11 ނޮވެމްބަރ 2018 - 09:16

ޔޫރަޕްގެ ފުޓްބޯޅަ މުބާރާތްތަކުން އެކަށީގެންވާ މަންފާ ނުކުރާ ކަމަށް ބުނެ މަޝްހޫރު ގިނަ ކްލަބްތަކުން އަންނަނީ ނުސީދާ ގޮތަކަށް ޝަކުވާ ކުރަމުންނެވެ. އެއާ އެކު ޔޫރަޕްގެ ނުފޫޒުގަދަ ކްލަބްތައް އަޑީގައި އޮވެގެން އާ ލީގެއް އުފައްދަން މަޝްވަރާކުރާކަމުގެ އަޑުތަކެއް ފާއިތުވި އަށް ވަރަކަށް މަހުގެ ތެރޭގައި ވަނީ ގަދަވެފަ އެވެ. އެކަމަށް އެންމެ ބޮޑަށް ބާރު ލިބުނީ ދާދި ފަހުން ޖަރުމަނުގެ ނޫހެއް ކަމަށްވާ ޑިއާ ސްޕީގަލް އިން އާންމުކުރި ރިޕޯޓްތަކުންނެވެ. ތިން އަހަރު ތެރޭ ޔޫރަޕްގެ ނުފޫޒުގަދަ ކްލަބްތައް ފަހަތުގައި އޮވެގެން ސުޕަ ލީގެއް އުފައްދާ ވާހަކަތަކެވެ. މިއީ ގައުމުތަކުގެ ފުޓްބޯޅަ އަށް ނުރައްކަލުގެ ރަނގަބީލެކެވެ.

ޔޫރަޕްގެ ނަން މަޝްހޫރު ފަސް ލީގުގައި ވެސް ގިނަ ޓީމުތަކަށް އެކަށީގެންވާ ވަރުގަދަ މެޗުތަކެއް ނުލިބި ހަމައެކަނި ބޮޑު ވާދައެއްކުރަން އޮންނަ މުބާރާތަކަށް ވެފައި ވަނީ ޔުއެފާ ޗެމްޕިއަންސް ލީގާއި ޔުއެފާ ޔޫރޮޕާ ލީގެވެ. މި ދެ މުބާރާތުން ލިބޭ އާމްދަނީ ކްލަބްތަކުން ކުރާ ހަރަދާ ނުބައްދަލެވެ. އެއީ ބޮޑެތި ޓީމުތަކުން އަމިއްލަ ގައުމުގެ ލީގު ދޫކޮށް ސުޕަ ލީގެއް އުފައްދަން ބޭނުންވި އެއް ސަބަބެވެ.

އަނެއް ސަބަބަކީ ފަަހަކަށް އައިސް އިނގިރޭސި ޕްރިމިއާ ލީގުގެ ޓީވީ ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީ އަހަރުން އަހަރަށް ބޮޑުވަމުންދާތީ އޭގެ ސަބަބުން ޔޫރަޕްގެ އެހެން ގައުމުތަކުގެ ކްލަބްތަކަށް ލިބޭ އާމްދަނީ މަދުވުމެވެ. ޕްރިމިއާ ލީގުގެ ގަދަ 10 ގައި ހިމެނޭ ޓީމަކަށް ޓީވީ ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީ ޗެމްޕިއަންސް ލީގު ކާމިޔާބުކުރާ ޓީމަކާ ދާދި އެއްވަރެވެ. މިއީ ޗެމްޕިއަންސް ލީގުގައި ވާދަކުރާ ޓީމުތަކަށް ހަޖަމްކުރަން އުނދަގޫ ކަމެކެވެ. މި ކަމަކާ ހެދި ޕްރިމިއާ ލީގުގެ ބޮޑެތި ކްލަބްތަކަށް ވެސް ގިނަ ގެއްލުންތަކެއް އަންނަނީ ވަމުންނެވެ. އެއީ އެ ލީގުގެ އެންމެ ދަށް ފަންތީގެ ޓީމުތަކުން ވެސް ބޮޑު ހަރަދުކޮށް ކުޅުންތެރިން ގަންނަމުންދާތީ އެވެ. މިއީ ސުޕަ ލީގަށް ދާން ޕްރިމިއާ ލީގުގެ ބޮޑެތި ޓީމުތަކުން ބޭނުންވާ ސަބަބެވެ.

އެހެން ގައުމުތަކުގެ ބޮޑެތި ކްލަބްތަކަށް ސްޕޮންސަރުންގެ ފަރާތުން ބޮޑު އާމްދަނީއެއް ލިބޭއިރު، މި ހުރިހާ ސްޕޮންސަރުން ސުޕަ ލީގަަކަށް އެކަނި ހަރަދުކުރާނަމަ އޭގެން ބޮޑެތި ކްލަބްތަކަށް ކުރާ މަންފާ ބޮޑުވާނެ އެވެ. ގެއްލުމުގައި ކްލަބް ހިންގަން ޖެހުމުގެ އުނދަގޫ ހާލަތްތަކުން ސަލާމަތްވާން ކޮށާ މަގަކަށް ސުޕަ ލީގުވާނެ ކަމުގެ ކަމުގެ ޔަގީންކަން ނަން މަޝްހޫރު ކްލަބްތަކަށް ބޮޑުވީ އެވެ.
ޑިއާ ސްޕީގަލް އަށް ލިބިފައިވާ ސިއްރު ލިޔެކިއުންތަކުގައިވާ ގޮތުން ޔޫރަޕްގެ ފުޓްބޯޅައިގެ މައި އިދާރާ ޔުއެފާ އަށް އެނގުމެއް ނެތި ސުޕަ ލީގުގެ މަޝްވަރާތައް އެންމެ ފުރަތަމަ ފެށީ ފައުންޑަރު ކްލަބްގެ ގޮތުގައި ބެލެވޭ ރެއާލް މެޑްރިޑް، އޭސީ މިލާން، އާސެނަލް، ބާސެލޯނާ، ބަޔާން މިއުނިކް، ޔުވެންޓަސް އަދި މެންޗެސްޓާ ޔުނައިޓެޑުންނެވެ. އެ ޓީމުތަކުގެ މެދުގައި ބޭއްވުނު ފުރަތަމަ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނީ އެ ކްލަބްތަކުން އަމިއްލަ ގައުމުގެ ލީގު ދޫކޮށް ސުޕަ ލީގެއް އުފައްދައި އޭގައި ވާދަކުރުމެވެ. އަދި އެހެން ކްލަބްތަކަށް ވެސް ދައުވަތު ދޭ ގޮތަށެވެ.
އެ ސިއްރު މަޝްވަރާ ބައްދަލުވުމުގެ ލިޔެކިއުންތައް ލީކްވެފައިވާއިރު މިހާތަނަށް ނިމުނީ ސުޕަ ލީގު ފަށާނީ 18 ޓީމުގެ މެދުގައި 2021 ވަނަ އަހަރު ކަމަށެވެ. ވާދަކުރާ ޓީމުތައް ވަނީ ދެ ކެޓަގަރީ އަކަށް ބަހާލައިފަ އެވެ. އެއީ ފުރަތަމަ ކެޓަގަރީގެ 11 ޓީމާއި "ގެސްޓް" ގެ ގޮތުގައި ހިމެނޭ ޓީމުތަކެވެ.
ފުރަތަމަ ކެޓަގަރީގައި ހިމެނެނީ ރެއާލް، މިލާން، އާސެނަލް، ބާސެލޯނާ، ބަޔާން، ޔުވެންޓަސް، ޔުނައިޓެޑް، ލިވަޕޫލް، ޗެލްސީ، މެންޗެސްޓާ ސިޓީ، ޕީއެސްޖީ އެވެ. ގެސްޓްގެ ގޮތުގައި ގުޅޭނެ ފަސް ކްލަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ އެތުލެޓިކޯ މެޑްރިޑް، ބޮރޫޝިއާ ޑޯޓްމަންޑް، އިންޓަ މިލާން އަދި މާސޭ އެވެ.
ޑިއާ ސްޕީގަލްގައިވާ ގޮތުން ސުޕަ ލީގުގައި ބައިވެރިވުމަށް އެ ކްލަބްތަކުން ފުރަތަމަ ކުރަން ޖެހޭ ކަމަކީ އަމިއްލަ ގައުމުގެ ލީގުން ވަކިވުމެވެ. އެ އަށް ފަހު ސުޕަ ލީގުގައި ރަޖިސްޓްރީވެ ކުރިއަށްދިއުމެވެ. މަޝްވަރާ ކުރެވިފައިވާ ގޮތަށް ބަލާއިރު، ސުޕަ ލީގު ފަށާއިރު އިތުރު ދެ ކްލަބް މީގެ ތެރެއަށް އަންނާނެ އެވެ.
ލީކުވެފައިވާ ލިޔެކިޔުންތަކުގައިވާ ގޮތުން ސުޕަ ލީގުގައި ބައިވެރިވާ ކޮންމެ ޓީމަކަށް އޮންނާނެ އެންމެ ބޮޑު ޔަގީންކަމަކީ އެ ލީގުގައި 20 އަހަރު ވަންދެން ވާދަކުރެވޭނެ ކަމެވެ. ރެލިގޭޝަނެއް ނޯންނަ ގޮތަށް ބައްޓަން ކުރާ މި ލީގުން ލިބޭނެ އެންމެ ބޮޑު ފައިދާ އަކީ ޓީވީ ރައިޓްސް އާއި އިޝްތިހާރުގެ ގޮތުގައި ލިބޭ އާމްދަނީ މިހާރަށް ވުރެ އެތައް ގުނައެއް އިތުރުވުމެވެ. ސުޕަ ލީގު ޓީމުތަކަށް އާމްދަނީގެ ގޮތުގައި އަހަރަކު މަދުވެގެން 700 މިިލިއަން ޑޮލަރު ލިބޭނެ ކަމަށް ލަފާކުރެ އެވެ.
ސުޕަ ލީގެއް އުފަންވެއްޖެނަމަ އެންމެ ބޮޑު ގެއްލުމެއް ވާނީ ގައުމުތަކުގެ ރަސްމީ ލީގަށެވެ. އެ ގައުމުތަކުގެ ލީގުތަކުގައި ފޯރިގެއްލޭނެ އެވެ. އަދި އިޝްތިހާރު ކޮށްގެން ލިބޭ އާމްދަނީ ދެކޮޅު ނުޖެހި ކުރިއަރަމުން އަންނަ ބައެއް ކްލަބްތައް ބަނގުރޫޓްވުމުގެ ފުރުސަތު ވެސް ބޮޑެވެ. އެއީ މަޝްހޫރު ކުޅުންތެރިން ނުކުޅޭ ލީގަކަށް އިޝްތިހާރު ނުލިބޭނެތީ އާއި އެންމެ ބޮޑު އާމްދަނީއެއް ލިބޭ ޓީވީ ރައިޓްސް ވިއްކައިގެން ލިބޭ ފައިސާ ވެސް ވަރަށް ބޮޑަށް ދަށަށް ވެއްޓޭނެތީ އެވެ.
ސުޕަ ލީގުގެ ވާހަކަތަކަށް މިހާތަނަށް އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ޖަވާބުދާރީވީ ޖަރުމަނުގެ ދެ ކްލަބް ކަމަށްވާ ބަޔާނާއި ޑޯޓްމަންޑުންނެވެ. ބަޔާނުގެ ޗެއާމަން ކާލް-ހެއިންޒް ރުމެނިގާ ވިދާޅުވީ ސުޕަ ލީގުގެ އެއްވެސް ކަހަލަ މަޝްވަރާއެއްގައި ބައިވެރިނުވާ ކަމަށާއި ވާދަކުރާނީ އަބަދުވެސް ގައުމީ ލީގުގައި ކަމަށެވެ. އަދި ސުޕަ ލީގާއި ބަޔާނާ ގުޅުވައިގެން ދައްކާ ވާހަކަތަކުގެ ހަގީގަތް ހޯދުމަށް ބަޔާނުގެ ގާނޫނީ ޓީމަށް އަންގާފައިވާނެ ކަމަށާއި ވަރަށް އަވަހަށް އެކަން ބަލާނެ ކަމަށް ވިދާޅުވި އެވެ.
ބަޔާނެކޭ އެއްގޮތަށް ޑޯޓްމަންޑުން ވެސް ވަނީ ސުޕަ ލީގުގައި ބައިވެރިވުމުގެ ވާހަކަތަކަށް އިންކާރުކޮށްފަ އެވެ. ޑޯޓްމަންޑުގެ ޗެއާމަން ހަންސް ޔަކީމް ވަޓްޒްކޭ ވިދާޅުވީ ޖަރުމަނުގެ ރަސްމީ ލީގު ދޫކޮށް އެ ކްލަބް ވާދަކުރާނެ އެހެން އެއްވެސް މުބާރާތެއް ނެތް ކަމަށެވެ.
މިކަމާ ބެހޭގޮތުން ނަން މަޝްހޫރު އެހެން ކްލަަބަކުން ރަސްމީ ސިފައެއްގައި ވާހަކަދައްކާފައެއް ނުވެ އެވެ. މިއީ އެކަން ހިނގަމުން އަންނަ ކަމަށް ފުޓްބޯޅަ ސަޕޯޓަރުން ޝައްކުކުރާ އެންމެ ބޮޑު ސަބަބެވެ.
ސުޕަ ލީގުގެ ވާހަކަތައް މީޑިއާގައި ގިނަވުމާ އެކު އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރީ އިނގިރޭސި ސަރުކާރުންނެވެ. އިނގިރޭސި ސަރުކާރުން ވަނީ ސުޕަ ލީގާ ހިލާފަށް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ. އަދި އެ ގައުމަކަށް ނިސްބަތްވާ ކްލަބެއް ވަކި ޖަމާއަތެއްގެ ތެރެއަށް ގޮސް ކުޅޭ ލީގަކަށް ސަޕޯޓަރުންގެ މެދުގައި ވެސް އެހާ ފޯރިއެއް ނުހުންނާނެ ކަމަށް ވެސް ވަނީ އިނގިރޭސިންގެ ކަމާބެހޭ އިދާރާތަކުން ބުނެ އެވެ.
އިނގިރޭސި ފުޓްބޯޅަ ސަޕޯޓަރުންގެ ފެޑެރޭޝަނުގެ ޗެއާމަން މެލްކޮމް ކްލާކް ވިދާޅުވީ މިއީ އިނގިރޭސި ސަރުކާރަށް ވެސް ނޭނގި އެ ގައުމުގެ ބޮޑެތި ކްލަބްތަކުން ކުރި ވަރަށް ދަށް ފެންވަރުގެ ކަމެއް ކަމަށެވެ. އަދި ހަމައެކަނި ފައިސާ ހޯދުމުގެ މަގުސަދުގައި ފުޓްބޯޅަ ހަލާކެއްގެ ތެރެއަށް ވައްޓާލަން ސަޕޯޓަރުން ޖާގަ ނުދޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
ސުޕަ ލީގެއް އުފަންކުރުމުގެ ވާހަކަތައް އެންމެ ފުރަތަމަ ފެތުރުނީ މެންޗެސްޓާ ސިޓީގެ ޗެއާމަން ޔުއޭއީގެ އަބޫދާބީ ޔުނައިޓެޑް ގްރޫޕްގެ ވެރިޔާ ޝެއިހް މަންސޫރާއި ޕީއެސްޖީގެ ޗެއާމަން ގަތަރުގެ ސްޕޯޓްސް އިންވެސްޓްމަންޓްގެ ވެރިޔާ ނާސިރު އެލް ހެއްލާފީއާ ގުޅުވައިގެންނެވެ.
ޑިއާ ސްޕީގަލް އިން ރިޕޯޓްކުރި ގޮތުގައި ފީފާގެ ފައިނޭންޝިއަލް ޕެއާޕްލޭ (އެފްއެފްޕީ) ގަވާއިދާ ހިލާފަށް ޕީއެސްޖީ އާއި ސިޓީން ގިނަ ހަރަދުތަކެއް ކުރެވެނީ ފުރަތަމަ ދިމާވި މައްސަލަތަކުގައި ފީފާގެ މިހާރުގެ ރައީސް އަދި އޭރު ޔުއެފާގެ ޖެނެރަލް ސެކްރެޓަރީ ޖިއާނީ އިންފަންޓީނޯ އުސޫލުން ބޭރުން ލުއި ގޮތްތަކެއް އެ ދެ ކްލަބަށް ހޯދައިދީފައިވާތީ އެވެ. އެ ތުހުމަތުތަކަށް ސިޓީ އާއި ޕީއެސްޖީން ވަނީ އޭރާއި މިހާރު ވެސް ދެކޮޅު ހަަދައިފަ އެވެ.
ލީކުވެފައިވާ ލިޔެކިއުންތަކުގައިވާ ގޮތުން ސުޕަ ލީގު ވުޖޫދަށް ގެނައުމުގެ އަޑީގައި ވެސް އޮތީ ޝެއިހް މަންސޫރާއި ނާސިރު އެލް ހެއްލާފީގެ އިތުރުން އަރަބި ލީގު ތެރޭގައި އުޅޭ ގިނަ ވިޔަފާރި ކުންފުނިތަކެވެ. ގަތަރުގައި 2022 ވަަނަ އަހަރު އޮންނަ ވޯލްޑް ކަޕަށް ފަހު ދިގު ރާސްތާ ޕްލޭނެއްގެ ދަށުން މަޝްހޫރު ކުޅުންތެރިން އެ ސަރަހައްދުގައި ކުޅޭގޮތް ހަދަން ބޭނުންވާ ކަމަށް ދާދި ފަހުން ގަތަރު ވޯލްޑް ކަޕް ކޮމިޓީގެ މެމްބަރަކާ ހަވާލާދީ އިނގިރޭސި މީޑިއާއިން ވަނީ ރިޕޯޓްކޮށްފަ އެވެ.
ސުޕަ ލީގުގެ ވާހަކަތައް އާންމުކުރަމުން އަންނަ ޖަރުމަނުގެ ޑިއާ ސްޕީގަލް ނޫހުން ބުނީ ލީކުވި ލިޔެކިއުންތައް އެ މީޑިއާއާ ހިއްސާކުރީ ވަރަށް ވަރުގަދަ މަސްދަރުތަކަކުން ކަމަށެވެ. އަދި އެކި އެކި މައްސަލައިގައި ލީކުވި ލިޔެކިއުންތަކުގެ އަދަދު 70 މިލިއަނަށް އަރާނެ ކަމަށާއި އެ ހުރިހާ އެއްޗެއްގެ ސައިޒު 3.4 ޓެރަބައިޓްސް އަށް އަރާނެ ކަމަށެވެ. ޑިއާ ސްޕީގަލް އިން އަންނަނީ އެ މައުލޫމާތުތައް އެކި ގައުމުތަކުގެ މަޝްހޫރު އެހެން ނޫސްތަކާ ހިއްސާކުރަމުންނެވެ.
ސުޕަ ލީގެއް އުފަން ވެއްޖެނަމަ ކްލަބް ފުޓްބޯޅަ އަށް ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ވާނެ ކަމަށް ފުޓްބޯޅައިގެ ގިނަ ތަޖުރިބާކާރުން ގަބޫލުކުރެ އެވެ. އަދި ފީފާ އަށް ނޭނގި މި ފަދަ ކަމެއް ކުރެވޭނެ ކަމަށް ގަބޫލުނުކުރާކަމަށާއި މީގެ އަޑީގައި އޮތް ކަންތައްތަކެއް ފީފާ އިސްވެ ބަލަން ޖެހޭނެ ކަމަށް ވެސް އެ ތަޖުރިބާކާރުން ދެކެ އެވެ. ފީފާ އިން ވެސް ވަނީ އެފަދަ މުބާރާތެއްގައި ކުޅެފި ނަމަ ކުޅުންތެރިން ވޯލްޑް ކަޕުން ސަސްޕެންޑްކުރާނެ ކަމަށް ބުނެފަ އެވެ.