06 ނޮވެމްބަރ 2018 - 10:34

ކޮލަމްބޯ (ނޮވެމްބަރު 6) - ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސުމުގައި ޒާތީ ކަމެއް ނެތް ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވެއްޖެ އެވެ.

ޕާޓީގެ އެތައް ހާސް ސަޕޯޓަރުންނާ އެކު ކޮލަމްބޯގައި ބޭއްވި ބޮޑު ބައްދަލުވުމުގައި ސިރިސޭނާ ވިދާޅުވީ ނަގައި އެއްލާލީ ރައްޔިތުންނާ ދުރު، ބޭރުގެ އެޖެންޑާއަކާ އެއްގޮތަށް މަސައްކަތް ކުރާ ފިކުރެއް ކަމަށެވެ.
"ވޭތުވެދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި ފަގީރު ރައްޔިތުންނަށް ދިޔައީ ރަނިލް ވިކްރަމަސިންހަގެ އިގްތިސާދީ އަދި ސިޔާސީ ތަސައްވުރުގައި ބޮޑެތި ގެއްލުންތަކެއް ލިބެމުން،" ސިރިސޭނާ ވިދާޅުވި އެވެ.
ސިރިސޭނާ އެ އިޝާރާތް ކުރައްވާފައި ވަނީ ރަނިލް ގެންގުޅުއްވި ފްރީ-މާކެޓް އިކޮނޮމީ ސިޔާސަތާއި ޗައިނާ އާއި އިންޑިއާގެ ކުންފުނިތަކާ އެކު ގާއިމްކުރި ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްތަކަށެވެ.
ރާޖަޕަކްސާގެ ސަޕޯޓަރުން ތުހުމަތު ކުރާ ގޮތުގައި ރަނިލްގެ ސަރުކާރުން ވަނީ ގައުމުގެ ހަރުމުދާ ބޭރުގެ ފަރާތްތަކަށް ވިއްކައިފަ އެވެ. އޭގެ ތެރޭގައި ހަމްބަންޓޯޓާ ބަނދަރު ޗައިނާގެ ކުންފުންޏަކަށް 99 އަހަރަށް ދިނުން ވަނީ ފާހަގަކޮށްފަ އެވެ.
ޕާލަމެންޓް އިމާރާތާ ކައިރީގައި ބޭއްވި ބޮޑު އެއްވުމަށް ސިރިސޭނާ އާއި ރާޖަޕަކްސާ ވަޑައިގަތުމުން ސަޕޯޓަރުންގެ ބޮޑު ތަރުހީބެއް ލިބިފައިވެ އެވެ. ފުލުހުން ލަފާކޮށްފައިވާ ގޮތުގައި އެއްވުމުގައި 120،000 މީހުން ބައިވެރިވި އެވެ. ރަސްމީ ޓީވީން ބުނެފައި ވަނީ 200،000 މީހުން ބައިވެރިވި ކަމަށެވެ.
ރާޖަޕަކްސާ ޕާޓީގެ އިސް ލީޑަރެއް ކަމަށްވާ ޕްރަދީޕް ކަރިވަސަމް ވިދާޅުވީ ގަދަ ދައްކައިފައި ރަނިލް މަގާމުގައި ހުންނަން މަސައްކަތް ކުރެއްވި ނަމަވެސް ރައްޔިތުން ތިބީ އެ މީހުންނާ އެކު ކަމަށެވެ.
"ސަރުކާރު އިޚްތިޔާރު ކުރަން ރައްޔިތުންނަށް ފުރުސަތު ދެއްވާ. ގާނޫނު އަސާސީގެ މާނަކުރުމެއްގެ ނިވަލުގައި ފިލައި ނުހުންނަވާ،" އޭނާ ވިދާޅުވި އެވެ.
ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާޖަޕަކްސާ ވަނީ ތަމަޅައިންގެ ހައްގުތައް ރައްކާތެރި ކޮށްދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.