ވެއްޓުނު ބޯޓުގެ އެއާސްޕީޑް އިންޑިކޭޓަރަށް ވަނީ މައްސަލަ ޖެހިފައި
ވެއްޓުނު ބޯޓުގެ އެއާސްޕީޑް އިންޑިކޭޓަރަށް ވަނީ މައްސަލަ ޖެހިފައި

ޖަކާޓާ (ނޮވެމްބަރު 6) - ޖާވާ ކަނޑަށް މިދިޔަ ހަފުތާގައި ވެއްޓުނު އިންޑޮނީޝިއާގެ ލަޔަން އެއާގެ މަތިންދާ ބޯޓު އެންމެ ފަހުން ކުރި ހަތަރު ދަތުރުގައި އެއާސްޕީޑް އިންޑިކޭޓަރަށް މައްސަލަ ޖެހިފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

މަތިންދާ ބޯޓު ދަތުރުކުރާ ބާރުމިން ޕައިލެޓުންނަށް އަންގައިދޭ ޑިވައިސް ހަލާކުވެފައިވާކަން އެނގުނީ ބޯޓުގެ ކަޅުފޮށި ފެނުނު ފަހުންނެވެ.

ލަޔަން އެއާގެ ފްލައިޓް ޖޭޓީ 610 ވެއްޓުނީ ޖަކާޓާ އިން ފުރިތާ 13 މިނިޓް ފަހުންނެވެ. އެ ހާދިސާގައި ބޯޓުން ދަތުރުކުރި 189 މީހުން ވަނީ މަރުވެފަ އެވެ. ބޯޓު ވެއްޓުނު ސަބަބެއް އަދިވެސް ނޭނގެ އެވެ.

އިންޑޮނީޝިއާގެ ނޭޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ކޮމިޓީން ބުނީ ބޯޓު ވެއްޓުމުގެ ކުރިން ބޯއިން 737 މެކްސްގެ ބޯޓު އެންމެ ފަހުން ކުރި ތިން ދަތުރުގައި ވެސް އެ މައްސަލަ ދިމާވެފައިވާ ކަމަށެވެ.

"މިހާރު ބަލަމުން މިދަނީ އެ މައްސަލަ ދިމާވީ ކިހިނެއްތޯ،" ތަހުގީގު ޓީމުގެ އޮފިޝަލަކު ބުންޏެވެ.

ބޯޓު ވެއްޓުމުގެ ހާދިސާ އަށް ފަހު ބޯއިން 737 މެކްސްގެ ހުރިހާ ބޯޓެއްގެ އިންސްޕެކްޝަން ހެދުމަށް އިންޑޮނީޝިއާ ސަރުކާރުން ވަނީ އަންގައިފަ އެވެ.