ބޮޑު ޗުއްޓީގައި ދިވެހިން އެންމެ ގިނައިން ބޭރަށް ދިޔައީ ބޭސްފަރުވާއަށް: ސާވޭ
ބޮޑު ޗުއްޓީގައި ދިވެހިން އެންމެ ގިނައިން ބޭރަށް ދިޔައީ ބޭސްފަރުވާއަށް: ސާވޭ

މިދިޔަ ޑިސެމްބަރު މަހު ސްކޫލް ބަންދާ ދިމާކޮށް ދިވެހިން އެންމެ ގިނައިން ބޭރަށް ދަތުރުކުރީ ބޭސްފަރުވާ ހޯދަން ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކުރި ސާވޭއަކުން ދައްކައިފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 18ން 24 އަށް އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޕާޗާ ހޯލުގައި ކުރިޔަށް ގެންދިޔަ ސާވޭގެ ނަތީޖާ އެ އޮތޯރިޓީން މިއަދު ވަނީ އާއްމުކޮށްފަ އެވެ.

ދިވެހިން ބޭރަށް ކުރާ ދަތުރުތަކުގައި ކުރާ ހޭދަ އާއި ދަތުރުގެ ބޭނުމާ ގުޅޭ ގޮތުން އެމްއެމްއޭ އިން ކުރި ސާވޭއިން ދައްކާ ގޮތުގައި އެންމެ ގިނަ ދިވެހިން އެ މުއްދަތުގައި ދަތުރުކޮށްފައި ވަނީ ސްރީލަންކާ އަށެވެ. އެ މުއްދަތުގައި 1،574 ދިވެހިން ލަންކާއަށް ދަތުރުކޮށްފައިވެ އެވެ. ދެވަނައަށް އެންމެ ގިނަ ދިވެހިން އިންޑިއާއަށް ދަތުރުކުރިއިރު ތިންވަނައަށް އެންމެ ގިނަ ދިވެހިން ދަތުރުކޮށްފައި ވަނީ މެލޭޝިއާއަށެވެ. އަދި ތައިލެންޑަށާއި ސިންގަޕޫރަށް ވެސް ގިނަ އަދަދެއްގެ ދިވެހިން ދަތުރުކޮށްފައިވެ އެވެ.

މަރުކަޒީ ބޭންކުގެ ސާވޭގައި ސުވާލުކުރި 3،891 މީހުންގެ ތެރެއިން 2،247 މީހުން ދަތުރުކުރީ ބޭސްފަރުވާ ހޯދުމަށެވެ. އަދި ޗުއްޓީ ހޭދަކުރަން ދަތުރުކުރީ 1،056 މީހުންނެވެ. އޭގެ އިތުރުން 244 މީހުން ތައުލީމް ހޯދަން އަދި ވިޔަފާރިއަށް ދަތުރުކުރީ 120 މީހުންނެވެ.

އެ ސާވޭއިން ދައްކާ ގޮތުން ދިވެހިން ބޭސްފަރުވާ ހޯދަން އެންމެ ގިނަ ދިވެހިން ދަތުރުކުރީ އިންޑިއާ އަށެވެ. އެގޮތުން އެ ގައުމުން ބޭސްފަރުވާ ހޯދަން 1،281 މީހުން ދަތުރުކޮށްފައިވެ އެވެ. އަދި ބޭސްފަރުވާއަށް ދެވަނަ އަށް އެންމެ ގިނަ މީހުން ދަތުރުކޮށްފައި ވަނީ ލަންކާއަށެވެ. އެ ގައުމަށް 823 މީހުން ދަތުރުކުއިރު ތައިލެންޑަށް 81 މީހުން އަދި މެލޭޝިއާއަށް 19 މީހުން، ސިންގަޕޫރަށް ބާރަ މީހުން އަދި އެހެނިހެން ގައުމުތަކަށް 31 މީހަކު ބޭސްފަރުވާ ހޯދަން ދަތުރުކުރި ކަމަށް އެމްއެމްއޭގެ ސާވޭ އިން ދައްކަ އެވެ.

އެ ސާވޭއިން ދައްކާ ގޮތުގައި ބޭސްފަރުވާ ހޯދަން އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ މެލޭޝިއާގަ އެވެ. އެ ގައުމުން ބޭސްފަރުވާ ހޯދަން އެވްރެޖްކޮށް މީހަކު 973 ޑޮލަރު ހޭދަކުރިއިރު ދެވަނައަށް އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ ތައިލެންޑްގަ އެވެ. އެ ގައުމަށް އެވްރެޖްކޮށް މީހަކު 864 ޑޮލަރު ހޭދަކުރިއިރު ސިންގަޕޫރަށް 663 ޑޮލަރު އަދި ލަންކާގައި 515 ޑޮލަރު އަދި އިންޑިއާގައި އެވްރެޖްކޮށް މީހަކު 512 ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އެމްއެމްއޭގެ ސާވޭ އިން ދައްކަ އެވެ.

އެ ސާވޭއިން ދައްކާ ގޮތުގައި ދިވެހިން ޗުއްޓީ ހޭދަކުރަން އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ ސިންގަޕޫރަށެވެ. އެގޮތުން ޗުއްޓީ ހޭދަކުރަން ދަތުރުކުރި 32 މީހުން އެވްރެޖްކޮށް 1،088 ޑޮލަރު ހޭދަކޮށްފައިވެ އެވެ. އަދި ދެވަނައަށް އެންމެ ބޮޑު ހޭދައެއް ތައިލެންޑަށް ކުރިއިރު، އެ ގައުމަށް 963 ޑޮލަރު ހޭދަކޮށްފައިވެ އެވެ. އަދި މެލޭޝިއާގައި އެވްރެޖްކޮށް މީހަކު 835 ޑޮލަރު ހޭދަކޮށްފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ.