06 ނޮވެމްބަރ 2018 - 16:03

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ހަސަން ހުސެއިން އަތުގައި އެ އޮތީ ރިޔާސީ އިންތިހާބުގައި ބޭނުންކޮށް ބާކީވި ވޯޓު ކަރުދާހެކެވެ. އޭނާ މިހާރު އެ އުޅެނީ ކަރުދާހުގައި ޖަހާ ފާހަގަ ތިރިއަށް ވެއްޓޭ ތިއަރީ ޓެސްޓް ކޮށްލާށެވެ.
"ނުވެއްޓުނެއްނު ފާހަގައެއް. ފަސް މިނެޓު ވީ މިހާރު. ފާހަގަ އެ އިނީ ހަމަ ޖެހި ތަނުގައި، އެއް ނަންބަރު ގޮޅީގައި،" ހުސެއިން ބުންޏެވެ.
ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބު ނާކާމިޔާބުވި ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އެންމެ ބޮޑަށް ދެއްކި އެއް ވާހަކައަކީ އެމަނިކުފާނުގެ ނަމާ ދިމާލުގައި ޖެހި ފާހަގަ ކަރުދާހުގެ ތިރިއަށް ވެއްޓި އެއީ ދެ ނަންބަރު ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ވޯޓެއް ގޮތަށް ކަނޑައެޅޭ ވާހަކަ އެވެ.
ރައީސް ޔާމީންގެ ވަކީލުންނާއި ޕީޕީއެމުން ބުނެފައި ވަނީ 96،052 ވޯޓަކީ އެމަނިކުފާނަށް އަސްލު ލިބިވަޑައިގެން ވޯޓުގެ އަދަދު ނޫން ކަމަށެވެ. އިބޫ އަށް ލިބިވަޑައިގެންނެވި 134،705 ވޯޓުގެ ތެރޭގައި ރައީސް ޔާމީނަށް ފާހަގަ ޖެހި ވޯޓު ހިމެނޭ ކަމަށް ތުހުމަތުކުރި އެވެ.
ރިޔާސީ އިންތިހާބުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅައި ދެއްކި ވާހަކަތަކުގެ ތެރޭގައި ވެސް ރައީސް ޔާމީންގެ ވަކީލު މުހައްމަދު ސަލީމް ވަނީ "ފާހަގަ ވެއްޓޭ" ކަން ފާހަގަކުރައްވައިފަ އެވެ.
ނަމަވެސް ވޯޓު ކަރުދާހުގެ އެއް ނަންބަރު ގޮޅީގައި ޖަހާ ފާހަގަ ދެ ވަނަ ގޮޅިއަށް ވެއްޓޭތޯ ނޫސްވެރިން، ތަޖުރިބާކުރި އިރު އެފަދަ "އަޖައިބުކުރުވަނިވި" ކަމެއް ހިނގާފައެއް ނުވެ އެވެ.
"މިހާރު ދެން ޔަގީންވީނު. އަހަރުމެން މި ތިބީ ބަލަން. ގޮޅިން ފުއްމައިގެން ފާހަގައެއް ނުދިޔައެއްނު،" މިއަދު އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަށް ފަހު އޮތް ތަޖުރިބާކުރުމުގައި ސަން އޮންލައިންގެ ފޮޓޯގްރާފަރު ފަޔާޒު މޫސާ ބުންޏެވެ.
ބައެއް ވޯޓު ކަރުދާހުގައި ޖަހާފައި ހުރި ފާހަގަ "ހާއްސަ ކެމިކަލެއްގެ" ސަބަބުން ގެއްލޭ ވާހަކައެއް ވެސް ވެރިކަން ހިންގާ ޕީޕީއެމްގެ ފަރާތުން ދެއްކި އެވެ. ޕީޕީއެމުން ބުނީ ވޯޓު ކަރުދާސް ޗާޕުކޮށްފައި ހުރީ ބައެއް ވޯޓު ކަރުދާސްތަކުގައި އެ ބުނާ ކެމިކަލެއް އުނގުޅައިގެން ކަމަށެވެ.
"ކެމިކަލް ތިއަރީ" އެއީ ހަގީގީ ވާހަކައެއްތޯ ވެސް މިއަދު ނޫސްވެރިން ވަނީ ޓެސްޓްކޮށްފަ އެވެ.
"އެއްވެސް ވާހަކައެއް ދިމަލެއްނުވިއެއްނު. ނުވެސް ފޮހެވޭ. ޖެހި ފާހަގަތައް ހަމަ އެގޮތަށް ކަރުދާހުގައި އެ ހުރީ،" އެހެން ނޫސްވެރިއަކު ބުންޏެވެ.
ރިޔާސީ އިންތިހާބާ ގުޅޭ ގޮތުން ހުށަހެޅި މައްސަލައިގައި އެއްވެސް ހެއްކެއް ނެތް ކަމަށް ސުޕްރީމް ކޯޓުން މައްސަލަ ނިންމި އިރު ވަނީ ބުނެފަ އެވެ. އަދި ވޯޓު ފްރޯޑުގެ އެއްވެސް މައްސަލައެއް އުޅޭ ނަމަ އެކަން ބަލަން ކަމާ ބެހޭ އިދާރާތަކަށް ހުށަހެޅިދާނެ ކަމަށް ވެސް ހުކުމުގައިވެ އެވެ.