05 ނޮވެމްބަރ 2018 - 19:40

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވެވަޑައިގަތުމަކީ އެމްޑީޕީން އެދޭ ކަމެއް ކަމަށް އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް މިއަދު ވިދާޅުވެއްޖެ އެވެ.

އިބޫ ހުވާ ކުރެއްވުމުގެ އިންތިޒާމްތަކަށް ޚާއްސަކޮށްފައިވާ އެމްޑީޕީގެ ކޮމެޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ވިދާޅުވީ ޑިމޮކްރަސީގައި އޮންނަ ރީތި ގޮތަކީ އާ ދައުރަކަށް ރައްޔިތުން އިންތިޚާބު ކުރި ރައީސް ހުވާކުރައްވާއިރު، ދައުރު ފުރިހަމަ ކުރައްވާ ރައީސް ބައިވެރިވެވަޑައިގަތުން ކަމަށެވެ. އެހެންކަމުން އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، ރައީސް ޔާމީން ބައިވެރިވެވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެމްޑީޕީން، ހަމަ ވަރަށް ބޮޑަށް ވެސް ބޭނުން ރައީސް ޔާމީނު އެ ޖަލްސާ އަށް ވަޑައިގެން ދެއްވަން. މިވަރުގެ ބޮޑު ހަފުލާއެއްގައި ރައީސް ޔާމީނު ބައިވެރިވަޑައިގަތުމަކީ ހަމަ ގައިމުވެސް އެމްޑީޕީން އެދޭނެ ކަމެއް،" ނޫސްވެރިންގެ ސުވާލުތަކާ ގުޅިގެން ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، 2013 ވަނަ އަހަރު ބޭއްވި އިންތިޚާބުގައި، ނާކާމިޔާބުވެވަޑައިގަތް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ، އިންތިޚާބު ކާމިޔާބު ކުރެއްވި ރައީސް ޔާމީން ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ. އެހެންކަމުން މި ނަމޫނާ، އިބޫ ހުވާކުރައްވާ ރަސްމިއްޔާތުގައި ވެސް ފެންނާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވި އެވެ.
ހަސަން ވިދާޅުވީ، ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވާނީ ވަރަށް ކުލަ ގަދަކޮށް ކަމަށާއި އެ ރަސްމިއްޔާތަށް ރާއްޖެ އާއި ބޭރުގެ ގިނަ އަދަދެއްގެ ބަޔަކަށް ވެސް ދައުވަތު ދޭން އެދިފައިވާ ކަމަށެވެ. ރައީސް ހުވާކުރައްވާ ރަސްމިއްޔާތަކީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އަކަށް ވާތީ އެ ރަސްމިއްޔާތަށް ދައުވަތު ފޮނުވާނީ މަޖިލީހުންނެވެ.
ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދެވި އިބޫ ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބާއްވަން ހަމަޖައްސާފައި ވަނީ ނޮވެމްބަރު 17، ގަ އެވެ.