ރާޖަޕަކްސާ ބަލައިގަންނާނީ ޕާލަމެންޓުގެ އަޣުލަބިއްޔަތު ސާބިތުކޮށްދިނުމުން
ރާޖަޕަކްސާ ބަލައިގަންނާނީ ޕާލަމެންޓުގެ އަޣުލަބިއްޔަތު ސާބިތުކޮށްދިނުމުން

ކޮލަމްބޯ (ނޮވެމްބަރު 5) - ބޮޑު ވަޒީރު ކަމަށް މަހިންދާ ރާޖަޕަކްސާ ބަލައިގަންނާނީ ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮތްކަން ސާބިތުކޮށްދިނުމުން ކަމަށް ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާ ވިދާޅުވެއްޖެ އެވެ.

ބޮޑު ވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ދުރުކުރުމަށް ފަހު އެ މަގާމަށް ރާޖަޕަކްސާ ހަމަޖެއްސީ އޮކްޓޯބަރު 26 ވަނަ ދުވަހު އެވެ. ރައީސް ސިރިސޭނާގެ މި ނިންމެވުމަށް ސިޔާސީ ޕާޓީތަކާއި ބައިނަލްއަގުވާމީ މުޖްތަމައުން ދަނީ ފާޑުކިޔަމުންނެވެ.

"ޕާލަމެންޓުގެ ގިނަ މެންބަރުން ގަބޫލް ކުރަނީ ރައީސް ސިރިސޭނާ ގެންނެވީ ގާނޫނާ ޚިލާފު ބަދަލެއް ކަމަށް. އެހެންވެ ޕާލަމެންޓުގެ ގިނަ މެންބަރުންނެކޭ އެއްގޮތަށް އަޅުގަނޑު ގަބޫލް ކުރާ ގޮތަކީ ބޮޑު ވަޒީރަކީ ރަނިލްކަމަށް. އެ ނޫން ގޮތަކަށް ގަބޫލް ކުރާނީ ރާޖަޕަކްސާ އަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު އޮތްކަން ސާބިތުކޮށްދިނުމުން،" ޖަޔަސޫރިއާ ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.

ޕާލެންޓް ސަސްޕެންޑް ކޮށްފައި ބާއްވައިގެން ސިރިސޭނާ އާއި ރާޖަޕަކްސާ ގެންދަވަނީ މެންބަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުގެ އަދަދުތައް ދައްކާ ގޮތުން ޕާލަމެންޓުގެ 225 މެންބަރުންގެ ތެރޭން ރަނިލްގެ ޕާޓީގައި ތިބީ 102 މެންބަރުންނެވެ. ރާޖަޕަކްސާ-ސިރިސޭނާ ކޯލިޝަންގައި ވެސް 102 އެކެވެ. އެކަމަކު ބާކީ ތިބި 21 މެންބަރުން ރާޖަޕަކްސާ އަށް ތާއީދު ކުރާނެ ކަމަށް ނުބެލެވޭ ކަމަށް އޮބްޒާވަރުން ބުނެ އެވެ.

ޕާލަމެންޓް ހުޅުވަން ނިންމާފައި ވަނީ މި މަހު 14 ގަ އެވެ.