05 ނޮވެމްބަރ 2018 - 21:07

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް(މިފްކޯ) އަށް ކުރިމަތިވެފައިވާ ފައިސާގެ ދަތިކަން ހައްލުކުރުމަށް އެ ކުންފުންޏަށް ކުރިން ހަމަޖައްސައިދީފައިވާ 50 މިލިޔަން ރުފިޔާގެ ލޯނުގެ ތެރެއިން މިހާތަނަށް ދޫނުކޮށް އޮތް 25 މިިލިޔަން ރުފިޔާ ދޫކުރަން ފިނޭންސް މިނިސްޓްރީން ނިންމައިފި އެވެ.
ފިނޭންސުން ނެރުނު ބަޔާނެއްގައި ބުނީ މިފްކޯ އަށް ހަމަޖައްސައިދިން ލޯނުގެ ތެރެއިން 25 މިލިޔަން ރުފިޔާ ވޭތުވެދިޔަ ދެ މަހު އެ ކުންފުންޏަށް ދޫކޮށްފައިވާ ކަމަށެވެ. ބާކީ 25 މިލިއަން، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ދޫކުރާނެ ކަމަށް ބަޔާނުގައިވެ އެވެ.
ބަޔާނުގައި ބުނިގޮތުގައި އެ ލޯނަކީ މަސް ގަތުމަށް އެހީތެރިވުމަށް އުފައްދާފައިވާ 100 މިލިޔަން ރުފިޔާގެ ފަންޑަށް ސަރުކާރުން ލާފައިވާ 50 މިލިޔަން ރުފިޔާ އެވެ. ލޯނު ދިނުމަށް ފިނޭންސުން މިފްކޯއާ އެކު ސޮއިކުރީ މިދިޔަ ސެޕްޓެމްބަރުގެ ތެރޭގަ އެވެ. އެއަށް ފަހު، ސެޕްޓެމްބަރުގައި 15 މިލިޔަން ރުފިޔާ އަދި އޮކްޓޯބަރުގައި 10 މިލިޔަން ރުފިޔާ އެ ކުންފުންޏަށް ވަނީ ދޫކޮށްފަ އެވެ.
މިފްކޯ އަށް ކުރިމަތިވެފައިވާ މާލީ ދަތިކަން ހައްލު ކޮށްދިނުމަށް 2013 ވަނަ އަހަރުން ފެށިގެން މިހާތަނަށް 140 މިލިޔަން ރުފިޔާ އަށް ވުރެ ގިނަ ފައިސާ ފޯރުކޮށްދީފައިވާ ކަން ފިނޭންސްގެ ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އޭގެ އިތުރުން ވެސް މިފްކޯގެ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކޮށްފައިވާ ގިނަ މަސައްކަތްތަކެއް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެ މަސައްކަތްތަކުގެ ތެރޭގައި އެ ކުންފުނިން ޕްރޮސެސްކުރާ މަހުގެ އަދަދު ދުވާލަކު 50 ޓަނަށް އިތުރުކުރުން ހިމެނެ އެވެ. އަދި މިފްކޯ އިން އުފައްދާ ހުރިހާ އުފެއްދުމަކީ ވެލިއު އެޑެޑް އުފެއްދުންތަކަށް ބަދަލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެކަމަށް ބޭނުންވާ 12 މިލިޔަން އެމެރިކާ ޑޮލަރުގެ ލޯނުގެ ކަންތައްތައް ހަމަ ޖައްސައި އެކުންުފުންޏަށް އަންގާފައިވާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެ އެވެ.
"...ސަރުކާރުން މިހާތަނަށް ވެސް މަސައްކަތް ކޮށްފައި ވާނީ މިފްކޯ އަކީ މާލީ ގޮތުން ގާބިލް ކުންފުންޏެއްގެ ގޮތުގައި ހެދުމަށެވެ. މިފްކޯއަކީ ވިޔަފާރިކުންފުންޏެއް ކަމުން ސަރުކާރުން އެހީތެރިވުމުގައި އަމަލުކުރަންޖެހޭ ވަކި އުސޫލުތަކެއް ހުންނާތީ އެ އުސޫލުން ދެވެން އޮތް ހުރިހާ އެހީތެރިކަމެއް ސަރުކާރުން އަދި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ދީފައި ވާނެ އެވެ،" ފިނޭންސް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.
މިފްކޯއަށް މާލީ ދަތިކަން ކުރިމަތިވެ މަސްވެރިންނަށް އަގު ދިނުން ލަސްވާކަމުގެ ޝަކުވާ ރާއްޖޭގެ ދެކުނުގެ މަސްވެެރިން އަންނަނީ ކުރަމުންނެވެ.