05 ނޮވެމްބަރ 2018 - 19:51

އިންތިޚާބީ ރައީސް، އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) ހުވާކުރައްވާ ރަސްމިއްޔާތު ބާއްވާނީ އާއްމުންނަށް ހުޅުވާލައިގެން ކަމަށް ކުރިން ބުނި ނަމަވެސް އެކަން އެގޮތަށް ހަމަޖެއްސެން ނެތް ކަމަށް އެ ރަސްމިއްޔާތަށް އެމަނިކުފާނު އެކުލަވާލައްވާފައިވާ ކޮމިޓީން މިއަދު ބުނެފި އެވެ.
ހުވާކުރުމުގެ ރަސްމިއްޔާތު އިންތިޒާމް ކުރުމުގައި ރައްޔިތުންގެ މަޖިލީހާ ގުޅިގެން މަސައްކަތް ކުރަން އެކުލަވާލާފައިވާ ކޮމިޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވީ އާއްމުކޮށް ހުޅުވާލައިގެން ބޭއްވެން ނެތީ ބޭރު ގައުމުތަކުގެ ވެރިންނާއި އެ ނޫން ވެސް އިސް ފަރާތްތައް ބައިވެރިވެވަޑައިގަންނަވާތީ ކަމަށެވެ. އެ ބޭފުޅުންގެ ސަލާމަތީ ކަންތައްތައް އެންމެ ރަނގަޅަށް ބެލެހެއްޓުމަށް، އާއްމުކޮށް ހުޅުވާ ނުލުމަށް ގައުމުތަކުގެ ސަރުކާރުތަކުންނާއި ދިވެހި ސިފައިން ވެސް ލަފާ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އާއްމުކޮށް ހުޅުވާ ނުލަން ނިންމި އަނެއް ސަބަބަކީ، ހަސަން ވިދާޅުވި ގޮތުގައި، ދައުވަތު އަރުވަން ޖެހޭ މީހުންގެ އަދަދު ގިނަ ކަމެވެ.
"އަޅުގަނޑުމެންގެ ކުރީގެ ވިސްނުމެއް އޮތް އާއްމުކޮށް ހުޅުވާލަން. އެހެން ނަމަވެސް އެކަން އަޅުގަނޑުމެންނަށް ކުރަން ދަތިވާ އެއް ސަަބަބު އެއީ ދައުވަތު އަރުވަން ޖެހޭ ފަރާތްތަކުގެ އަދަދު ގިނަ ކަން. އެނގިވަޑައިގަންނަވާނެ ގަލޮޅު ދަނޑުގެ ޖާގައަކީ 11،500 މީހުން. އަޅުގަނޑުމެން ދައުވަތު އަރުވަން ހުރި ލިސްޓްތަކަށް ބަލާއިރު ވަރަށް ބޮޑު އަދަދެއްގެ ލިސްޓެއް އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.
އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ގައުމުތަކުގެ އިސްވެރިން ވަޑައިގަންނަވަން ހަމަޖައްސަވާފައިވީ ނަމަވެސް އެ ތަފްސީލުތަކެއް ހަސަން ނުދެއްވަ އެވެ. އޭނާ ވިދާޅުވި ގޮތުގައި، އެ ތަފްސީލުތައް ކަމާބެހޭ ފަރާތްތަކުން ފަހުން އާއްމުކުރާނެ އެވެ.