06 ނޮވެމްބަރ 2018 - 09:33

ބެލްގްރޭޑް (ނޮވެމްބަރު 6) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ ސާބިއާގައި ރެޑްސްޓާ ބެލްގްރޭޑާ ދެކޮޅަށް ކުޅޭ މެޗަށް ނެގި ލިވަޕޫލް ސްކޮޑުން ސްވިޒަލެންޑްގެ ވިންގް ޒެރްޑަން ޝަގީރީ ބާކީކުރީ ހާއްސަ ސަބަބެއް އޮތުމުން ކަމަށް ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ޝަގީރީ ބާކީކުރީ މި ފަހަރު ރަޝިއާގައި އޮތް ވޯލްޑް ކަޕްގައި ސާބިއާ އަތުން ސްވިޒަލެންޑް މޮޅުވި މެޗުގައި ހިނގާދިޔަ ކަންތައްތަކުގެ ސަބަބުން ސާބިއާ ސަޕޯޓަރުންގެ މެދުގައި ފުޓްބޯޅައާ ހިލާފު ކަންތައްތަކެއް ހިނގާފާނެ ކަމުގެ ބިރު އޮތުމުންނެވެ.
ސްވިޒެންޑްގެ ގްރޭނިޓް ޝާކާ އާއި ޝަގީރީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރިއިރު ވަނީ އަތުގެ އިޝާރާތުން "ޑަބަލް އީގަލް" ދައްކައިފަ އެވެ. މިއީ ސާބިއާ އާއި އަލްބޭނިއާއާ ދެމެދު ކޮސޯވޯގެ މައްސަލައިގައި ހިނގި ހަމަނުޖެހުންތަކުގައި އަލްބޭނިއާ މީހުންނަށް އޮތް ސަޕޯޓް ދައްކުވައިދޭ އިޝާރާތެކެވެ. އެއީ އަލްބޭނިއާ ދިދައިގައިވާ ނިޝާނަށް ނިސްބަތްކޮށެވެ.
ޝަގީރީ އުފަންވީ ކޮސޯވޯގެ ޖިލަން އަށެވެ. ޝަގީރީގެ ބައްޕަ އަކީ ކޮސޯވޯ މީހެއް ނަމަވެސް އޭނާގެ މަންމަ އަކީ އަލްބޭނިއާ ރައްޔިތެކެވެ. ޝާކާގެ އާއިލާ އަކީ އަލްބޭނިއާ ބައެކެވެ. ޝަކާގެ ބައްޕަ އަކީ ސާބިއާ އާއި އަލްބޭނިއާއާ ދެމެދު 1980 ގެ އަހަރުތަކުގައި ހިނގި ހަމަނުޖެހުންތަކުގައި ޖަލަށްލި މީހެކެވެ.
އެ މެޗުގައި ހިނގާދިޔަ ކަންތައްތަކަށް އިޝާރާތްކޮށް މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުމުގެ ރަސްމިއްޔާތަށް ފަހު ރެޑްސްޓާގެ އޮފިޝަލަކު ވަނީ ޝަގީރީ އެ ގައުމުގައި ކުޅޭ މެޗަށް އައިސްފިނަމަ ސަޕޯޓަރުންގެ ފަރާތުން އޭނާ އަށް އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށެވެ. ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗަށް ރެޑްސްޓާގެ އަލްޓްރާސް ގްރޫޕުން ވަނީ ގިނަ އަދަދެއްގެ ޓިކެޓް ގަނެފަ އެވެ.
ޝަގީރީ ޓީމުން ބާކީކުރި ސަބަބާ ބެހޭގޮތުން ކްލޮޕް ބުނީ އެއީ މުޅި ޓީމުގެ މަސްލަހަތަށް ވިސްނާފައި ނިންމި ނިންމުމެއް ކަމަށެވެ.
"އަހަރެމެންނަށް އަޑުއިވިފައި އޮތީ ކޮން ކަހަލަ ކަންތައްތަކެއް ޝަގީރީ އަށް އެތަނުން ކުރިމަތިވެދާނެކަން. އެކަމަކު އެކަމެއް ހިނގާނެ ކަމުގެ ޔަގީންކަން އޮތީމައެއް ނޫން މި ނިންމުން ނިންމީ. އަހަރެމެން ބޭނުންވަނީ 100 ޕަސެންޓް ފުޓްބޯޅައިގެ ކަންތައްތަކަށް ފޯކަސް ކޮށްގެން ދާން. އެހެންކަމަކަށް ޖާގަދެވޭކަށެއް ނެތް،" ކްލޮޕް ބުންޏެވެ.
އޭނާ ބުނީ މީގެ ގޮތެއް ނިންމީ ލިވަޕޫލުން ސިޔާސީ މެސެޖެއް ދިނުމުގެ ވިސްނުމުގައެއް ނޫން ކަމަށެވެ.
ސްޓޯކް ސިޓީ ދޫކޮށް މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ލިވަޕޫލަށް ބަދަލުވި ޝަގީރީ ވަނީ މިދިޔަ މަހު ރެޑްސްޓާއާ ދެކޮޅަށް ލިވަޕޫލް އަމިއްލަ ދަނޑުގައި ކުޅެ 4-0 އިން މޮޅުވި މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެފަ އެވެ. އެ މެޗަށް ފަހު ޝަގީރީ ވަނީ ސާބިއާގައި ވެސް އޭނާ އަށް ކުޅެވޭނެ ކަމަށް ބުނެފަ އެވެ.
ލިވަޕޫލާއި ސާބިއާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 11 ޖަހާއިރު އެވެ.