ރެއާލް މެޑްރިޑުގެ ކޯޗަކަށް ޖާޑިމް؟
ރެއާލް މެޑްރިޑުގެ ކޯޗަކަށް ޖާޑިމް؟

މެޑްރިޑް (ނޮވެމްބަރު 7) – ރެއާލް މެޑްރިޑުގެ އާ ކޯޗަކަށް މޮނާކޯގެ ކުރީގެ ކޯޗު ލެއޮނާޑޯ ޖާޑިމް ހަމަޖައްސަން ވިސްނަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ރެއާލް މެޑްރިޑުން ހުލެން ލޮޕެޓީގް ވަކިކޮށް މި ވަގުތު ވަގުތީ ކޯޗަކަށް ހަމަޖައްސާފައިވަނީ ޔޫތު ޓީމުގެ ކުރީގެ ކޯޗު ސެންޓިއާގޯ ސޮލާރީ އެވެ. އޭނާގެ ކޯޗުކަމުގެ ދަށުން ރެއާލް މެޑްރިޑް ވަނީ ސްޕެނިޝް ކަޕުގައި ތިން ވަނަ ޑިވިޝަނުގެ މެލިއްލާ އަތުން 4-0 އިން އަދި ސްޕެނިޝް ލީގުގައި ރެއާލް ވަލަޑޮލިޑް އަތުން 2-0 އިން މޮޅުވެފަ އެވެ.

އެ ނަތީޖާތަކާ އެކު ސޮލާރީގެ މަގާމް ދާއިމީ ވެދާނެ ކަމަށް ވެސް ވާހަކަދެކެވެ އެވެ. އެކަމަކު މިހާރު ރިޕޯޓްތައް ބުނަނީ ދާއިމީ ކޯޗަކަށް އަންނާނީ ޖާޑިމް ކަމަށެވެ.

ޕޯޗުގަލްގެ ޖާޑިމް މޮނާކޯގައި ނެރުނު ނަތީޖާތަކާ އެކު އޭނާ އަށް ވަރަށް ގިނަ ޓީމުތަކެއްގެ ޝައުގުވެރިކަން ލިބުނެވެ. މޮނާކޯއާ 2014 ވަނަ އަހަރު ހަވާލުވި ޖާޑިމް އެ ޓީމަށް ހޯދައިދިން ހަމައެކަނި ކާމިޔާބަކީ 2017 ވަނަ އަހަރުގެ ފްރެންޗް ލީގެވެ. އަދި އެ އަހަރު ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ގެންގޮސްދިނެވެ. އެކަމަކު ގިނަ ބަޔަކު އޭނާ ފާހަގަކުރަނީ ކީލިއަން އެމްބާޕޭ، ތޯމަސް ލޭމާ، ބެނާޑޯ ސިލްވާ އަދި ބެންޖަމިން މެންޑީ މެން ފަދަ ކުޅުންތެރިން ކުރިއެރުވި ކޯޗުގެ ގޮތުގަ އެވެ.

މި ސީޒަނުގައި އެ ޓީމުން އޭނާ ވަކިކުރީ ނަތީޖާތައް ދަށްވުމުންނެވެ. އެކަމަކު އޭގެ ފަހަތުގައި އޮތީ، މަޝްހޫރު ކުޅުންތެރިން ވިއްކާލުކުން ކަމަށް ތަޖުރިބާކާރުންދެކެ އެވެ. އާ ކޯޗު ތިއަރީ އޮންރީ އަށް ވެސް ނަތީޖާއެއް ނުނެރެވެ އެވެ.