06 ނޮވެމްބަރ 2018 - 19:39

އެސްޓީއޯއިން ރާއްޖެ އެތެރެކުރި ގޮދަން ފުށުގައި މައްސަލަތަކެއް އުޅޭތީ އެ ކަމަށް ސަމާލުވުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.
އެމްއެފްޑީއޭއިން ބުނީ، އެސްޓީއޯއިން ވިއްކާ 17016853 ބެޗް ނަމްބަރުގެ ފުށުގައި ގަދަ ވަހަކާއި ތަފާތު ރަހައެއް ހުންނަކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
ފުށް ގޯނީގެ ބޭރުގައި ބެޗް ނަމްބަރު ޖަހާފައި ހުންނާނެ އެވެ.
އެސްޓީއޯއިން ފުށް ގަތުމާއި ބޭނުން ކުރުމުގައި ސަމާލުވުމަށާއި އެފަދަ ފުށެއް ނަމަ ބޭނުން ނުކުރުމަށް އެމްއެފްޑީއޭއިން އިލްތިމާސް ކުރެ އެވެ.
އެ އިދާރާގެ އިސް އޮފިޝަލަކު މިރޭ ވިދާޅުވީ، 17016853 ބެޗް ނަމްބަރުގެ ފުށް ދެނެގަންނަން އެންމެ ފަސޭހައީ ވަހުން ކަމަށެވެ. ފުށުގައި ދުވާ ވަހުގެ ބަދަލުގައި ގަދަ އެހެން ވަހެއް އެ ފުށުގައި ހުންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
"ގަނެގެން ދާއިރު ވެސް ފާހަގަވާ ފަދަ ގަދަ ވަހެއް ހުރޭ. ރަހައެއް ވެސް ހުރޭ. އެހެންވީމާ ވަރަށް ފަސޭހައިން އެނގޭނެ،" އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި އެސްޓީއޯއިން ވިއްކާ ފުށުގެ ބާވަތުން މައްސަލަތަކެއް ފެނުމުން އޭގެ ސަބަބު އަންނަނީ ބަލަމުންނެވެ. އެސްޓީއޯގެ ގުދަން ތަކާއި އާއްމު ފިހާރަތައް ބަލައި އެ ފަދަ ފުށްތައް ނަގަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ރާއްޖެއަށް އެންމެ ގިނައިން ފުށް އެތެރެކުރަނީ ތުރުކީންނެވެ. ނަމަވެސް މައްސަލަ ޖެހުނީ ކޮން ގައުމަކުން އެތެރެކުރި ފުށަކުން ކަމެއް ނޭނގެ އެވެ.
ދިވެހިން ކެއުމުގައި އާއްމުކޮށް ބޭނުންކުރާ ކާޑުގެ ބާވަތްތައް އެސްޓީއޯއިން އެތެރެކުރަނީ ބައިނަލްއަގްވާމީ މިންގަނޑުގަ އެވެ.