06 ނޮވެމްބަރ 2018 - 11:37

ޕެރިސް (ނޮވެމްބަރު 6) – އާސެނަލްގެ ކުރީގެ ސީއީއޯ އިވާން ގަޒިޑިސް އޭސީ މިލާނާ ހަވާލުވެފައިވަނިކޮށް، އެ ކްލަބުގެ ކޯޗުގެ މަގާމާ އާސެނަލްގެ ކުރީގެ ކޯޗު ފްރާންސްގެ އާސެން ވެންގާ ހަވާލުވުމުގެ ފުރުސަތު ބޮޑު ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
ބާވީސް އަހަރު އާސެނަލަށް ކޯޗުކޮށްދިނުމަށް ފަހު ވެންގާ ވަކިދީ މިދިޔަ ސީޒަނަށް ފަހު އެވެ. ފުޓްބޯޅައިން ބްރޭކެއް ނަގާނެ ކަމަށް އެންމެ ފުރަތަމަ ބުނި ނަމަވެސް އޭނާ ފަހުން ވަނީ އަންނަ އަހަރު ކޮންމެވެސް ޓީމަކުން ފެންނާނެ ކަމަށް ބުނެފަ އެވެ.
ބަޔާން މިއުނިކާއި ރެއާލް މެޑްރިޑާއި ފެނަބާޗޭ އަދި ޗައިނާ ގައުމީ ޓީމުން ވެސް އޮފާތަކެއް ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު ފްރާންސް ފުޓްބޯލް އިން ބުނާ ގޮތުގައި މިލާނާ އެކު ވެންގާ މަޝްވަރާކުރަމުން އަންނަތާ ދުވަސްތަކެއް ވަނީ ވެފަ އެވެ. އަދި ޖެނާރޫ ގަޓޫސޯގެ ބަދަލުގައި ވެންގާ ޓީމާ ހަވާލުވުމަށް އެއްބަސްވުމަކާ ވަރަށް ގާތުގައި އޮތް ކަމަށް ރިޕޯޓްކޮށްފައިވެ އެވެ.
އިޓަލީގައި އާއްމުކޮށް ކޯޗުން ހަމައެކަނި ތަމްރީންތަކާއި މެޗުތައް މެނޭޖްކުރުމުގެ ޒިންމާ ނެގި ނަމަވެސް މިލާނުގައި ވެންގާގެ ޒިންމާ ބޮޑުވާނެ ކަމަށްވެ އެވެ. އެގޮތުން ސްޕޯޓިން ޑިރެކްޓަރު ލެއޮނާޑޯއާ އެކު ޓްރާންސްފާގެ މަސައްކަތުގައި ވެސް ވެންގާ ހަރަކާތްތެރިވާނެ ކަމަށްވެ އެވެ. މިއީ ޕްރިމިއާ ލީގުގެ ކޯޗުން އާއްމުކޮށް ނަގާ ޒިންމާއެކެވެ.
މިލާނަށް ވެންގާ އަތުވެދާނެ ކަމުގެ އަޑުތައް އެންމެ ފުރަތަމަ އިވެން ފެށީ ދާދި ފަހުން އިޓާލިއަން ލީގުގައި އިންޓަ މިލާން އަތުން އަދި ޔުރޮޕާ ލީގުގައި ރެއާލް ބެޓިސް އަތުން މިލާން ބަލިވެ ގަޓޫސޯގެ މަގާމާ މެދު ސުވާލު އުފެދުމުންނެވެ. އެކަމަކު މިދިޔަ ސީޒަނުގެ މެދަކާ ހަމައިން ޓީމާ ހަވާލުވި ކުރީގެ ކުޅުންތެރިޔާ ގަޓޫސޯ ވަނީ އެންމެ ފަހުން ކުޅުނު ތިން މެޗު ވެސް ކާމިޔާބުކޮށްދީ ޓީމު ހަމަޔަކަށް އަޅުވައިފަ އެވެ. މިލާން މިވަގުތު އޮތީ ތާވަލުގެ ހަތަރު ވަނައިގަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިލާނަށް ވެންގާ ގެންނައުމަކީ އެ ކްލަބް މިހާރު ހިންގާ އެމެރިކާގެ އެލިއޮޓް މެނޭޖްމަންޓުގެ ވެރިން ކަމަށްވާ ޕައުލް ސިންގާ އާއި ގޯޑަން ސިންގާ ބޭނުންވާ ގޮތެކެވެ. އެ ދެ މީހުންނަކީ ވެސް އާސެނަލްގެ ސަޕޯޓަރުންނެވެ.
އެލިއޮޓަކީ ސިލްވިއޯ ބާލުސްކޯނީ އަތުން މިލާން ގަންނަން ޗައިނާގެ އިންވެސްޓަރަކު ލޯން ނެގި ކުންފުންޏެކެވެ. އެ ލޯން ނުދެއްކުމުން އެ ކުންފުނިން މިލާން ނަގައި މިހާރު ހިންގަމުން އަންނައިރު ބޭނުމަކީ ކްލަބުގެ އަގު ދެގުނަ ކުރުމަށް ފަހު ވިއްކާލުމެވެ. ބޮޑު ކޮންޓްރެކްޓެއްގެ ދަށުން ގަޒިޑިޒް ގެނައުމުގެ ބޭނުމަކީ ވެސް ވިޔަފާރި މޮޑެލަށް ކްލަބް ހިންގައި ކުރިއެރުވުމެވެ.
އާސެނަލަށް ޕްރިމިއާ ލީގު ތިން ފަހަރު ކާމިޔާބުކޮށްދިން ވެންގާ އަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް ކްލަބުގެ ގޮތުގައި އާސެނަލް އޮތް އޮތުމުގެ ޝުކުރު ހައްގުވާ ފަރާތެވެ. އެގޮތުން 1996 ވަނަ އަހަރު އޭނާ އެ ޓީމާ ހަވާލުވިއިރު ހައިބަރީ ކިޔާ އާދައިގެ ސްޓޭޑިއަމަކާއި މަދު މުވައްޒަފުންތަކެއް ތިބި ނަމަވެސް ފަހުން އެ ކްލަބުން ވަނީ ބޮޑު ސްޓޭޑިއަމެއް ބިނާކޮށް ފައިދާ ނެރެން ފަށައިފަ އެވެ. އާ ސްޓޭޑިއަމްތައް ބިނާކުރުމުގައި ކްލަބްތަކުން އެންމެ ބޮޑު މިސާލު ނަގަނީ ވެސް އާސެނަލްގެ މޮޑެލުންނެވެ.