06 ނޮވެމްބަރ 2018 - 13:53

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޮފީހެއް އައްޑޫގައި މިއަދު ހުޅުވުމަށް ނިންމައިފި އެވެ.
ހިތަދޫގައި ހުޅުވާ އެ އޮފީސް މިއަދު ހަވީރު ހުޅުއްވައި ދެއްވަނީ ނަޝީދެވެ.
އެމްޑީޕީން ބުނީ އެ އޮފީހަކީ ކުރީގެ ރައީސެއްގެ ހައިސިއްޔަތުން ނަޝީދު އައްޑޫގައި މަސައްކަތް ކުރައްވާނެ އޮފީސް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެ އެވެ.
ކުރީގެ ރައީސުންގެ އޮފީސް ހިންގެވުމުގެ ހަރަދު ދައުލަތުން ހަމަޖައްސައި ދޭއިރު ނަޝީދުގެ އޮފީހެއް މާލޭގައިވެސް ހިންގަވަ އެވެ.
ކުރީގެ ރައީސުންނަށް އޮފީސް ހިންގުމުގެ ޚަރަދަށް މަހަކު 87،000ރ. ދައުލަތުންދެ އެވެ.
ނަޝީދު މިއަދު އައްޑޫއަށް ކުރައްވާ ދަތުރުފުޅަކީ ޖަލު ހުކުމާ ގުޅިގެން ރާއްޖޭން ބޭރުގައި ތިން އަހަރެއްހާ ދުވަހު އުޅުއްވުމަށް ފަހު މިމަހު އެއް ވަނަ ދުވަހު ރާއްޖެ ވަޑައިގެން އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އައްޑޫގައި ނަޝީދާއި އެމްޑީޕީގެ ސަޕޯޓަރުން ގިނަ އެވެ.