05 ނޮވެމްބަރ 2018 - 11:22

ތެހެރާން (ނޮވެމްބަރު 5) - އެމެރިކާ އިން އީރާނަށް ބިރު ނުދެއްކުމަށް އީރާން ސިފައިންގެ ވެރިޔާ ރިވޮލިއުޝަނަރީ ގާޑުގެ މޭޖާ ޖެނެރަލް މުހައްމަދު އަަލީ ޖައުފަރީ އިންޒާރު ދެއްވައިފި އެވެ.
"އެމެރިކާ އާއި އެ ގައުމުގެ ރައީސް އަށް އެއްކަމެއް ސާފުކޮށްދޭން ބޭނުންވޭ. އީރާނަށް ދެން ބިރު ނުދައްކާ. ސަބަބަކީ އެމެރިކާ ސިފައިންގެ ރުއިމުގެ އަޑު އަހަރެމެންނަށް މިހާރު ވެސް އިވޭ. އަހަރެމެންނަށް ވުރެ ބޮޑަށް އެކަން އެނގޭނީ ކަލޭމެންނަށް. ހަނގުރާމައިގެ މައިދާނުގައި ލިބުނު ނާކާމިޔާބީގެ ހިތާމައިގައި އެމެރިކާގެ ކިތައް ސިފައިންތޯ އަމިއްލަ އަށް މަރުވެގެން ދަނީ،" ޖައުފަރީ ވިދާޅުވި އެވެ. "އެހެންވީމާ އަސްކަރީ ގޮތުން އީރާނަށް ބިރު ނުދައްކާ."
އީރާނުން ތުހުމަތު ކުރަނީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވި ފަހުން ތެހެރާނާ ދެކޮޅަށް އިގްތިސާދީ ހަނގުރާމައެއް ފަށާފައިވާ ކަމަށެވެ.
ޖައުފަރީގެ ތަގްރީރުގައި ވަނީ އީރާނުގެ އިގްތިސާދު ހަލާކުކޮށްލަން އެމެރިކާ އިން ކުރާ މަސައްކަތް ނާކާމިޔާބުކޮށްލާނެ ކަމަށް ވިދާޅުވެފަ އެވެ.
އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން މިދިޔަ މެއި މަހު އެމެރިކާ ވަނީ ވަކިވެފަ އެވެ. އަދި އެ އެއްބަސްވުމުގެ ދަށުން އީރާނަށް ދިން ހުރިހާ ލުޔެއް ވަނީ އުވާލައިފަ އެވެ. އީރާނާ ދެކޮޅަށް މިއަދުން ފެށިގެން ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އަޅަން އެމެރިކާ އިން ވަނީ ނިންމައިފަ އެވެ.