14 އޯގަސްޓް 2016 - 13:54

ފުވައްމުލަކު ހުޅަނގު ދެކުނު ފަރާތު ފަރަށް އިއްޔެ އެރި ވިއެޓްނާމްގެ މުދާ އުފުލާ ބޯޓު ފުން ކުރުމުގައި ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އެ މަސައްކަތުގައި އުޅޭ ބައެއް މީހުން މިއަދު ބުނެފި އެވެ.

"އެމްވީ އެންޖީއޯސީ ސަން" ނަމަކަށް ކިޔާ ބޯޓު ފަރަށް އެރީ ފުވައްމުލަކުގައި ގާއިމުކުރާ ފެނާއި ނަރުދަމާގެ ނިޒާމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ހިފައިގެން ދަތުރު ކުރަނިކޮށެވެ. މި ބޯޓުގައި 20 ފަޅުވެރިން ތިބިއިރު، މިއީ ދިގުމިނުގައި 102.79 މީޓަރު ހުރި އަދި ފުޅާމިނުގައި 17 މީޓަރު ހުރި ބޯޓެކެވެ.
ބޯޓު ފުން ކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ އިސް މީހަކު މިއަދު ބުނި ގޮތުގައި ސަޕްލައި ދޯނިތަކެއް ގެނެސްގެން ބޯޓުގައި ހުރި ހިލަ އާއި ހިލަވެލިތައް ބޭލޭތޯ މަސައްކަތް ކުރި އެވެ. ނަމަވެސް އެ ސަރަހައްދަކީ ބޮޑެތި ބާނީތައް އުފެދޭ ދިމާލަކަށްވުމުން އެކަން ނުކުރެވުނު ކަމަށް އޭނާ ބުންޏެވެ.
"ދޯނިތައް ކައިރިކޮށްގެން ބޯޓުގައި ހުރި އެއްޗެހި ބޭލުމުގެ މަސައްކަތް ކުރި. އެކަމަކު އެކަން ކާމިޔާބުވާ ގޮތް ނުވެގެން އެކަން ވަނީ ހުއްޓާލާފައި،" ބޯޓު ފުން ކުރުމުގެ މަސައްކަތުގައި އުޅޭ މީހަކު ބުންޏެވެ.
އޭނާ ބުނީ ބޯޓު ފަރަށް އެރި ދިމާލަކީ ޑައިވް ކުރުމަށް ވެސް ހާއްސަ ސަރަހައްދެއް ކަމަށެވެ. އެގޮތުން މަޝްހޫރު "ހުރަސްފަރުގަނޑު" އޮންނަނީ ބޯޓު ފަރަށް އެރި ދިމާލުގަ އެވެ. އެކަމަކު ބޯޓު ފަރަށް އެރުމުގެ ސަބަބުން ޑައިވް ޕޮއިންޓަށާއި ފަރަށް ލިބުނު ގެއްލުމެއް އަދި ނޭނގެ އެވެ.
އޭނާ ބުނި ގޮތުގައި ބޯޓުގައި ހިލަ އާއި ހިލަވެއްޔާއެކު 5700 ޖަމްބޯ ބޭގް އެބަހުއްޓެވެ. އަދި ފަރުމައްޗަށް އެރި ބޯޓު 10 ފޫޓާ ހަމައަށް ބީހިފައިވާ ކަމަށް އޭނާ ބުންޏެވެ. އެހެންވެ، ޓަގް ބޯޓެއް ގެންގޮސްގެން ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަން މަސައްކަތް ކުރާ ކަމަށް އޭނާ ބުންޏެވެ.
ފުވައްމުލަކުގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ސަރުކާރުން ހަވާލުކުރީ ސްރީ ލަންކާގެ ސިއެރާ ކުންފުންޏާ އެވެ. އެކަމަކު ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް ބޭނުންވާ ހިލަ އާއި ހިލަވެލި ގެންދިއުމަށް ހަވާލުކޮށްފައި ވަނީ ވިއެޓްނާމްގެ މުދާ އުފުލާ ބޯޓަކާ އެވެ.
ބޯޓު ފަރަށް އެރީ އިންޑިއާގެ ޓުޓިކޮރިން އިން ރާއްޖެއަށް މުދާ ބަރުކޮށްގެން މިދިޔަ ހޯމަ ދުވަހު މާލެ ބަނދަރަށް ވަދެ، ކްލިއަރެންސް ހޯދުމަށް ފަހު ފުވައްމުލަކަށް ދަތުރު ކުރަނިކޮށް އެ ރަށު އެއާޕޯޓު ކައިރިއަށެވެ.