލާ އިރު އަހަރެމެންގެ މުސްތަގުބަލު ވަރަށް އުޖާލާކޮށް ފެންނަނީ."

"ދަ ގާޒީ އެޓޭކް" ފަދަ ފިލްމުތައް ވެސް ކުޅެފައިވާ ރާނާ ބޮލީވުޑަށް ތައާރަފުވީ 2011 ގައި ރޯހަން ސިއްޕީ ގެނެސް ދިން ތުރިލާ "ދަމް މަރޮ ދަމް" އިންނެވެ. އޭގެ ފަހުން އޭނާ ވަނީ "ޔެ ޖަވާނީ ހޭ ދީވާނީ" އާއި "ބޭބީ" ފަދަ ހިންދީ ފިލްމުތަކުގައި މަސައްކަތްކޮށްފަ އެވެ.

ރާނާގެ ކުރިއަށް އޮތް ފިލްމަކީ ޖެނުއަރީ 24 ގައި ރިލީޒް ކުރާ އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީގެ ކުރީގެ ސްޕަސްޓާ އެންޓީއާރްގެ ބައޮގްރަފިކަލް ޑްރާމާ އެވެ.

އޭނާ މުހިއްމު ރޯލެއް ކުޅޭ "ހައުސްފުލް 4" ސިނަމާތަކަށް އަންނާނީ އަންނަ އަހަރުގެ އޮކްޓޯބަރު، 25، 2019 ގަ އެވެ.