06 ނޮވެމްބަރ 2018 - 15:43

ސެޕްޓެމްބަރު މަހު ބޭއްވި މި އަހަރުގެ ރިޔާސީ އިންތިހާބުގައި ބޭނުންކުރި ވޯޓު ކަރުދާސްތައް އިލެކްޝަންސް ކޮމިޝަނުން މިއަދު ނައްތާލައިފި އެވެ.
ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އިންތިހާބުގައި ބޭނުންކުރި ކަރުދާސްތައް މިހާރު ޝްރެޑްކޮށްފައިވާ ކަމަށެވެ. އަދި ފަޔާ އެންޑް ރެސްކިއުގެ ބެލުމުގެ ދަށުން އެތަކެތި އަންދާލާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި ވޯޓުލުމަށް ބޭނުންކުރި ވޯޓު ކަރުދާސްތައް އަޅުގަނޑުމެން ވާނީ މިއަދު ނައްތާލައި، ޝްރެޑްކޮށް ނިންމާފައި. އަދި މިއަދު ނުވަތަ މާދަމާގެ ގަޑިއެއްގައި ފަޔާ އެންޑް ރެސްކިއުގެ ބެލުމުގެ ދަށުން އަޅުގަނޑުމެން އެ ކަރުދާސްތައް އަންދާލުމުގެ މަސައްކަތް ކުރާނަން،" ޝަރީފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މިހާ ދުވަސް ވަންދެން ވޯޓު ކަރުދާސްތައް ބަހައްޓާފައި ވަނީ ސުޕްރީމް ކޯޓުގައި އިންތިހާބާ ގުޅޭ މައްސަލަ އޮތުމުން ކަމަށެވެ.
"މިހާ ގިނަ ދުވަސް ވަންދެން ވޯޓު ކަރުދާސްތައް ރައްކާތެރިކަމާ އެކު ބެހެއްޓީ މި އިންތިހާބާ ބެހޭ ގޮތުން ޝަރީއަތަށް ނުވަތަ ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅި އެ މައްސަލަ ނިމި އަދި އޭގެ ފަހުން ގާނޫނީ ގޮތުން ބަހައްޓަން ޖެހޭ މުއްދަތު ފާއިތުވެ މިހާރު އެތައް ދުވަހެއް ހިނގައްޖެ،" ޝަރީފް ވިދާޅުވި އެވެ.
ވޯޓު ކަރުދާސްތައް ނައްތާލުމުގެ އިތުރުން ވޯޓު ކަރުދާހާ ގުޅޭ ބައެއް މައުލޫމާތުތައް ވެސް ނައްތާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑުމެން ގަބޫލުކުރަނީ މީގެ ކުރިން ވެސް އަމަލު ކުރަމުންދިޔަ ގޮތަށް ވޯޓު ކަރުދާހާއި ވޯޓު ކަރުދާހާ ގުޅުން ހުރި އެހެނިހެން މައުލޫމާތުތައް އަޅުގަނޑުމެން މިހާރު ވާނީ ޝްރެޑްކޮށް ނައްތާލެވިފައި،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް އޭނާ ވިދާޅުވީ ވޯޓާ ގުޅޭ މުހިންމު އަދި ބަހައްޓަން ޖެހޭ އެއްވެސް ލިޔުކިއުމެއް ނައްތާނުލާ ކަމަށެވެ.