ލަންކާ ޕާލަމެންޓް ހުޅުވުން އަނެއްކާ ވެސް ފަސްކޮށްފި
ލަންކާ ޕާލަމެންޓް ހުޅުވުން އަނެއްކާ ވެސް ފަސްކޮށްފި

ކޮލަމްބޯ (ނޮވެމްބަރު 5) - އަންނަ ބުދަ ދުވަހު ޕާލަމެންޓް ހުޅުވާނެ ކަމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ ވިދާޅުވި ނަމަވެސް އަނެއްކާވެސް ނޮވެމްބަރު 14 ވަނަ ދުވަހަށް ފަސްކޮށްފި އެވެ.

ލަންކާ ޕާލަމެންޓް ހުޅުވުން އަނެއްކާ ވެސް ފަސްކޮށްފި
ލަންކާ ޕާލަމެންޓް ހުޅުވުން އަނެއްކާ ވެސް ފަސްކޮށްފި

މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަ ހައްލު ކުރުމުގެ ގޮތުން ސިރިސޭނާ ވަނީ ޕާލަމެންޓުގެ ޖަލްސާތައް އަންނަ ބުދަ ދުވަހު ފައްޓަވާނެ ކަމުގެ ޔަގީންކަން ހުކުރު ދުވަހު ދެއްވައިފަ އެވެ. ޕާލަމެންޓުގެ ރައީސް ކަރޫ ޖަޔަސޫރިއާ ވެސް ވަނީ ޕާލަމެންޓުގެ 225 މެންބަރުންގެ ތެރޭން 118 މެންބަރުން ހާޒިރުކޮށް ބުދަ ދުވަހު ޖަލްސާތައް ފަށާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ސިރިސޭނާ އިއްޔެ ވަނީ ޕާލަމެންޓް ހުޅުވުން ނޮވެމްބަރު 14 އަށް ފަސްކޮށްފައިވާކަން އިއުލާން ކުރައްވައިފަ އެވެ.

މިދިޔަ މަހު 26 ވަނަ ދުވަހު ބޮޑު ވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ވަކިކޮށް، އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސުމަށް ފަހު ސިރިސޭނާ އެންމެ ފުރަތަމަ ޕާލަމެންޓް ސަސްޕެންޑް ކުރީ ނޮވެމްބަރު 16އާ ހަމައަށެވެ.

ރަނިލް ވިދާޅުވަމުން ގެންދަވަނީ އޭނާ މަގާމުން ދުރުކުރީ ގާނޫނާ ޚިލާފަށް ކަމަށާއި އެކަން ކުރެވޭނީ ޕާލަމެންޓަށް އެކަނި ކަމަށެވެ. އަދި ޕާލަމެންޓް ސަސްޕެންޑް ކޮށްފައި ވަނީ މެންބަރުން ގަންނަން ކަމަށް ރަނިލްގެ ޔޫއެންޕީން ގެންދަނީ ތުހުމަތު ކުރަމުންނެވެ.

ލަންކާ ޕާލަމެންޓުގައި ހިމެނޭ އެންމެ ބޮޑު ތަމަޅަ ޕާޓީ، ޓަމިލް ނޭޝަނަލް އެލަޔަންސް (ޓީއެންއޭ) އިން ބުނެފައި ވަނީ ރާޖަޕަކްސާ އަށް ތާއީދު ނުކުރާނެ ކަމަށެވެ.

ޕާލަމެންޓް ހުއްޓުވާފައި ބޭއްވުމަށް ފަހު ރަނިލް އާއި ރާޖަޕަކްސާ ގެންދަވަނީ ޕާޓީ އަށް މެންބަރުން ހޯދުމުގެ މަސައްކަތް ފަރުދާގެ ފުރަގަހުގައި ކުރައްވަމުންނެވެ. ޓީއެންއޭގެ މެންބަރެއް ކަމަށްވާ ދަރުމަލިންގަމް ސިދާތަން ވިދާޅުވީ ޕާލަމެންޓް ފަށަން ފުރަތަމަ ހަމަޖެއްސި ދުވަހު އެ ޕާޓީއާ އެކު ބައްދަލުވުމެއް ބޭއްވުމަށް ރައީސް ސިރިސޭނާ އެދިވަޑައިގެންފައިވާ ކަމަށެވެ.

ޕާލަމެންޓް ހުޅުވުން ލަސްކުރާ ވަރަކަށް ރަނިލްގެ ޕާޓީން ދަނީ މެންބަރުން މަދުވަމުންނެވެ. ރަނިލްގެ ޕާޓީގެ މެންބަރުންނަށް ދަނީ މިނިސްޓަރުން ފެންވަރުގެ މަގާމުތަކާއި މިލިއަނުން ފައިސާ ހުށަހަޅަމުން ކަމަށް ތުހުމަތުކޮށްފައިވެ އެވެ. ރަނިލްގެ ޕާޓީގެ ގާނޫނު ހަދާ މަޖިލިހޫގެ ހަތް މެންބަރަކު މިހާތަނަށް ވަނީ ރާޖަޕަކްސާއާ ގުޅިފަ އެވެ.

އެންމެ ފަހުގެ އަދަދުތައް ދައްކާ ގޮތުން ޕާލަމެންޓުގެ 225 މެންބަރުންގެ ތެރޭން ރަނިލްގެ ޕާޓީގައި ތިބީ 102 މެންބަރުންނެވެ. ރާޖަޕަކްސާ-ސިރިސޭނާ ކޯލިޝަންގައި ވެސް 102 އެކެވެ. ބާކީ ތިބި 21 މެންބަރުން ރާޖަޕަކްސާ އަށް ތާއީދު ކުރާނެ ކަމަށް ނުބެލެވޭ ކަމަށް އޮބްޒާވަރުން ބުނެ އެވެ.

ގާނޫނު ހަދާ މަޖިލީހުގެ ހަތް މެންބަރުން ހިމެނޭ ސްރީ ލަންކާ މުސްލިމް ކޮންގްރެސް (އެސްއެލްއެމްސީ) އިން ބުނީ ސިރިސޭނާ-ރާޖަޕަކްސާ ކޯލީޝަނާ ގުޅެން ހުށަހެޅި ހުށަހެޅުމާ ދެކޮޅު ހަދާފައިވާ ކަމަށެވެ.