07 ނޮވެމްބަރ 2018 - 10:25

ސައުދީ އަރަބިއާ އިސްކޮށް އޮވެ އަލަށް އުފެއްދި ސައުތު ވެސްޓް ފުޓްބޯލް އެސޯސިއޭޝަން (ސްވާފް) އިން ރާއްޖެ ވަކިވުމާމެދު ގޮތެއް ނިންމާނީ މިކަމާ ގުޅުން ހުރި ހުރިހާ ކަމެއްގެ ދެކޮޅު ބަލާފައި އެކަށީގެންވާ މަޝްވަރާތަކަކަށް ފަހު ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ސައުދީން އިސްނަގައިގެން މި އަހަރުގެ ކުރީކޮޅު މަޝްވަރާކޮށް، މިދިޔަ އޮގަސްޓް މަހު އުފެއްދި ސްވާފުން ކުއްލި ގޮތަކަށް ސައުތު އޭޝިއާގެ ހަ ގައުމަކުން ވަނީ މިދިިޔަ މަހު 28 ގައި ވަކިވެފަ އެވެ. އޭއެފްސީ ކޮންގްރެސްގެ ތެރޭގައި ބޭއްވި ސާފްގެ ނުރަސްމީ ބައްދަލުވުމެއްގައި ސްވާފުން ވަކިވާން ނިންމީ އިންޑިއާ، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، ސްރީލަންކާ އަދި ޕާކިސްތާން އެވެ.
"ވީ ސްޕޯޓްސް" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ބައްސާމް ވިދާޅުވީ ސްވާފުން މި ސަރަހައްދުގެ ގައުމުތައް ވަކިވިއިރު އެ ގައުމުން ނިންމުންތައް ނިންމީ ވަރަށް އަވަހަށް ކަމަށެވެ. އެކަމަކު އެކަން އެގޮތަށް ރާއްޖެ އަށް ކުރެވެން ނެތީ މަޝްވަރާނުކޮށް އެވަރުގެ ނިންމުމެއް ނުނިންމޭނެތީ ކަމަށެވެ.
"ސްވާފްގެ މަގުސަދަކަށް ވެފައިވަނީ ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާއި ހުނަރު މުޅި އެއްކޮށް ބުނާނަމަ ފުޓްބޯޅަ ޑިވެލޮޕް ކުރުން. މި ޕްރޮޕޯސަލްއާ އެކު އަޅުގަނޑުމެން ސްވަފްއާ ގުޅުނީ. ދާދި ފަހުން ކުއްލިއަކަށް ނުރަސްމީ ބައްދަލުވުމެއް ބާއްވާފައި ހަ ގައުމެއް މީގެން ނުކުންނަން ނިންމީ. ވެލިޑް ރީޒަން އެއްވެސް ނެތް. އަޅުގަނޑުމެންނަކީ ވެސް އިރެއްގައި ކުއްލިއަކަށް ނިންމުން ނިންމާ ބައެއް ނޫން. އަޅުގަނޑުމެން ބޭނުންވީ ކޮބާތޯ މި ސަބަބަކީ އެޔެއް ބަލަން،" ބައްސާމް ވިދާޅުވި އެވެ.
ސްވާފަށް ރަސްމީ ހައިސިއްޔަތު ދިނީ މިދިޔަ މަހު އޮތް އޭއެފްސީ ކޮންގްރެސްގަ އެވެ. ސްވާފުގެ ކަންތައްތައް ނިންމަން އޮތް އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުން ތާވަލްކޮށްފައި އޮތީ އޭގެ ފަހަށެވެ. އެކަމަކު ކުއްލިއަކަށް ހަ ގައުމު ވަކިވުމުން އެ ބައްދަލުވުން ކެންސަލްކުރަން ޖެހުނު ކަމަށް ވެސް ބައްސާމް ވިދާޅުވި އެވެ.
"އެގްޒެކްޓިވް ކޮމިޓީ އަކުން ފާސްކޮށްގެން ނޫނީ މުބާރާތެއް ވެސް ކުރިއަށް ނުގެންދެވޭނެ. ފެޑެރޭޝަންތަކަށް ފޯރުކޮށްދޭން ޖެހޭ މާލީ އެހީތެރިކަން ވެސް ނުދެވޭނެ. އެހެންވީމަ މި ކަހަލަ ކަންތައްތަކެއް ނިންމަން އޮތް އެގްޒެކްޓިވް ކޮމިޓީގެ ބައްދަލުވުމުގެ ކުރިން މި ހަ ގައުމު ވަކިވީމަ އެ ބައްދަލުވުން ވެސް ކެންސަލް މިވީ،" ބައްސާމް ވިދާޅުވި އެވެ.
މި ސަރަހައްދުގެ ގައުމުތައް ސްވާފުން ވަކިވުމުގެ ފަހަތުގައި ފުޓްބޯޅައިގެ ސިޔާސީ ބައެއް ކަހަަލަ ކަންތައްތަކެއް ވަދެގެން ދިޔަ ކަމަށާއި އެކަމަކު އެ ގައުމުތަކުން ދެއްކި އުޒުރަކީ ބޭނުންވާ ސްޕީޑުގައި ސްވާފުގެ މަސައްކަތްތައް ކުރިއަށްނުދާ ސަބަބު ކަމަށް ބައްސާމް ވިދާޅުވި އެވެ.
ސްވާފްގެ ސީނިއާ ނައިބް ރައީސް އަކީ ރާއްޖޭގެ އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު އެވެ. ސްވާފުގެ ރައީސަކީ ސައުދީ ފުޓްބޯޅަ ފެޑެރޭޝަނުގެ ރައީސް ޑރ. އާދިލް ބިން މުހައްމަދު އިއްޒަތެވެ.
ރިޕޯޓްތައް ބުނާގޮތުން ސްވާފުން ސައުތު އޭޝިއާގެ ގައުމުތަކުން ވަކިވީ އޭއެފްސީގެ ރައީސް ބަހުރޭނުގެ ޝެއިޚް ސަލްމާން ބިން އިބްރާހިމް އަލް ޚަލީފާގެ އެންގުމަށެވެ. އެއީ ކުރިއަށް އޮތް އޭއެފްސީ އިންތިހާބުގައި އަލް ހަލީފާ އާއި ވާދަކުރައްވަން ސްވާފުގެ ރައީސް އިއްޒަތު ނިންމަވާފައިވާއިރު، އިތުރު ދައުރަަކަށް ހޮވިވަޑައިގަންނަވާނެ ކަމުގެ ޔަގީންކަން އަލް ހަލީފާ ދެއްވާފައިވާތީ އެވެ.
ސްވާފް އުފެއްދިއިރު ހިމެނެނީ 14 ގައުމެކެވެ. ރަސްމީކޮށް ދެކުނު އޭޝިއާގެ ހަ ގައުމު ވަކިވުމުން އެ އަދަދު އަށް ގައުމަށް ތިރިވާނެ އެވެ. ބައްސާމް ވިދާޅުވީ ސްވާފުގައި ރާއްޖެ އޮތުމާ މެދު ގޮތެއް ނިންމާއިރު މީގެ އެންމެ މުހިއްމު ކަމަކީ ދިވެހި ފުޓްބޯޅަ އަށް މީގެއިން ކުރާނެ އަސަރަކާ މެދު ސަމާލުވުން ކަމަށެވެ.
"މިހާތަނަށް އަޅުގަނޑުމެންނަކަށް ނޭނގެ ކޮބާތޯ ސްވާފްގެ ކުރިމަގަކީ. އަޅުގަނޑުމެންގެ ފުޓްބޯޅަ ފެޑެރޭޝަނަށް ފައިދާއެއް ނުވާ ފެޑެރޭޝަނެއްގައި ނަމެއްގައި އޮންނަން އަޅުގަނޑުމެން ބޭނުމެއް ނުވާނެ. އެހެންވީމަ އަޅުގަނޑުމެން މި ބަލަމުން މިދަނީ ކޮބާތޯ ދިމާވި މައްސަލަ އަކީ. ކޮބާތޯ މި ހަ ޓީމު ނުކުމެގެން ދިޔަ ސަބަބަކީ އަޅުގަނޑުމެން އިހަށް މި މަޑުކުރަނީ މި ވާނުވާ ބަލަން މަޑުކޮށްލަން. އަދި ނުނިންމަން ސްވާފުން ވަކިވާނީތޯ ވެސް. މުހިއްމީ ރާއްޖެ އަށް ފައިދާވާ ނިންމުމެއް،" ބައްސާމް ވިދާޅުވި އެވެ.
"ސްވާފްގެ ފަރާތުން ވެސް އަޅުގަނޑުމެންނަށް އެނގެންޖެހޭ އެ ހަ ގައުމު މީގެން ނުކުމެގެން ދާން ޖެހުނު ސަބަބު. އަޅުގަނޑަށް ހީވަނީ ސްވާފަށް ކޮންމެވެސް ވެލިޑް ރީޒަނެއް ދައްކާފައި ކަންނޭނގެ އޮންނާނީ."
ހުޅަނގު އޭޝިއާގެ ގައުމުތަކަށް ވުރެ ނިސްބަތުން ފުޓްބޯޅައިގައި ބަލިކަށި ގައުމުތަކެއް ހިމަނައިގެން ސައުދީ އަރަބިއާ އިން މި ޖަމިއްޔާ އުފައްދާ ސަބަބާ މެދު މީޑިއާގައި ސުވާލުތަކެއް އުފައްދާފައިވެ އެވެ. ޖަމިއްޔާ އުފެއްދުމާ މެދުއިރުމަތީގައި މިހާރު އޮތް ސިޔާސީ "ބައިބައިވުންތަކާ" ގުޅުވައިގެން ވެސް ވާހަކަތަކެއް ދެކެވެ އެވެ.