11 ނޮވެމްބަރ 2018 - 21:18

"ޗެއިންސްމޯކާސް" ގެ ޑީޖޭއިންގެ ގޮތުގައި މަޝްހޫރުކަން ހޯދި އެމެރިކާގެ ދެ މިއުޒިޝަނުން ކަމަށްވާ އެލެކްސް ޕޯލް އާއި އެންޑްރޫ ޓެގާޓް އެ މީހުންގެ މަސައްކަތްތައް ހަމައެކަނި މިއުޒިކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމުކަކަށް ގެނެސް ފިލްމާއި ޓީވީ އުފެއްދުންތައް ވެސް ގެނެސް ދޭން ނިންމައިފި އެވެ.
އެ މަސައްކަތްތައްކަށް ހާއްސަކޮށްގެން ދެ ފަންނާނުންގެ ނަމުގައި މިހާރު ވަނީ ކިކް ދަ ހެބިޓް ޕްރޮޑަކްޝަންގެ ނަމުގައި ކުންފުންޏެއް ވެސް އުފައްދައިފަ އެވެ.
އޭގެ ޗީފް އެގްޒެކްޓިވް އޮފިސަރު (ސީއީއޯ) އަކަށް ހަމަޖައްސައިފައި ވަނީ، ގްރެމީ ވެސް ހާސިލްކުކޮށްފައިވާ އެންޑްރޫ އާއި އެލެކްސްގެ މެނޭޖަރެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ އެޑަމް އެލްޕަޓް އެވެ. އަދި ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަކަށް ހަމަޖައްސައިފައި ވަނީ ޑިޖިޓަލް މީޑިއާ އެޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރާ ޑޭން މާކަސް އެވެ.
އެންޑްރޫ އާއި އެލެކްސް ބުނި ގޮތުގައި އެ މީހުންގެ ޓާގެޓަކީ ބޮޑު ސްކްރީން ފިލްމާއި ޓީވީ އުފެއްދުންތަކުގެ އިތުރުން ޑިޖިޓަލް ފްލެޓްފޯމަށް ވެސް މާނަ ހުރި ވަރުގަދަ އުފެއްދުންތަކެއް ގެނެސް ދިނުމެވެ.
އެގޮތުން ހަދާ ފުރަތަމަ ފިލްމު ވެސް މިހާރު ވަނީ އިއުލާންކޮށްފަ އެވެ. އެއީ އެ މީހުން ނެރުނު ލަވަ "ޕެރިސް" އަށް ބިނާކޮށް ހަދާ ފިލްމެކެވެ. މީގެ ސްކްރީންޕްލޭ ވަނީ "ޕިޗް ފާފެކްޓް" ފަދަ ވާހަކަތައް ލިޔުނު މިކީ ރެޕްކިންއާ ހަވާލުކޮށްފަ އެވެ.
"ޕެރިސް" ޑައިރެކްޓަރާއި ކާސްޓުން އަދި އިއުލާނެއް ނުކުރެ އެވެ.
އެކަމަކު މި ފިލްމަކީ ކިކް ދަ ހެބިޓް ޕްރޮޑަކްޝަނާއި އެންޓަޓައިންމަންޓް 360 ގެ އިތުރުން ޓްރައި-ސްޓާ ގުޅިގެން ގެނެސް ދޭނެ އެއްޗެކެވެ.
"މިއުޒިކްގެ އިތުރުން އާޓިސްޓިކްގެ އެހެން މަސައްކަތުގެ ތެރެއަށް ނުކުމެ އަހަރެމެން ބޭނުން ވަނީ ފޭނުންނާ އޮންނަ ގުޅުން އިތުރަށް ވަރުގަދަ ކުރަން،" މިދިޔަ އަހަރު "މެމޮރީޒް...ޑޫ ނޮޓް އޯޕަން" ގެ ނަމުގައި އަލްބަމެއް ވެސް ނެރުނު އެލެކްސް އާއި އެންޑްރޫ ބުންޏެވެ.
"ޗެއިންސްމޯކާސް" ވުޖޫދަށް އައިސްފައި ވަނީ 2012 ގަ އެވެ.