ގާނޫނީ ލަފާ ލިބެންދެން ފިޔަވަޅު ނާޅަން މިނިސްޓްރީން އަންގައިފި
ގާނޫނީ ލަފާ ލިބެންދެން ފިޔަވަޅު ނާޅަން މިނިސްޓްރީން އަންގައިފި

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބު ބާތިލްކުރަން ސްޕޯޓްސް ކޮމިޝަނަރު އެންގި އެންގުމާއި އެކަމާ ގުޅިފައިވާ މައްސަލަތަކާ ބެހޭގޮތުން އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފާ ލިބެންދެން، ފިޔަވަޅު ނާޅާ މަޑުކުރަން ވޮލީބޯލް އެސޯސިއޭޝަނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އަށް ކުޅިވަރާ ބެހޭ މިނިސްޓްރީން އަންގައިފި އެވެ.

މި އަހަރުގެ މާޗު މަހު ބޭއްވި އިންތިހާބުގައި، އޮޅުވާލުންތައް އުޅޭ ކަމަށް ތުހުމަތުކޮށް، ސްޕޯޓްސް ކޮމިޝަނަރު ވަނީ އިންތިހާބު ބާތިލްކޮށް، އޮލިމްޕިކް ކޮމިޓީގެ ބެލުމުގެ ދަށުން އާ އިންތިހާބެއް ބާއްވަން އަންގައިފަ އެވެ.

އެސޯސިއޭޝަންތަކުން އަސާސީ އަދި ހިންގާ ގަވާއިދާ ހިލާފުވެއްޖެ ނަމަ އެ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ ބާރު ސްޕޯޓްސް ކޮމިޝަނަރަށް ކުޅިވަރުގެ ގާނޫނުން ދިން ނަމަވެސް، ވޮލީބޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ ކޮމިޝަނަރުގެ ބެލުމުގެ ދަށަށް އެސޯސިއޭޝަންތައް ދާނީ އެކަމަށް ގަވާއިދުތަކެއް ހެދުމުން ކަމަށެވެ. އަދި މިހާރު އެސޯސިއޭޝަނުގެ ބެލެނިވެރިކަން އޮތީ ސްޕޯޓްސް ކައުންސިލާއި ހޯމް މިނިސްޓްރީގައި ކަމަށް ވުމުން، އެސޯސިއޭޝަނުގެ މައްޗަށް ސްޕޯޓްސް ކޮމިޝަނަރަށް ބަސް ނުކިޔޭނެ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެ އެވެ.

ކުޅިވަރާ ބެހޭ މިނިސްޓްރީން ވޮލީބޯޅަ އެސޯސިއޭޝަނަށާއި އޮލިމްޕިކް ކޮމިޓީ އަށް ބުރާސްފަތި ދުވަހު ފޮނުވި ސިޓީގައި ބުނެފައިވަނީ، މައްސަލައާ ގުޅޭ ގޮތުން އެޓާނީ ޖެނެރަލްގެ ގާނޫނީ ލަފާ ލިބުމުން، އެ މައްސަލައާ މެދު އަމަލުކުރަންވީ ގޮތެއް ނިންމާނެ ކަމަށެވެ. އަދި ގާނޫނީ ލަފާ ވަކި ގޮތަކަށް ލިބެންދެން، މިހާރު ހިނގަމުންދާ މުބާރާތްތައް ފިޔަވައި އެހެން އެއްވެސް ހަރަކާތެއް ކުރިއަށް ނުގެންދަން އެސޯސިއޭޝަނަށް ވަނީ އަންގައިފަ އެވެ.

އަލަށް ފާސްކުރި ކުޅިވަރުގެ ގާނޫނުގެ ދަށުން އެސޯސިއޭޝަންތައް މިނިސްޓްރީގެ ދަށުގައި ރަޖިސްޓްރީކުރަން ޖެހޭއިރު އެކަމަށް ވަނީ އިންތިގާލީ މުއްދަތެއް ދީފަ އެވެ. އަދި ގާނޫނުގެ ދަށުން ގަވާއިދުތަކެއް ހަދަން ވެސް ގާނޫނުގައި ވަނީ ބުނެފަ އެވެ.

ކޮމިޝަނަ އޮފް ސްޕޯޓްސް އަހުމަދު ނަޝީދު (ޑޭވް) ވިދާޅުވީ، ގަވާއިދުތައް ހެދުމުގެ މަސައްކަތް މިވަގުތު އޮތީ އެޓާނީ ޖެނެރަލްގެ އޮފީހާ ހަމައިގައި ކަމަށެވެ. އަދި ކުޅިވަރުގެ ގާނޫނަކީ ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް ގެޒެޓްކޮށްފައިވާ ގާނޫނެއް ކަމަށާއި، އަސާސީ ގަވާއިދާ އެއްވެސް އެސޯސިއޭޝަނަކުން ހިލާފުވެއްޖެ ނަމަ އެ ގާނޫނުގެ ދަށުން ފިޔަވަޅު އެޅުން އޭނާއާ ހަވާލުކޮށްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ދިވެހިރާއްޖޭގައި ވާދަވެރި ގޮތެއްގައި ކުޅެވޭ އެންމެހައި ކުޅިވަރެއްގައިމެ ހަރަކާތްތެރިވާ ކްލަބް ޖަމިއްޔާ އަދި އެސޯސިއޭޝަންގެ އަސާސީ އަދި ހިންގާ ގަވާއިދާ އެ ފަރާތުން ހިލާފުވެއްޖެ ނަމަ އެ ގާނޫނުގެ ދަށުން އެ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން، އެ ގާނޫނުން އަޅުގަނޑަށް ވަނީ މަތިކޮށްފައި. ގަވާއިދެއް ނެތަސް، ގާނޫނުގައި އެހެން ބުނެފައި އޮތުމުން ގާނޫނުގެ ދަށުން އަޅުގަނޑަށް އެބަޖެހޭ ފިޔަވަޅު އަޅަން މައްސަލަ އުޅޭކަމުގައިވާ ނަމަ،" ނަޝީދު ވިދާޅުވި އެވެ.