06 ނޮވެމްބަރ 2018 - 07:22

މި އަހަރަކީ އަކްޝޭ ކުމާރަށް ވެސް ވަރަށް ވެސް ކާމިޔާބު އަހަރެކެވެ. މި އަހަރުގެ މިހާތަނަށް އޭނާގެ ދެ ފިލްމެއް ރިލީޒްވެފައިވާ އިރު، އެ ފިލްމުތަކަކީ އަހަރުގެ އެންމެ ވިޔަފާރި ރަނގަޅު ފިލްމުތައް ވެސް މެ އެވެ.

އެއީ ފެބްރުއަރީގައި ރިލީޒްކުރި "ޕެޑްމޭން" އާއި އޮގަސްޓްގައި ރިލީޒް ކުރި "ގޯލްޑް" އެވެ. އަކްޝޭ ދެން އެންމެ އަވަހަށް ފެނިގެން ދާނީ މި މަހުގެ 29 ގައި ރިލީޒްކުރާ އިންޑިއާގެ އެންމެ އަގުބޮޑު ފިލްމު "2.0" އިންނެވެ.

މި ވަގުތު ވެސް އޭނާ އަންނަނީ ވަރަށް ބިޒީކޮށް ފިލްމުތަކެއްގައި މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި "ހައުސްފުލް 4"، "ކެސަރީ" ހިމެނެ އެވެ. އަކްޝޭ ސޮއިކޮށްފައިވާ އިތުރު ފިލްމުތަކުގެ ތެރޭގައި ކަރަން ޖޯހަރުގެ "ގުޑް ނިއުސް" އާއި އަރް ބަލްކީ ޖައްވީ ފިލްމެއް ހިމެނެ އެވެ.
ކޭޕް އޮފް ގުޑް ފިލްމްސްގެ ނަމުގައި އަމިއްލަ ފިލްމު ކުންފުންޏެއް އޮންނަ އަކްޝޭ މިހާރު ވަނީ އިންޑިއާގެ އެންމެ ކާމިޔާބު އެއް ޕްރޮޑަކްޝަން ހައުސް ކަމަށްވާ ފޮކްސް ސްޓާ ސްޓޫޑީއޯ އެކު ބޮޑު ޑީލެއް ހަދައިފަ އެވެ.
އެގޮތުން އޭނާގެ ކުންފުންޏާއި ފޮކްސް ގުޅިގެން އަންނަ އަހަރު ތިން ފިލްމެއް ގެނެސް ދިނުމުގެ އެއްބްސްވުމެއް މިހާރު ވަނީ ހަދައިފަ އެވެ. ފޮކްސް އިން ވަނީ ޓްވިޓާގައި ވެސް އެކަން ހިއްސާކޮށްފަ އެވެ.
މިކަމާ ބެހޭ ގޮތުން އަކްޝޭ ބުނީ އޭނާގެ ޓާގެޓަކީ މާނަ ހުރި ފިލްމުތަކެއް ގެނެސް ދިނުން ކަމަށެވެ. މި ފަހަކަށް އައިސް އަކްޝޭ ފާހަގަ ކުރެވެނީ އިޖުތީމާއީ އެކި ކަހަލަ މައްސަލަތަލަށް ހޭލުންތެރިކަން އުފައްދައިދޭ ކަހަލަ ފިލްމުތައް ކުޅޭ އެކްޓަރެއްގެ ގޮތުގަ އެވެ.
ފޮކްސް ސްޓާގެ ސީއީއޯ ވިޖޭ ސިންގް ބުނި ގޮތުގައި އަކްޝޭއާ ގުޅިގެން ފިލްމުތަކެއް ގެނެސް ލިބުމަކީ ވަރަށް ބޮޑު ކުރިއެރުމެކެވެ. އެގޮތުން މިދިޔަ އަހަރު ފޮކްސް އިން އަކްޝޭއާ އެކި ހެދި "ޖޮލީ އެލްއެލްބީ 2" ގެ ބޮޑު ކާމިޔާބީ އޭނާ ފާހަގަ ކުރި އެވެ.
ނަމަވެސް އޭނާއާ ގުޅިގެން އަހަރު ގެނެސް ދޭން ނިންމާފައިވާ ފިލްމުތަކާ ބެހޭ ތަފުސީލެއް އަދި ހާމައެއް ނުކުރެ އެވެ.
ޖަގަން ޝަކްތީ ޑައިރެކްޓް ކުރާ ފިލްމުގެ ކާސްޓާ މި ފަހަރު ގުޅުނީ ޝަރްމަން ޖޯޝީ އާއި ސައުތުގެ ބަތަލާ ނިތިޔާ މެނަން އެވެ. މި ފިލްމަށް ކުރިން ސޮއިކޮށްފައިވާ ތަރިންނަކީ ވިދިޔާ ބަލަން، ސޮނާކްޝީ ސިންހާ، ތާޕްސީ ޕައްނޫ އަދި އަކްޝޭ ކުމާރެވެ.
ރަސްމީކޮށް އަދި ނަން އިއުލާންކޮށްފައި ނުވާ ފިލްމުގެ މަސައަކަތް އަންނަ ޖެނުއަރީ މަހުގެ ތެރޭގައި ފަށަން ވަނީ ތާވަލުކޮށްފަ އެވެ.
ޕްރިޔަންކާ ޗޯޕްޅާގެ ފިލްމު ކުންފުނި ޕާޕަލް ޕެބްލް ޕިކްޗާޒުން އިންޑިއާގެ އެކި ބަހުރުވަތަކުން ފިލްމުތައް ގެނެސް ދެމުން އަންނަ އިރު، ސިއްކިމް ބަހުން ހަދާފައިވާ ފިލްމު "ޕަހޫނާ: ދަ ލިިޓްލް ވިޒިޓާސް" އަންނަ މަހުގެ 7 ގައި ސިނަމާތަކަށް ގެންނަން ނިންމައިފި އެވެ.
ވަރަށް ގިނަ ފިލްމު ފެސްޓިވަލްތަކުގައި މިހާރު ޕްރިމިއާކޮށްފައިވާ މި ފިލްމަކީ ނޭޕާލުން އިންޑިއާ އަށް އެތެރެވާން މަސައްކަތް ކުރާ ތިން ކުއްޖެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މިއީ ޕާކީ ޓައިރެވާލާ ލިޔެ، ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ.
ޕްރިޔަންކާ ޕްރޮޑިއުސްކޮށްފައިވާ ރީޖަނަލް ފިލްމުތަކުގެ ތެރެއިން 2016 ގެ "ވެންޓިލޭޓާ" އަކީ އެ އަހަރުގެ ނެޝަނަލް އެވޯޑްގައި ތިން އެވޯޑް ގެންދިޔަ ފިލްމެކެވެ. އެއީ ބެސްޓް ޑައިރެކްޝަން، ބެސްޓް އެޑިޓިން އަދި ބެސްޓް އޯޑިއޮގްރަފީ އެވެ.
އިންޑިއާގެ މަޝްހޫރު އޮންލައިން ފިހާރަ ފްލިޕްކާޓްގެ އެމްބެސަތުންގެ ގޮތުގައި ބޮލީވުޑްގެ މަޝްހޫރު ތިން ތަރިއަކު ހަމަޖައްސައިފި އެވެ.
އެއީ އަމީތާބް ބައްޗަން އާއި ރަންބީރު ކަޕޫރާއި ދީޕިކާ ޕަދްކޯނެވެ. މި ތިން ތަރިންނަކީ ވެސް ފޭން ބޭސް ވަރަށް ބޮޑު ތަރިންނަށްވާތީ، މި މީހުން ބޭނުންކޮށްގެން ކުރިއަށް އޮތް ދުވަސްތަކުގައި ފްލިޕްކާޓް ވަރަށް ބޮޑަށް އިޝްތިހާރު ކުރަން މަސައްކަތް ކުރާނެ އެެވެ.
ފާހަގަކޮށްލެވޭ ކަމަކީ ތަފާތު އެކި ބްރޭންޑްތައް އިޝްތިހާރުކޮށް ދީގެން ބޮލީވުޑްގެ މަޝްހޫރު ގިނަ ތަރިން ބޮޑު އާމްދަނީއެއް ހޯދާ ކަމެވެ. އެގޮތުން އަމީތާބާއި ރަންބީރާއި ދީޕިކާއަކީ މި ލިސްޓްގެ ހަމަ ވަރަށް ކުރިން ޖާގަ ލިބޭ ތަރިންނެވެ.