މިސްރުގެ ސަލާހުގެ މެޗު ޖާޒީ ދިވެހި ސަލާހަށް
މިސްރުގެ ސަލާހުގެ މެޗު ޖާޒީ ދިވެހި ސަލާހަށް

އިނގިރޭސި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ރޭ ލިވަޕޫލާއި އާސެނަލް 1-1 އިން އެއްވަރުވި މެޗަށް ފަހު ލިވަޕޫލުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު އޭނާގެ މެޗު ޖާޒީ، ހަމަ އެ ނަން ކިޔާ ދިވެއްސެއް ކަމަށްވާ މުހައްމަދު ސަލާހަށް ހަދިޔާކޮށް، ރާއްޖޭގައި ދާދި ފަހުން ހޭދަކުރި ޗުއްޓީގެ އުފާވެރިކަން ހިއްސާކޮށްފި އެވެ.

މިސްރުގެ ސަލާހުގެ މެޗު ޖާޒީ ދިވެހި ސަލާހަށް
މިސްރުގެ ސަލާހުގެ މެޗު ޖާޒީ ދިވެހި ސަލާހަށް

ދިވެހި ސަލާހަކީ، މިދިޔަ ސީޒަން ކާމިޔާބުކަމާ އެކު ނިންމާލައި މިސްރުގެ ސަލާހު ރާއްޖޭގައި ޗުއްޓީ ހޭދަކުރި ހުރަވަޅީގެ އޭރުގެ އޮޕަރޭޝަންސް ޑިރެކްޓަރެވެ. އާސެނަލަށް މަރުދޭ ސަލާހު އަށް ލިވަޕޫލްގެ މެޗެއް ބެލުމަށް ދައުވަތު ދިނީ ޗުއްޓީ ހޭދަކުރަމުން ދިޔައިރު އުފެދުނު ގާތް ގުޅުމުގެ ސަބަބުންނާއި ލިބުނު ފުރިހަމަ މެހެމާންދާރީއާ ގުޅިގެންނެވެ.

މިސްރުގެ ސަލާހުގެ މެޗު ޖާޒީ ދިވެހި ސަލާހަށް
މިސްރުގެ ސަލާހުގެ މެޗު ޖާޒީ ދިވެހި ސަލާހަށް

އާސެނަލްގެ ބައެއް މެޗުތައް ބަލަން ކުރިން ވެސް ލަންޑަނަށް ގޮސް އުޅޭ ސަލާހަށް އެމިރޭޓްސް ސްޓޭޑިއަމްގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗަށް ޓިކެޓް ދިނީ ވެސް ލިވަޕޫލްގެ ފޯވަޑެވެ.

މެޗު ބަލަން ފުރުމުގެ ކުރިން ހުނަރުވެރި ފޯވަޑްގެ ކިބައިން ސަލާހު އެދުނީ އޭނާގެ މެޗު ޖާޒީ ދިނުމަށެވެ. އެކަމަކު ޖާޒީ ދިނުމުގެ އިތުރުން ލިވަޕޫލްގެ ކުޅުންތެރިންނާ ބައްދަލުވުމުގެ ފުރަސަތު ވެސް ސަލާހަށް ލިބުނެވެ. އޭގެ ތެރޭގައި އާސެނަލް ކޮޅަށް ލަނޑު ޖެހި ޖޭމްސް މިލްނާ ވެސް ހިމެނެ އެވެ.

މިހާރު ކޮމަންޑޫ ރިސޯޓްގެ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުރި އަދި ރާއްޖޭގެ އެންމެ ޒުވާން ރިސޯޓް މެނޭޖަރު ކަމަށް ބެލެވޭ ސަލާހަކީ، އޭނާ ސަޕޯޓްކުރާ ކްލަބް އާސެނެލްގެ މިސްރު މިޑްފީލްޑަރު މުހައްމަދު އަލްނެނީގެ ވެސް ރަހުމަތްތެރިއެކެވެ. އަލްނެނީ ވެސް ވަނީ ހުރަވަޅީގެ ހިތްހެޔޮ މުވައްޒަފުންގެ ހިދުމަތްތަކާ އެކު އުފާވެރި ޗުއްޓީއެއް މި އަހަރު ހޭދަކޮށްފަ އެވެ.

މި ވަގުތު ދުނިޔޭގައި ތިބި އެންމެ ހުނަރުވެރި ފޯވަޑުންގެ ތެރޭގައި ހިމެނޭ ސަލާހު ހުރަވަޅީގައި ހޭދަކުރި ޗުއްޓީން ލިބުނު ހިތްހަމަޖެހުމުގެ ބޮޑުކަން މިހާރު ވެސް އެނގެ އެވެ. އެ ޗުއްޓީގެ ފޮޓޯތައް ސޯޝަލް މީޑިއާގައި އޭނާ އަންނަނީ ހިއްސާކުރަމުންނެވެ. އެގޮތުން މީގެ ހަތަރު ވަރަކަށް ދުވަސް ކުރިން ވެސް އެ ޗުއްޓީގެ ފޮޓޯއެއް ލި އެވެ.

ސަލާހުގެ ނަން މުޅި ދުނިޔޭގައި މަޝްހޫރުވެގެން ދިޔައީ އިޓަލީގެ އޭއެސް ރޯމާ ދޫކޮށް މިދިޔަ ސީޒަނުގައި ލިވަޕޫލަށް ބަދަލުވެ ދައްކަން ފެށި މޮޅު ކުޅުމުންނެވެ. ޖުމްލަ 52 މެޗުން 44 ގޯލް ޖަހައި، އޭނާ ލިވަޕޫލަށް ރެކޯޑްތަކެއް ހަދައިދީ އަދި ޗެމްޕިއަންސް ލީގުގެ ފައިނަލަށް އެ ޓީމު ގެންގޮސްދިނެވެ. އެ މެޗުގެ ކުރީކޮޅު އޭނާގެ ކޮނޑަށް ލިބުނު އަނިޔާއާ ގުޅިގެން ކުޅުމާ ވަކިވާން ޖެހުމަކީ، ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެ މެޗުން ރެއާލް މެޑްރިޑް އަތުން ލިވަޕޫލް ބަލިވުމުގެ އެއް ސަބަބެވެ.

އެ އަނިޔާއާ ގުޅިގެން ވޯލްޑް ކަޕުގައި ނުކުޅެވިދާނެ ކަމުގެ ބިރު ހީވި އެވެ. އެކަމަކު ފިޓްވެ ވޯލްޑް ކަޕުގައި އޭނާ ކުޅުނެވެ. އެހެން ވިޔަސް އޭނާގެ މަސައްކަތުން މިސްރު 28 އަހަރަށް ފަހު ވޯލްޑް ކަޕަށް ކޮލިފައިކޮށްދިން ދިނުމުގެ ހަގީގީ އުފާވެރިކަން ނުލިބުނީ، ގްރޫޕް ސްޓޭޖުން މިސްރު ކެޓުމުންނެވެ.

ސްވިޒަލެންޑުގެ ބަސެލްގައި ވިދާލި ސަލާހު އެންމެ ފުރަތަމަ ޕްރިމިއާ ލީގަށް އައީ ޗެލްސީގެ ޖާޒީގައި 2013 ގަ އެވެ. އެކަމަކު އެ ޓީމުގައި އެކަށީގެންވާ ފުރުސަތުތަކެއް ނުލިބި ފަހުން ކުޅުނީ އިޓާލިއަން ލީގުގައި ފިއޮރެންޓީނާ އާއި ރޯމާގަ އެވެ.