14 އޯގަސްޓް 2016 - 13:42

ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބޮޑު ޚިޔާނާތާ ގުޅިގެން އޭސީސީން ކުރި ތަހުގީގު ނިންމައި އެ ކޮމިޝަންގެ މެމްބަރުން ރިޕޯޓް ދިރާސާކުރަން ފަށައިފި އެވެ.

ކޮމިޝަންގެ ނައިބު ރައީސް މުއައްވިޒް ރަޝީދު "މިހާރު" އަށް ވިދާޅުވީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތަހުގީގު ނިންމައި ރިޕޯޓް އެކުލަވާލާފައިވާ ކަމަށެވެ. މިހާރު ކުރަމުން އަންނަނީ 600 ސޮފްހާގެ ރިޕޯޓް ފައިނަލްކުރުމުގެ މަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ތަހުގީގު ފެށި މައްސަލައިގެ ރިޕޯޓް އާއްމުކުރާނެ ދުވަހެއް އެ ކޮމިޝަނުން އަދިވެސް ނުނިންމަ އެވެ. މިއީ، ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވެފައިވާ ކަމެކެވެ.
މުއައްވިޒް ވިދާޅުވި ގޮތުގައި ތަހުގީގާއި ރިޕޯޓް އެކުލަވާލުން ލަސްވީ "ހީކުރިވަރަށް ވުރެ މާބޮޑު މައްސަލައަކަށް ވެފައި، ގިނަ ކަންތައްތަކެއް ތަހުގީގުކުރަން ޖެހުމުން"ނެވެ. ކޮމިޝަނުން މަސައްކަތް ކުރަމުން އަންނަނީ މި މައްސަލާގައި ވީހާ ވެސް ފުރިހަމަ ރިޕޯޓެއް އެކުލަވާލަން ކަމަށް އޭނާ ވިދާޅުވި އެވެ.
"ތަހުގީގު މަރުހަލާގައި ވެސް ކަންތައްތަކެއް ފަޅާއެރީމަ އެ ކަންތައްތަކާ ގުޅިގެން ސުވާލު ކުރަން ޖެހޭ މީހުންނާ ސުވާލުކޮށްފައި ވާނީ. ރިޕޯޓް އެކުލަވާލި މަރުހަލާގައި ވެސް ފާހަގަވި ކަންކަން ކޮމިޝަނުން ވާނީ ބަލާފައި،" މުއައްވިޒް ވިދާޅުވި އެވެ.
އޭސީސީގެ ތަހްގީގުން އާދަޔާހިލާފު އެތައް ކަމެއް ފަޅާއަރާފައިވާއިރު، ދައުލަަތަށް ލިބެން ޖެހޭ ފައިސާގެ މުއާމަލާތްތައް ހިންގާފައިވާ ގޮތާއި މަނީލޯންޑެރިންގެ ބައެއް މައްސަލަތައް ފުލުހުންނާ ގުޅިގެން ވަނީ ތަހުގީގުކޮށްފަ އެވެ.
ރަށްތައް ދޫކޮށްފައި ހުރި ފަރާތްތަކުގެ މައުލޫމާތު ތަހުގީގު ތެރެއަށް ވައްދައި، ތަފްސީލް މައުލޫމާތުތައް ވެސް އޭސީސީން ވަނީ ހޯދައިފަ އެވެ. އެއީ، ދައުލަތަށް ގިނަ އަދަދެއްގެ ފައިސާ ގެއްލިފައިވާއިރު އެ މައުލޫމާތު ނުހޯދައި މައްސަލަ ނިންމުމުން މައްސަލައިގެ ފުނަށް ވާސިލްނުވެވޭނެތީ ކަމަށް ވެސް އޭސީސީން ވަނީ ބުނެފަ އެވެ.
ހިޔާނާތާ ގުޅިގެން އޭސީސީގެ ތަހުގީގުގައި ރައީސް އަބްދުﷲ ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާ ސުވާލުކޮށްފައިވާ ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.
ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން ދައުލަތުގެ 1.2 ބިލިއަން ރުފިޔާ އަށް ހިޔާނާތްތެރިވެފައިވާ ކަމަށް އޮޑިޓް އޮފީހުން ނެރުނު ރިޕޯޓްގައިވެ އެވެ. މުއައްވިޒް ވިދާޅުވި ގޮތުގައި މިހާތަނަށް ލިބިފައި ހުރި މައުލޫމާތުތަކަށް ބަލާއިރު، އޮޑިޓް އޮފީހުން އާއްމުކޮށްފައިވާ ފައިސާގެ އަދަދާ، އެ ކޮމިޝަނުން ހޯދި މައުލޫމާތުން ލިބުނު އަދަދުގައި މާބޮޑު ތަފާތެއް ނެތެވެ.