ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު އާސެނަލަށް އަނިޔާގެ މައްސަލަ
ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު އާސެނަލަށް އަނިޔާގެ މައްސަލަ

ލަންޑަަން (އޮގަސްޓް 14) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ވާދަވެރި ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު އާސެނަލްގެ މުހިއްމު ކުޅުންތެރިންނަށް އަނިޔާގެ މައްސަލަ ދިމާވެއްޖެ އެވެ.

ލީގުގައި އާސެނަލް ކުޅޭ ފުރަތަމަ މެޗަށް ނުކުންނައިރު އާސެނަލްގެ ތިން ޑިފެންޑަރުން ކަމަށްވާ ލޯރެންޓް ކޮޝިއެލްނީ އާއި ގަބްރިއެލް ޕައުލިސްޓާ އަދި ޕާ މަޓެސޭކާގެ އިތުރުން ދެ ފޯވާޑުން ކަމަށްވާ ޑެނީ ވެލްބެކާއި އޮލިވިއޭ ޖިރޯ ތިބީ އަނިޔާގަ އެވެ.

ވެންގާ ބުނީ މުހިއްމު ކުޅުންތެރިން ނުލައި ކުޅެން ޖެހުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

"މިކަހަލަ ވަރުގަދަ މެޗުތަކަކީ ސީޒަންގެ ކުރީކޮޅަށް ވުރެ ބޮޑަށް ފަސް ވަރަކަށް މެޗު ފަހުން ކުޅެވޭނެ މެޗުތައް. އެކަމަކު މެޗުތައް ރޭވިގެން އަންނައިރު އޮތް ގޮތަކަށް ކުރިއަށްދާން މި ޖެހެނީ. މިއީ އޮތް ގޮތަކީ. އަހަރެމެންނަށް އަނިޔާގެ މައްސަލަ ދިމާވުމަކީ ކަންބޮޑުވުމެއް. އެކަމު ޓީމެއް ވެއްޖިއްޔާ އެބަޖެހޭ އެކަމާ ވެސް ކުރިމަތިލާން،" ވެންގާ ބުންޏެވެ.

އާސެނަލް ދަނޑުގައި މިރޭ ކުޅޭއިރު ފާއިތުވި ސީޒަނުގެ ފުރަތަަމަ މެޗުން އެ ޓީމު ވަނީ 2-0 އިން ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބަލިވެފަ އެވެ. ވެންގާ ބުނީ ފާއިތުވި އަހަރުތަކާ ހިލާފަށް މި ފަހަރުގެ ސީޒަން އުނދަގޫވާނެ ކަމަށެވެ.

މިރޭގެ މެޗަށް ނުކުންނައިރު ލިވަޕޫލްގެ ޑެނިއަލް ސްޓަރިޖާއި ޖޭމްސް މިލްނާ ހުރީ އަނިޔާގަ އެވެ. ނަމަވެސް މިފަހަރުގެ ޓްރާންސްފާގައި ލިވަޕޫލަށް ބަދަލުވި ސަޑިއޯ މާނޭ އާއި ޖިއޮޖީނިއޯ ވައިނަލްޑަމް މިރޭގެ މެޗުގައި ކުޅޭނެ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ އަމާޒަކީ މި މިދިޔަ އަހަރަށް ވުރެން ރަނގަޅު ނަތީޖާތަކަކާ އެކު މި ސީޒަން ނިންމާލުން ކަމަށެވެ.

މިިދިޔަ ސީޒަނުގައި އާސެނަލާއި ލިވަޕޫލް ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެ. އާސެނަލް ދަނޑުގައި ލަނޑެއް ނުޖެހި އެއްވަރުވިއިރު، ލިވަޕޫލް ދަނޑުގައި ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރު ވެގެންނެވެ.

އާސެނަލާއި ލިވަޕޫލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 8 ޖަހާއިރު އެވެ.