05 ނޮވެމްބަރ 2018 - 13:47

ކޮލަމްބޯ (ނޮވެމްބަރު 5) - މިނިސްޓަރުގެ ނައިބުގެ މަގާމު ހުށަހެޅުމުން އާ ބޮޑު ވަޒީރު މަހިންދާ ރާޖަޕަކްސާ ކޯލިޝަނާ ގުޅުނު ގާނޫނު ހަދާ މިޖިލީހުގެ ތަމަޅަ މެންބަރު އެސް. ވިޔަލެންދުރަން ޓަމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ) އިން ވަކިކޮށްފި އެވެ.
ޑިޕިއުޓީ މިނިސްޓަރު އޮފް ރީޖަނަލް ޑިވެލޮޕްމަންޓުގެ މަގާމަށް ވިޔަންދުރަން ހަމަޖެއްސީ މިދިޔަ ހޮނިހިރު ދުވަހު އވެެ. ޓީއެންއޭ އިން ބުނެފައި ވަނީ ބޮޑު ވަޒީރު ކަމަށް ރާޖަޕަކްސާ ގެނައުމަށް ތާއީދު ނުކުރާ ކަމަށެވެ. ރާޖަޕަކްސާގެ އިތުބާރު ނެތް ކަމަށް ޕާލަމެންޓަށް ހުށަހަޅައިފި ނަމަ ވޯޓު ދޭނެ ކަމަށް ވެސް އެންމެ ބޮޑު ތަމަޅަ ޕާޓީން ބުނެފައިވެ އެވެ.
ބޮޑު ވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ދުރުކުރުކޮށް، އެ މަގާމަށް ރާޖަޕަކްސާ ހަމަޖެއްސުމަށް ފަހު ރައީސް ސިރިސޭނާ ގެންދަވަނީ ޕާލަމެންޓުގެ އަޣުލަބިއްޔަތު ހޯދުމަށް މަސައްކަތް ކުރައްވަމުންނެވެ. އަންނަ ބުދަ ދުވަހު ޕާލަމެންޓް ހުޅުވާނެ ކަމަށް ސިރިސޭނާ ހުކުރު ދުވަހު ވިދާޅުވި ނަމަވެސް މިހާރު ވަނީ މި މަހު 14 ވަނަ ދުވަހަށް ފަސްކޮށްފަ އެވެ.
އެންމެ ފަހުގެ އަދަދުތައް ދައްކާ ގޮތުން ޕާލަމެންޓުގެ 225 މެންބަރުންގެ ތެރޭން ރަނިލްގެ ޕާޓީގައި ތިބީ 102 މެންބަރުންނެވެ. ރާޖަޕަކްސާ-ސިރިސޭނާ ކޯލިޝަންގައި ވެސް 102 އެކެވެ. ބާކީ ތިބި 21 މެންބަރުން ރާޖަޕަކްސާ އަށް ތާއީދު ކުރާނެ ކަމަށް ނުބެލެވޭ ކަމަށް އޮބްޒާވަރުން ބުނެ އެވެ.
ގާނޫނު ހަދާ މަޖިލީހުގެ ހަތް މެންބަރުން ހިމެނޭ ސްރީ ލަންކާ މުސްލިމް ކޮންގްރެސް (އެސްއެލްއެމްސީ) އިން ބުނީ ސިރިސޭނާ-ރާޖަޕަކްސާ ކޯލީޝަނާ ގުޅެން ހުށަހެޅި ހުށަހެޅުމާ ދެކޮޅު ހަދާފައިވާ ކަމަށެވެ.