06 ނޮވެމްބަރ 2018 - 10:59

ބާސެލޯނާ (ނޮވެމްބަރު 6) – ބާސެލޯނާ އިން ޗެލްސީގެ ވިލިއަން އާއި ޒެނިތު ސެއިންޓް ޕީޓާސްބާގުގެ ބްރަންސިލާވް އިވަނޮވިޗް ގެންނަން މަސައްކަތްކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އެގޮތުން ސްޕެއިނުގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާ އޮތީ ވިލިއަން ގެނައުމަށްޓަކައި މެލްކޮމް ދޭ ވިސްނުމުގައި ކަމަށެވެ. ބާސެލޯނާ އިން މި ސީޒަނުގައި ބޯޑޯ އިން ގެނައި މެލްކޮމް އަށް އެ ޓީމުގައި ފުރުސަތެއް ނެތެވެ. އޭނާ ރޯމާ އަށް ބަދަލުވާން އެއްބަސްވެފައިވަނިކޮށް ބާސެލޯނާ އިން އޭނާ ގެންނަން ނިންމީ ފަހު ވަގުތު އެވެ.
ވިލިއަން އަކީ ބާސެލޯނާ އިން މިދިޔަ ޓްރާންސްފާގައި ވެސް ވަރަށް ބޭނުންވި ކުޅުންތެރިޔެކެވެ. އެގޮތުން އެ ޓީމުން ކުރި ހަތަރު އޮފާ އަށް ވެސް ޗެލްސީން ނޫނެކޭ ބުނީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާ އިން އުމުރުން 31 އަހަރުގެ ވިލިއަން އަގުކޮށްފައިވަނީ 80 މިލިއަން ޔޫރޯގަ އެވެ. އެކަމަކު އެ ކްލަބުން ބޭނުންވަނީ 40 މިލިއަން ޔޫރޯ އާއި މެލްކޮމް ދީފައި ވިލިއަން ގަންނާށެވެ. ބާސެލޯނާ އިން މެލްކޮމް ގަތީ 41 މިލިއަން ޔޫރޯ އަށެވެ.
ބާސެލޯނާ އިން ދެން ގެންނަން މަސައްކަތްކުރާ ޑިފެންޑަރު އިވަނޮވިޗަކީ ޗެލްސީގެ ކުރީގެ ކުޅުންތެރިޔެކެވެ. އުމުރުން 34 އަހަރުގެ ޑިފެންޑަރު ގެންނަން ބާސެލޯނާ އިން ބޭނުންވަނީ ސެމުއަލް އުމްޓީޓީ އާއި ތޯމަސް ވާމެލަން އަނިޔާގައި ތިބުމުންނެވެ. އަނެއްކޮޅުން އިވަނޮވިޗަކީ ޑިފެންސުގެ ކޮންމެ މަގާމަކަށް ވެސް ކުޅެޔޭ ކުޅުންތެރިޔަކަށް ވުމަކީ އެޑްވާންޓޭޖެކެވެ.